އިއްޔެ އިއުލާނުކުރި އެންމެ ފަހުގެ ފީފާ ރޭންކިންގައި ދެކުނު އޭޝިއާ ސަރަހައްދުން ސްރީ ލަންކާއާއި ޕާކިސްތާނަށް ކުރިއެރުން ލިބިއްޖެއެވެ.
މިދިޔަ ދިގު އިންޓަނޭޝަނަލް ބްރޭކަށްފަހު އިއުލާނުކުރި ފީފާ ރޭންކިންގައި އަދިވެސް ދުނިޔޭގެ އެއްވަނައިގައި އޮތީ ސްޕެއިނެވެ. އަދި ދެވަނައިގައި އާޖެންޓީނާ އޮތް އިރު، ތިންވަނައިގައި އޮތީ ފްރާންސެވެ. އަދި އޭގެ ފަހަތުން އިންގްލެންޑް އޮތް އިރު، ގަދަ 10 ގެ ތެރޭގައި ކުރިއެރުން ލިބުނީ ޕޯޗުގަލްއަށެވެ. ޕޯޗުގަލްއަށް ދެ ދަރަޖައިގެ ކުރިއެރުމާއެކު މިހާރު ވަނީ ފަސްވަނަ ލިބިފައެވެ.
ޕޯޗުގަލް ކުރިއަށް ޖެހިލީ ބްރެޒިލާއި މޮރޮކޯ ފަހަތަށް ޖެހިލުމުންނެވެ.
މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ސާފް ސަރަހައްދުގެ ގައުމުތައްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ އިރު، ބަންގްލަދޭޝްއާއި ޕާކިސްތާން ވާދަކުރީ ފީފާ އާސިއާން ކަޕުގައެވެ. އިންޑިއާއިން ބްރެޒިލާއި އުރުގުއާއީ އަދި ޕެނަމާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅެފައިވާ އިރު، ރާއްޖޭންވެސް ވަނީ އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ. އެއީ ޗައިނާ، ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށެވެ. ސްރީ ލަންކާއިން ވާދަކުރީ ސީޝެލްސްއާއި މޮރިޝަސްއާ ދެކޮޅަށެވެ. ސީޝެލްއާ ދެކޮޅަށް ކުޅުނު ދެމެޗާއި މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗުންވެސް ސްރީ ލަންކާ މޮޅުވިއެވެ.
ރާއްޖޭން ތިން މެޗުންވެސް ތަފާތު ބޮޑުކޮށް ބަލިވި އިރު، ރާއްޖޭން ޗައިނާ ކައިރިން ބަލިވީ 3-0 އިންނެވެ. އަދި ކިރިގިސްތާން ކައިރިން 5-0 އިން ބަލިވި އިރު، ލުބުނާން އަތުން ބަލިވީ 6-0 އިންނެވެ.
ބަންގްލަދޭޝްއިން އާސިއާން ކަޕު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. އެހެން ނަމަވެސް ޕާކިސްތާނުން ވަނީ ވަރުގަދަ ފިލިޕީންސާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފައެވެ.
އިންޑިއާއިން ޕެނަމާއާ އެއްވަރުކޮށް ބްރެޒިލާއި އުރުގުއާއީ ދެކޮޅަށް ރަނގަޅަށް ކުޅުނު ނަމަވެސް، އެ ދެމެޗުންވީ ބައްޔެވެ. އެހެން ނަމަވެސް ދުނިޔޭ ރޭންކިންގެ 138 ވަނައިގައި ސަރަހައްދުގެ އެއްވަނަ ގައުމަކީ އަދިވެސް އެއީއެވެ. ދެން އޮތީ ރާއްޖެއެވެ. އެއީ ކުރިންވެސް އޮތް 173 ވަނައިގައެވެ. އެއީ 1997 ވަނަ އަހަރަށްފަހު ރާއްޖޭގެ އެންމެ ދަށް ރޭންކިންނެވެ.
ސަސްޕެންޝަނުގައި އޮތް ނޭޕާލްވެސް އެއް ދަރަޖަ ވެއްޓިފައިވާ އިރު، އެޓީމު އޮތީ 178 ވަނައިގައެވެ. ބަންގްލަދޭޝް އޭގެ ފަހަތުން 182 ވަނައިގައި އޮތް އިރު، ލަންކާ ތިން ދަރަޖަ ކުރިއަށް ޖެހި، މިހާރު އޮތީ 184 ވަނައިގައެވެ. އަދި ޕާކިސްތާނުން އެއް ދަރަޖައިގެ ކުރިއެރުމަކާއެކު މިހާރު އޮތީ 197 ވަނައިގައެވެ. އޭގެ ކުރިން ބޫޓާން އޮތީ 192 ވަނައިގައެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އަންނަ މަހު ބަންގްލަދޭޝްގައި ފަށަން ތައްޔާރުވާ އިރު، މިފަހަރު ނޭޕާލް ނުކުޅޭނެއެވެ. އެހެންކަމުން ވާދަކުރާނީ އަނެއް ހަ ގައުމެވެ.
ސާފް
ސާފް
ސާފް
ކޮމެންޓް