ދ. މާއެނބޫދޫގައި އޮތް ދެ އެމްބިއުލާންސް ހަލާކުވެ ދަތިތަކަކާ ކުރިމަތިވެއްޖެ އެވެ.
މާއެނބޫދޫން ކޮވިޑު ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސައީދު "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު އެމްބިއުލާންސްތައް ހަަލާކުވުމުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ސާމްޕަލް ނެގުމަށް ސިއްހީ ހިދުމަތްތެރީން ދާން ޖެހެނީ ރަށު ޕިކަޕުގައި ކަމަށާއި މިއީ ފަސޭހަ އަދި ރައްކާތެރި ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޔޫސުފް ވިދާޅުވީ އެ ރަށުގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވް 13 މީހަކު އެބަ ތިބި ކަމަށާއި 60 މީހަކު ކަރަންޓީނުގައި އެބަތިބި ކަމަށެވެ. މިހާރު ޕޮޒިޓިވް ވެފައި ތިބި މީހުންނާއި ކަރަންޓިނުގައި ތިބި މީހުންގެ ހާލު ރަނގަޅު ނަމަވެސް ހާލު ދެރަވެ ފަރުވާއަށް ސިއްހީ މަރުކަޒަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ބަލި މީހާ އުފުލާނެ އެމްބިއުލާންސެއް ވެސް ނެތް ކަމަށެވެ.
"އަދި އިރާދަކުރެއްވިއްޔާ އެއްވެސް މީހެއްގެ ހާލު ދެރައެއް ނުވޭ. އެކަމަކު ކޮވިޑު ނޫން ކަމެއްގަވެސް މީހެއްގެ ހާލު ދެރަވެދާނެ. އެ ހާލަތުގައިވެސް ބޭނުން ކުރާނެ އެމްބިއުލާންސެއް ނެތް. ދެ އެމްބިއުލާންސް މިރަށުގަ އޮވޭ. އެކަމަކު އެ ދޭތިވެސް މިއޮތީ ބޭނުން ކުރެވޭ ހާލަތަކު ނޫން. އެހެންވީމަ އަޅުގަނޑުމެންނަށް މި ދަނޑިވަޅުގަ އެމްބިއުލާންސްގެ ހިދުމަތް ވަރަށް ވެސް މުހިންމު." އޭނާ ވިދާޅުވި އެވެ.
ޔޫސުފް ވިދާޅުވީ އެމްބިއުލާންސަށް މައްސަލައެއް ދިމާވިޔަސް އެ މަރާމާތު ކޮށް ބޭނުން ކުރެވޭނެ ހާލަތަށް ގެންނާނެ ވަރުގެ ބަޖެޓެއް ސިއްހީ މަރުކަޒަށް ދީފައި ނޯންނަ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބައްލަވައި ވީ އެންމެ އަވަހަކަށް ހައްލު ވުމަކީ ރަށް މިހާރު އޮތް ހާލަތަށް ބަލާ އިރު ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ޔޫސުފް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އާ އެމްބިއުލާންސެއް ނޫނަސް އެމްބިއުލާންސްގެ ހިދުމަތް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އެގޮތުން މި މަސް ތެރޭގައި އަތޮޅުތަކަށް އެމްބިއުލާންސް ފޮނުވާއިރު މާއެނބޫދޫ އަށްވެސް އެމްބިއުލެންސެއް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.