ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި ކަމުގެ ކުށް ސާބިތު ވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މަރިޔަމް ނަޒާހާ، ހ. ބައިކަނޑިގޭ, ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ނަޒާހާ 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކު ރީ 2011 ވަނަ އަހަރު އެވެ. އެއީ އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު (ޝާޑު) މއ. އެދުރުގޭ 2010 ވަނަ އަހަރު މަރާލުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަޒާހާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ނަޒާހާ ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ހަ އަހަރު ފަހުން މިއަހަރު ނަޒާހާ ވަނީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގެ އިޖުރާއި އަޑުއެހުން ބޭއްވީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ނަޒާހާ ވަނީ ހަ އަހަރު ފަހުން އިސްތިއުނާފީ މައްސަލަ ހުށަހެޅި ސަބަބު ކިޔައިދީފަ އެވެ. ނަޒާހާ ބުނެފައި ވަނީ، އޭނާގެ ޝަރީއަތުގެ ވާހަކަތައް ނޫސްތަކުގައި ލިޔާތީ އޭނާގެ ފިރިހެން ދަރިފުޅަށް އޭގެ ސަބަބުން ފުރައްސާރަތައް ކުރިމަތި ވެ, ނަފުސާނީ އަސަރުތައް ކުރަމުންދާތީ ކަމަށެވެ. އަދި ބުނީ ސްކޫލުގައި ވެސް ދަރިފުޅަށް އެކަމާ ގުޅޭ ސުވާލުތައް އަމާޒުވަމުން އޭރު ދިޔަ ކަމަށެވެ. ނަމަވެސް ހަ އަހަރު ފަހުން އަލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިހާރު އޭނާގެ ދަރިފުޅު ފުރާވަރަށް އަރައިފައި ވުމުން މީގެކުރިން ދިމާވި ފުރައްސާރަތަކާ ކުރިމަތިލާން ދަރިފުޅަށް އެނގޭނޭތީ ކަމަށެވެ. އަދި މިހާރު ގާނޫނުތަކަށް ބަދަލު އައިސްފައި ވުމުން އޭނާއަށް އިންސާފު ލިބޭނެކަން ޔަގީން ވާތީ ކަމަށެވެ.
ނަޒާހާގެ ގާނޫނީ ވަކީލު ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރްޔަމް ނިހާޔަތު "ވަން"އަށް މިއަދު ވިދާޅުވީ، ނަޒާހާގެ މައްސަލަ ސުޕްރީމަށް ކޯޓަށް ބަލައިގަނެފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދޭން ނިހާޔަތު ބޭނުން ނުވެ އެވެ. އެއީ ނަޒާހާއި އަދި ބައްދަލުކުރެވިފައި ނުވާތީ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު