މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމްގައި ހިމެނޭ ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް އަމުރުކޮށް ދިނުމަށް އެދި އެޓާނީ ޖެނެރަލް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ފަށަން ހަމަޖައްސައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑާ ކުރުމުގެ ކުށް ސާބިތު ވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމް ކުރީ 28 ނޮމެންބަރު 2019 ގައެވެ.
އެ މުއްދަތުގައި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައި ނުވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
ހަމަ އެއާއެކު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި ހުސްވި ޖޫން މަހުގެ 26 ގައި މީރާއީން ރައީސް ޔާމީނަށް ނޯޓިސް ފޮނުވި ނަމަވެސް އެ ނޯޓިސްގައިވާ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން އެ ހުކުމްގައި ފައިސާ ދެއްކުމަށް ހިމަނާފައިވާ ބައި ތަންފީޒު ކޮށްދިނުމަށް އެދި، އޭޖީ އޮފީހުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅީ 24 އޯގަސްޓް 2021 ގައެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ފުރަތަމަ އަޑުއެހުން އަންނަ އޮކްޓޫބަރު މަހުގެ ހައެއް ވާ ބުދަ ދުވަހުގެ 11:20 އަށް ތާވަލު ކޮށްފައިވާކަން ސިވިލްކޯޓުން އެ އޮފީހަށް އަންގާވައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު