މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ޔާމީނުގެ ފަރާތުން އިތުރު ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މިއަދު ބޭއްވި ޝަރީއަތުގައި އޮތީ، ޔާމީނުގެ ފަރާތުން ހުށައަޅަން ބޭނުންވާ އާ ހެކިތަކާ ގުޅޭގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމާއި، ހުށައަޅާފައިވާ ހުށައެޅުންތަކާ މެދު ވާހަކަ ދައްކަވައި ގޮތެއް ނިންމުމެވެ. އެއަށްފަހު މައްސަލައިގެ އެންމެ ފަހުން ދައްކަން ހުރި ވާހަކަތައް ހުލާސާ ގޮތެއްގައި ދެއްކެވުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އަންގައިފަ އެވެ.
ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތުގައި ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ، ޔާމީނުގެ ފަރާތުން 14 ހެއްކެއް ހުށައަޅުއްވާފައިވާ ކަމަށެވެ. އެ ހެކިތަކުގަައި ހިމެނޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓާ ބެހޭ ގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސުވާލު ކޮށްފައިވާ ކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަހާޒް ވިދާޅުވީ، އެ ހެއްކާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި އޯޑިއޯ، ވީޑިއޯ އަދި ޝަފަހީ ހެކިން ހިމެނޭއިރު، ތިން ގާޒީންގެ އޯޑިއޯތަކެއް ހިމެނޭ ކަމަށެވެ. ނަމަވެސް މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީނުގެ ވަކީލު ޝިޔާޒް ވަނީ ބައެއް ހެކިން ދޫކޮށްލަން ނިންމާފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ތިން ގާޒީންގެ އޯޑިއޭ ހިމެނެ އެވެ.
ޔާމީންގެ ފަރާތުން ވަނީ އާ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވީޑިއޯއެއް ހުށަހަޅައިފަ އެވެ. އެ ވީޑިއޯއަކީ އަދީބުގެ ޕްރެސް ކޮންފަރެންސް އެކެވެ. އެ ހެކި ހުށަހެޅުމުން ސުޕްރީމް ކޯޓަށް އާ ހެކިތަކެއް ހުށައަޅަން އޮންނަނީ ކީއްވެތޯ އާއި، އެ ހެކި އެ ސަބަބުތަކަށް ފެތޭތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވުމުން ޔާމީންގެ ފަރާތުން އެއަށް ޖަވާބެއް ނުދެއްވަ އެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް ވަނީ އެ ސަބަބުތަކާއި އެކަން ބަޔާންކޮށްފައިވާ ގަޒިއްޔާ ވަކީލުންނަށް ވިދާޅުވެދެއްވައިފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވަޑައިގަންނަވާއިރު ދިރާސާ ކުރައްވައިގެން ވަޑައިގެންނެވުމަށް ފަނޑިޔާރު މަހާޒް އެދިވަޑައިގެންނެވި އެވެ.
އާ ހެއްކެއްގެ ގޮތުގައި ދެން ހުށަހަޅާފައި ވަނީ، މުހައްމަދު އިސްމާއިލް އަދި މުހައްމަދު ޝާހިދު އެވެ. މިއީ އަދީބުގެ އަތުގައި ޔާމީނުގެ ފައިސާ ހުރިކަން އިތުރަށް ސާބިތުކޮށްދިނުމަށް ހުށައަޅާފައިވާ ޝަފަހީ ދެ ހެކިންނެވެ.
ތިން ވަނަ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ އަޑުކަމަށް ބެލެވޭ އޯޑިއޯއެކެވެ. އެ އޯޑިއޯއިން މައްސަލައިގެ ހުކުމުގެ "ފެކްޓް"ތަކަށް އަސަރުކުރާނެ ކަމަށް ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒު ވަނީ ވިދާޅުވެފަ އެވެ. އެއީ މުއައްވިޒުގެ އަޑުކަން ޔަގީން ކުރެވޭތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ސިޔާޒު ވިދާޅުވީ، އެކަން ޔަގީން ނުވާ ކަމަށާއި، ނަމަވެސް އެއީ މުއައްވިޒުކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ޝިޔާޒް އެހެން ވިދާޅުވުމުން ފަނޑިޔާރު މަހާޒް ވަނީ އެ އޯޑިއޯގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފައްދަވާފަ އެވެ. އަދި ހެކިބަސް ދެއްވުމަށް ޕްރެޝަރުތަކެއް އައިކަން އެ އޯޑިއޯގައި ފާހަގަކޮށްފައިވާއިރު، އެއީ ކޮންކަހަލަ ޕްރެޝަރު ތަކެއްތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވި އެވެ. އެއީ ކޮން ކަހަލަ ޕްރެޝަރުތަކެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ޕްރެޝަރތަކެއް އޮތްކަން އޯޑިއޯ އިން ދޭހަވާ ކަމަށް ޖަވާބުގައި ޝިޔާޒު ވަނީ ވިދާޅުވެފަ އެވެ. އެއަށްފަހު ޔާމީންގެ ފަރާތުން ވާހަކަ ދެއްކެވީ ވަކީލު އަލީ ޝާހު އެވެ. އޭނާ ވިދާޅުވީ، އެއީ މުއައްވިޒުގެ އޯޑިއޯއެއްކަން އޭނާ އިންކާރު ކޮށްފައި ނުވާ ކަމަށެވެ. ޝާހު ވިދާޅުވީ، ލީކު ވެފައިވާ އޯޑިއޯތަކުގެ މައްސަލަ ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން ތަހުގީގު ކުރަމުން އަންނައިރު އެކަން ޝަރީއަތުގެ ސަމާލު ކަމަށް ގެންނަން ޖެހޭ ކަމަށެވެ.
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ފަރާތުން ހެކިބަސް ދެއްވަން އިންކާރުކުރައްވައި ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގެ އިބާރާތެއް ވެސް ވަނީ ޔާމީންގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެ ސިޓީގައި މުއައްވިޒާއި ލުތުފީ ޔާމީންއާ ދުވަހަކު ވެސް ބައްދަލު ނުކުރާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. އެ ސިޓީ ހައިކޯޓަށް ހުށަނޭޅުއްވީ ކީއްވެތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވުމުން ޝާހު ވިދާޅުވީ، އޭރު ހައިކޯޓުން މައްސަލަ ނިންމެވިއިރު ފައިލްއާއެކު އެ ލިއެކިޔުން ފޮނުއްވިފައި ނުވާ ކަމަށެވެ. އަދި އެ ސިޓީ ވަކިން ހޯދުމަށް ފަހުން އިތުރު މަސައްކަތެއްވެސް ކުރެވިފައި ނުވާ ކަމަށެވެ.
ދައުލަތުން ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ސުޕްރީމް ކޯޓަށް އާ ހެކި ހުށަހެޅުއްވުމަށް އޮންނަ އުސޫލަށް ފުރަތަމަ ބަލަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ގަވާއިދުގައި އެކަން ބަޔާންކޮށްފައިވާ ކަން ފާހަގަ ކުރައްވައި ދައުލަތުން ވިދާޅުވީ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ހުއްދައާއެކު އިތުރު ހެކިތައް ހުށައެޅުއްވިދާނެ ކަމަށެވެ. އަދި އާ ހެކި ހުށަހެޅޭނެ ހާލަތްތަކާއި ޝަރުތުތައް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައި ބަޔާންކޮށްފައިވާއިރު، އާ ހެކި ހުށަހެޅޭނީ އިސްތިސްނާ ހާލަތްތަކެއްގައިކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިސްތިސްނާ ހާލަތުގައި ވެސް ހެކި ހުށަހަޅާއިރު ފުރިހަމަ ވާން ޖެހޭ ތިން އުންސުރެއް ހިމެނޭ ކަމަށާއި، އޭގެ ތެރެއިން އެއްވެސް އުންސުރެއް ހަމަ ނުވާ ނަމަ، އެ ހެއްކެއް ބަލައި ނުގަނެވޭނެ ކަން އެ ގަޒިއްޔާގައި ނިންމަވާފައިވާ ކަމަށް ދައުލަތުން ވިދާޅުވި އެވެ. އެއީ އުންސުރު ތަކުގެ ކްރެޑިބިލިޓީ، ނޮން އެވެއިލެބިލިޓީ އަދި ރިލެވެންސީ އެވެ.
