ގއ. ކޮލަމާފުށީ ސްކޫލުގެ ކިޔަވަމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ޓީޗަރަކު ސަސްޕެންޑް ކޮށްފި އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ، އޮގަސްޓު 23 ވަނަ ދުވަހު އެވެ.
ކޮލަމާފުށި ކައުންސިލުން "ވަން"އަށް މައުލޫމާތު ދެމުން މިއަދު ފުރަތަމަ ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަން ދޮގުކޮށްފަ އެވެ. ކައުންސލިުން ބުނީ އެރަށުން ގްރޭޑް 10 ނިންމާލި ހުރިހާ ކުދިން މިހާރު މާލެއަށް ބަދަލުވެފައިވާ ކަމަށެވެ. ކައުންސިލުން އެކަން ދޮގުކުރިޔަސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ.
އެޑިއުކޭޝަނުން ބުނީ، ޖިންސީ ގޯނާގެ މައްސަލައެއް މިނިސްޓްރީ ހުށަހަޅާފައި ވުމުން އެެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެޑިއުކޭޝަނުން ވަނީ ކުއްޖާއަށް ޖިންސީގޯނާ ކުރި ޓީޗަރު ސަސްޕެންޑުކޮށްފަ އެވެ. "ވަން" އެނގިފައިވާ ގޮތުގައި އެއީ އިންޑިއާ އަށް ނިސްބަތްވާ ޓީޗަރެކެވެ. އެ ޓީޗަރު ހައްޔަރުކުރި ކަމެއް އަދި ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.
އެރަށު ބައެއް ބެލެނިވެރީން "ވަން"އަށް މައުލޫމާތު ދެމުން ބުނީ، ބިދޭސީ ޓީޗަރަކު ކުއްޖަކަށް ޖިންސީގޯނާ ކޮށްގެން އުޅޭ ކަމުގެ ވާހަކަ ރަށުތެރޭގައި ނުދެކެވޭ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގިނަމަ އެވާހަކަ ރަށުތެރޭގައި ދެކެވޭނެ ކަމަށެވެ.
މި ހަބަރު ޝާއިއުކުރި ފަހުން ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ފަދަ ކަމެއްގެ އަޑު އިވިފައިވާ ކަމަށެވެ. އެހެން ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.