ޚަބަރު

އިސްލާމިކް ސްޓޭޓުގެ ފޮޓޯ ޖަހައި އަބުރު ކަތިލަމުންދާތީ އެކަން ހުއްޓުވައި ދިނުމަށް އަމީންގެ ފަރާތަން ކޯޓުގައި އެދިއްޖެ

މުހައްމަދު އިޝާން

އިސްލާމިކް ސްޓޭޓު (އައިއެސް)އން ރާއްޖޭގެ ލީޑަރުކަމަށް އައްޔަންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދުގެ އަމީންގެ އެޑިޓް ކޮށްފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުކޮށް އަބުރު ކަތިލަމުންދާތީ އެކަން ހުއްޓުވަން އަމުރެއް ނެރުމަށް އަމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ދައުލަތުން އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ހުރިހާ ދައުވާތައް ހައި ކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ. އެ ދައުވާތައް ބާތިލު ކުރީ ގެއިން ބޭރުގައި ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަން ދެން ނުއުޅެވޭ ގޮތަށް މޮނިކޮން އަމުރެއް ނެރެފަ އެވެ. މާލެއިން ފުރުން ވެސް މަނާކުރި އެވެ. ހައި ކޯޓުގެ އެ ހެކުމް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުމެވެ.

ސްޕްރީމް ކޯޓުގައި މިއަދު އެ މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ދައުލަތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިމުމުން ދިފާއަށް ވަނީ ވާހަކަ ދެއްކުމުގެ ފުރުސަތު ދީފަ އެވެ. އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން އަމީންގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، އޭނާގެ މުވައްކިލުގެ އަބުރު ކަތިލަން ސޯޝަލް މީޑިއާގައި ބައެއް މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ނޫސްތަކުން ވެސް އެ މަސައްކަތް ކުރަމުންދާކަމަށް ޔާމީން ވިދާޅުވި އެވެ. އެއީ ކޮން ނޫހެއް ކަން ޔާމީން ވިދާޅެއް ނުވެ އެވެ.

ޔާމީން ވިދާޅުވީ، އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އަމީން ހުރި ފޮޓޯއެއް އެޑިޓް ކުރުމަށްފަހު ސޯޝަލް މީޑިއާގައި ދައުރުވާ ކަމަށެވެ. އެއީ އަމީން ލައިގެން ހުރި ހެދުމުގައި އައިއެސް ލޯގޯ ޖަހާފައި ހަދާފައިވާ ފޭކް ފޮޓޯއެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އަމީން ކަތިވަޅިއެއް ހިފައިގެން ހުރި ގޮތަށް ވެސް ހަދާފައި ހުރި ފޮޓޯއެއް ދައުރު ވަމުންދާކަން ފާހަގަ ކުރައްވައި ޔާމީން އެދިވަޑައިގަތީ އެއީ ސުޕްރީމް ކޯޓުގެ އަޑުއެހުމުގެ ލައިވް ވީޑިއޯގެ ސްކްރީން ޝޮޓެއް ކަމުން އެ ކަން ހުއްޓުވައިދިނުމަށެވެ. އެ ފޮޓޯގެ ކޮޕީއެއް ވަނީ ޝަރީއަތަށް ހުށަހަޅުއްވައިފަ އެވެ.

ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ޕޮރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވީ، ދިފާއުން ފާހަގަ ކުރައްވާ ފޮޓޯގެ ކަރުދާސްތައް ލިބިފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގޮޅޭ ގޮތުން ވާހަކައެއް ދަންނަވަން ނެތް ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އަމީންގެ އަބުރު ކަތިލަމުންދާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދެއްވާނެ ކަމަށާއި، އެއަށްވުރެ ކުރިން ދިފާއުން ކުރަން ޖެހޭ ކަމަކީ އިސްތިއުނާފީ ނުކުތާ ތަކަށް ޖަވާބުދާރީވުން ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.