ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް، (ސާފް) މިއަދު ހަވީރު ފެށޭ އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުގެ ވިސްނުންފުޅަކީ ދިވެހިރާއްޖެ ކުޅޭ ހުރިހާ މެޗަކަށް ދަނޑަށް ވަޑައިގަތުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ދާދި ދެންމެ "ވަން" އަށް ވިދާޅުވީ ރާއްޖޭގެ ޓީމަށް އެންމެ ގާތުން ސަޕޯޓު ދެއްވުމަކީ ރައީސް ސޯލިހު އެންމެ ބޭނުންފުޅުވާ ގޮތް ކަމަށާއި އެހެން ކަމުން ސީދާ ގަލޮޅު ދަނޑަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

"ރައީސް ބޭނުންފުޅުވަނީ ކުޅުންތެރީން ސީދާ ފެނިވަޑައިގަންނަވާ ހިސާބުގައި ހުންނަވައިގެން، އެ ކުޅުންތެރީންނާ ގާތުން ސަޕޯޓު ދެއްވަން. ރައީސް ހުންނެވީ ވެސް ވަރަށް ޖޯޝުގައި، މިރޭ އެމަނިކުފާނު ދަނޑަށް ވަޑައިގަންނަވާނެ." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ވަރަށް ހާއްސަ މުހިންމު ހާލަތެއް ދިމާވެއްޖެ ނަމަ ނޫނީ، ހުރިހާ މެޗަކަށް ވެސް ޓީމަށް ސަޕޯޓު ދެއްވަން ދަނޑަށް ވަޑައިގަތުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވަނީ ދިވެހި ގައުމީ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ. އަދި މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ވެސް ދެއްވަން ވެސް ވަނީ ނިންމަވައިފަ އެވެ. އެމަނިކުފާނު ވަނީ ދިވެހި ހުރިހާ ރައްޔިތުން ގައުމީ ޓީމަށް، ގައުމީ ޖޯޝުގައި ސަޕޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.