ތ. ތިމަރަފުށީގައި ނިރުބަވެރި ހަރަކާތްތަކެއް ހިންގަން އުޅުނީ އިސްލާމް ދީނާ ދެކޮޅު ބައެއް ކަމަށް ދައުލަތުން ބުނެފި އެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ގޮއްވާލަން އުޅުނީ އެރަށު މަދަރުސާ އެވެ. ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭ ފަދަ ކްލާސްތައް ހިންގައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތް ކޮށްފައިވާކަމަށް ވެސް ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ ބުނެފަ އެވެ. އަދި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް އެ މީހުނަށް ކުރެ އެވެ.

އެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމާއި، ހަނގުރާމައިގެ އުކުޅުތަކާއި ބޮން ހަދައި ތައްޔާރު ކުރުމާއި ގޮއްވާނެ ގޮތުގެ މެނުއަލްތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި ތައުލީމީ މަރުކަޒު ގޮއްވާލަން ރާވައި ވާހަކަ ދައްކާފައި ހުރި ކަން ފޯނުގެ މެސެޖްތަކުން އެނގުނު ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ:

އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ

އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ

އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ

މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ

އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ

ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ

އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް

އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް

ޝަރީއަތް ނިމެންދެން ބަންދުގައި އެ އަށް މީހުން ބައިތިއްބާފައި ވާއިރު، މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމަކީ ވެސް ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުމުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ކޮށްފައިވާ ބަންދު ދެމެހެއްޓުމަށެވެ. އެގޮތަށް ދައުލަތުން އެދުނީ ހެކިންނަށް ނުފޫޒު ފޯރުވާނެ ހާލަތެއް އޮތުމާއި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާ ވެދާނެ ހާލަތެއް އޮތްކަމަށް ގަބޫލު ކުރެވޭތީ އެވެ.

މީގެ އިތުރުން ދައުލަތުން ބުނީ އެ މީހުންގެ ފަރާތުން ފެނުނު އަމަލުތަކަކީ އިސްލާމް ދީނާ ދެކޮޅު އަމަލުތަކެއް ކަމަށެވެ. އެ މީހުން ގަބޫލު ކުރާ އުސޫލުތަކަކީ އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު އުސޫލުތަކެއް ކަމަށާއި މިއީ ދީނާ ވަރަށް ދެކޮޅު ބައެއް ކަމަށެވެ. ދައުލަތުން އެހެން ބުނުމުން އެ މައްސަލާގައި ހައްޔަރު ކުރި އިބްރާހީމް ލޫތާއި އަހްޝަން މުހައްމަދުގެ ވަކީލު މުހައްމަދު ރާގިބް އަހްމަދު ވިދާޅުވީ އޭނާގެ މުވައްކިލުންނާ ދިމާއަށް އެއީ "އިސްލާމުން ނޫން" ކަމަށް ދައުލަތަށް ވިދާޅު ނުވެވޭނެ ކަމަށާއި ދައުލަތުން އެގޮތަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށެވެ.

ރާގީބް ވިދާޅުވީ އޭނާގެ މުވައްކިލުންނަކީ، އިސްލާމް ދީން ގަބޫލު ކޮށްގެން ތިބި ބަޔެއް ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ، ދައުވާ ރައްދުވާ ފަރާތްތަކަކީ އިސްލާމުން ނޫން ކަމަށް ވިދާޅުނުވާ ކަމަށާއި ވިދާޅުވި ވާހަކައަކީ އިސްލާމް ދީނާ ދެކޮޅު އަމަލެއް ކުރަން ރޭވި ކަމާއި އިސްލާމް ދީނުގެ ނަމުގައި ދީނުގެ އުސޫލުތައް ނޫން އުސޫލުތަކެއް ގަބޫލު ކުރާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުހައްމަދު އާސިރުގެ ގާނޫނީ ވަކީލު އިބްރާހީމް ޒާހިރު ވެސް ވިދާޅުވީ އޭނާގެ މުވައްކިލަކީ އިސްލާމް ދީން ގަބޫލުކޮށްގެން އެ ދީނަށް ހުރުމަތްތެރިކޮށް ހިތާ މީހެއް ކަމަށެވެ. އެއީ ދީނާ ދެކޮޅު ބައެއް ކަމުގައި ސިފަ ކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަލީ މުނީޒްގެ ގާނޫނީ ވަކީލް އާދަމް ޝަމީމް ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި ވިދާޅުވީ އެމްޑީއެން ފަދަ ޖަމިއްޔާއަކުން ލާދީނީ ރިޕޯޓެއް ނެރުނު އިރު ވެސް އަމާޒު ނުކުރެވޭ ބަސްތައް ދައުލަތުގެ ވަކީލުންތަކެއް އަސާސެއް ނެތް ތުހުމަތެއް ކުރެވޭ ބަޔަކާ ދިމާއަށް ބުނުމުން ހިތާމަ ކުރައްވާ ކަމަށެވެ. މީގެ އިތުރުން އަބްދުﷲ އިމާދުގެ ގާނޫނީ ވަކީލު މުހައްމަދު ވިޝާމް ވިދާޅުވީ އެއްވެސް ބަޔަކާ ދިމާއަށް ދީނާ ދެކޮޅު ބައެއް ކަމަށް ބުނުމަކީ ދައުލަތަށް ބުނެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ބަހެއް ބުނުމަށް ފަހު މައާފަށް އެދުމުގެ ބަދަލުގައި ދައުލަތުން ޖަދަލު ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެއާއެކު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، އެއްވެސް މީހަކާ ދިމާއަށް އެއީ ދީނާ ދެކޮޅު ބަޔެއް ކަމަށް ސީދާ ކަނޑައަޅައިގެން އެއްވެސް ފަރާތަކުން ޝަރީއަތުގައި ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށެވެ. ގާޒީ އަލީ އާދަމް އެއަށް ފަހު ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރަން ނިންމި ނިންމުން ދަމަހައްޓަވަން ނިންމަވާފަ އެވެ. އެ ގޮތަށް ނިންމެވީ ދައުލަތުން ފާހަގަ ކުރައްވާ ދެ ހަލާތު ވެސް ވުޖޫދުގައި އޮތް ކަމުގައި ބެލެވޭތީ އެވެ.