އެ އުންސުރުތަކަށް ބަލާއިރު، ނޮން އެވެއިލެބިލިޓީ އަދި ކްރެޑިބިލިޓީގެ އުންސުރު އަދީބުގެ ވީޑިއޯ ރިކޯޑިން އާއި މުހައްމަދު އިސްމާއިލް އަދި މުހައްމަދު ޝާހިދުގެ ހެކީގައި ފުރިހަމަ ނުވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ.
އެގޮތަށް ދައުލަތުން ވިދާޅުވީ، ދިފާއުން ހުށަހެޅި ހެކިތަކަކީ ސުޕްރީމް ކޯޓުގެ މަރުހަލާގެ ކުރިންވެސް ހުށަހެޅެން އޮތް ހެކިތަކަށް ވާއިރު، ނޮން އެވެއިލެބިލިޓީ އުންސުރު ފުރިހަމަ ނުވަނީ އެހެންވެގެން ކަމަށެވެ. އެހެންކަމުން ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ވަނީ އެދިފަ އެވެ. މީގެ އިތުރުން ތަހުގީގު މަރުހަލާ އާއި، ސުޕްރީމް ކޯޓުގެ ކުރީގެ މަރުހަލާ ކްރިމިނަލް ކޯޓު އަދި ހައި ކޯޓުގައި އެ ހެކިތައް ހުށަހަޅާފައި ނުވާތީ ކްރެޑިބިލިޓީގެ އުންސުރު ފުރިހަމަ ނުވާ ކަމަށް ވެސް ދައުލަތުން ވިދާޅުވި އެވެ.
މުއައްވިޒު ގެ އަޑުކަމަށް ބަޔާންކޮށްފައިވާ އޯޑިއޯ އާ ބެހޭ ގޮތުން ދައުލަތުން ވިދާޅުވީ، އެ އޯޑިއޯގައި ކްރެޑިބިލިޓީ އަދި ރިލެވެންސީގެ އުންސުރު ފުރިހަމަ ނުވާ ކަމަށެވެ. ސަބަބަކީ އެއީ މުއައްވިޒުގެ އޯޑިއޯ ކަންވެސް ކަށަވަރު ކުރެވިފައި ނުވާތީ ކަމަށާއި، މުއައްވިޒަކީ ވެސް ޝަރީއަތަށް ހާޒިރު ކުރެވި ހެކިބަސް ދީފައިވާ މީހަކަށް ވާތީ ކަމަށެވެ.
ލުތުފީގެ ފަރާތުން ހެކިބަސް ދެއްވަން އިންކާރު ކުރައްވައި ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން ދައުލަތުން ވިދާޅުވީ، ނޮން އެވެއިލެބިލިޓީ އަދި ރެލެވެންސްގެ އުންސުރު ފުރިހަމަ ނުވާ ކަމަށެވެ. އެއީ ކުރިންވެސް ހުށައެޅެން އޮތް ހެއްކެއް ކަމަށް ވުމާއި، އެ ހެކީގެ ސަބަބުން މައްސަލައިގެ މައުޟޫއަށް އެއްވެސް އަސަރެއް ނުކުރާނެތީ އެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، ހެކިތައް ހުށައަޅުއްވާފައިވަނީ ހެޔޮ ނިޔަތުގައި ކަމަށާއި، އެމަނިކުފާނަކީ ބޮޑު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ މަރުހަލާގައި ހެކި ހުށަހެޅުމުގެ ފުރުސަތުތައް ކޯޓުން ދީފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު