ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ ގައުމުތައް އިންތިޒާމުވެގެން ދިޔަ ދުވަސްވަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކެއް ހިނގާފައިވާ ދުވަސްވަރެކެވެ. މިގޮތުން ދިވެހިރާއްޖެވެސް މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދުނިޔޭގެ އެކި ވަރުގެ، އެކި ގައުމުތަކާ އެއް ގިންތިއެއްގައި ފައިތިލަ ސާބިތުކުރުމަށްޓަކައި އެކި މަރުހަލާތަކުގައި އެކި މަސައްކަތްކުރެވުނެވެ. 1887 ގެ ޑިސެންބަރުން ފެށިގެން ރަސްމީކޮށް ސިލޯނުގައި އޮންނަ އިނގިރޭސީންގެ ސަރުކާރަށް ދިވެހީން އައީ "ޖިޒީއެއް" ދައްކަމުންނެވެ. ދިވެހީން ދުށް ގޮތުގައި، އަދި އޭގެ ކުރިންވެސް އޮތް ގޮތުގައި އެއީ ޖިޒީއެއް ނޫނެވެ. ދެގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމެއްގެ ދަށުން ބަދަލުކުރެވެމުން ދިޔަ ރަމްޒީ ހަދިޔާއެކެވެ. އާދެ، ވެދުމެކެވެ. އެހެންނަމަވެސް އިނގިރޭސި ދައުލަތުންވެސް އަދި ފަހުން 4 ފެބްރުއަރީ 1948 ގައި ސިލޯނަށް މިނިވަންކަން ލިބުމަށްފަހު ސިލޯނުންވެސް ގަބޫލުކޮށްގެން ތިބީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ސިލޯނަށް ޖިޒީދައްކަމުން އައި "ޓްރިބިއުޓަރީ" ދައުލަތެއްގެ ގޮތުގައެވެ.
ދިވެހީންނަކީ އެއްވެސް އިރެއްގައި ދިވެހިރާއްޖެއަކީ ސިލޯނުގެ ޓްރިބިއުޓަރީ ދައުލަތެއްކަން ގަބޫލުކުރި ބައެއް ނޫނެވެ. އަދި އެއީ ކަން އޮތް ގޮތެއްވެސް ނޫނެވެ. ވެދުމަކީ ދިވެހީން ކުރިއްސުރެ ދެމުން އައި ހަދިޔާއެކެވެ. އެހެންވީމާ މިދެންނެވި ދުވަސްވަރު އޭރު ދިވެހި ސަރުކާރު ހިންގަވަން ހުންނެވި އަތިރީގޭ މުހައްމަދު އަމީން ދީދީއަށް ފެނިވަޑައިގަތީ މިއޮޅުން ފިލުއްވައި ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަން ލިބިގެންވާ ދައުލަތަކަށް ހެއްދެވުމެވެ. އަދި "ޖިޒީ" ކަމުގައި އެމީހުން ބަލަމުން އައި ވެދުން މުޅީން ކަނޑާލުމެވެ. އެގޮތުން އިނގިރޭސީންނާއި ދިވެހީންނާ ދެމެދުގައި އޮތް ހިމާޔަތުގެ އެއްބަސްވުން އައުކުރެވުނެވެ. މިކަމެއް ހިނގާފައިވަނީ 24 އޭޕްރީލް 1948 ގައި މާލޭގައެވެ.
އާދެ، އޭގެ އެންމެ ބޮޑު ބޭނުމަކަށްވީ އިނގިރޭސީންނަށްވުރެ ބޮޑަށް ސިލޯނަށް އަރާފައި އޮތް އޮޅުން ފިލުވުމެވެ. އަދި ފަހުން ސިލޯނުން ދިވެހިރާއްޖޭގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު ނުދިނުމެވެ. ނަމަވެސް ކުރިން އަޅުގަނޑު ދެންނެވި ފަދައިން، ފަހުންވެސް ސިލޯނު މީހުން ތިބީ ކުރިން ދެންނެވި ގޮތަށް ގަބޫލުކޮށްގެންނެވެ. މިކަމުގެ ހެތްކަކީ 8 މާޗު 1957 ގައި ސިލޯނުގެ ބޮޑުވަޒީރު ސޮލޮމަން ބަންޑާރަނައިކެ ދިވެހިރާއްޖޭގެ މައްޗަށް ދައުވާކުރައްވާފައިވާކަމެވެ. މި ދައުވާގައި ދިވެހިރާއްޖޭގެ މައްޗަށް ސިލޯނުގެ ސިޔާދަތީ ބާރުވެރިކަން ގެނައުމަށްޓަކައި އިނގިރޭސީންނާއެކު މަޝްވަރާކުރައްވާނެ ކަމަށްވެސް އޭނާ އިޝާރާތްކުރެއްވިއެވެ. މި ވާހަކަ އޭރުގެ ބައެއް ނޫސްތަކުގައި ވެސް ޖެހިއެވެ. ވީމާ މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި 24 އޭޕްރީލް 1948 ގައި ކުރެވުނު މުއާހަދާއަކީ ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިޒަމާނުގެ ދުނިޔޭގައި އޮތުމަށްޓަކައި އެޅިގެން ދިޔަ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
އޭގެ ފަހުން 26 ޖުލައި 1965 އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައި، ބޮޑުވަޒީރު އިބްރާހީމް ނާސިރު އިނގިރޭސީންގެ ހިމާޔަތުން ވީއްލިފައިވާ، ހުރިހާ ގޮތަކުންވެސް މިނިވަން މުސްތަގިއްލު ގައުމަކަށް ހެއްދެވި ހެއްދެވުމަކީ ދެން ކުރެވިގެން ދިޔަ އެންމެ މުހިއްމު މަސައްކަތެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 26 ޖުލައި 1965 ގައި ކަމުގައި ވިޔަސް ކަމަކީ އޭގެ މާކުރީއްސުރެ ކުރެވުނު އެތަކެއް މަސައްކަތެއްގެ ނަތީޖާއެއްކަން ކަށަވަރެވެ. މިނިވަން ގައުމެއްގެ ގޮތުގައި ނުކުތުމަށްފަހު އެ މިނިވަންކަން ދެމިގެންދާނޭ ގޮތް ހެއްދެވުމަށްޓަކައި ދެން އެޅި އެންމެ ބޮޑު ފިޔަވަޅަކީ ދުނިޔޭގެ ހުރިހާ ގައުމެއްހެން ބައިވެރިވެގެން ގައުމުތަކުގެ ސުލްހަޔާއި އެކުވެރިކަމާއި ތަރައްގީއަށްޓަކައި އުފައްދާފައިވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމާއަތްކަމަށްވާ އެކުވެރި ދައުލަތްތައް، އާދެ އދ އާ ގުޅުމެވެ. މިގޮތުން މިނިވަންކަމަށް 1 މަސް ފުރުނު 26 އޮގަސްޓު 1965 ގައި ދިވެހިރާއްޖެއިން އދ ގައި ބައިވެރިވުމަށްޓަކައި ބޮޑުވަޒީރު އިބްރާހީމް ނާސިރު ސޮއިކުރައްވައިފައިވާ ސިޓީއެއް އދ ގެ ސެކެޓްރީ ޖެނެރަލް އަށް ފޮނުއްވިއެވެ. އަދި އެސިޓީއާއެކު އދ ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތީން މެންބަރު ގައުމުތަކުން އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމައަށް އަދާކުރާނެ ކަމުގެ ލިޔުން ވެސް ހުށައެޅުއްވިއެވެ.
ދިވެހިރާއްޖެއިން އދ ގައި ބައިވެރިވުމަށްޓަކައި އެދި ފޮނުވި ސިޓީއާ ގުޅިގެން 20 ސެޕްޓެންބަރު 1965 ގައި ބޭއްވުނު ސެކިއުރިޓީ ކައުންސިލްގެ 1243 ވަނަ ބައްދަލުވަށް އެކަން އެޖެންޑާކުރެވި އެދުވަހު އެކަމުގެ ބަހުސްތައްކުރެވުނެވެ. އެދުވަހުގެ އެޖެންޑާގައި ދިވެހިރާއްޖެއަށްވުރެ ތަންކޮޅެއް ބޮޑު އެހެންނަމަވެސް ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރަށް މެންބަރުކަން ދިނުމުގެ މައްސަލަވެސް އޮތެވެ. މިދެންނެވި އިރު އެހާތަނަށް އދ ގެ މެންބަރު ގައުމަކަށް ވާން އެދިފައި އޮތް، ހުރިހާ ގޮތަކުންވެސް އެންމެ ކުޑަ ގައުމަކީ ދިވެހިރާއްޖެއެވެ. މިދެންނެވީ އާބާދީއާއި ބިމުގެ ގޮތުންނެވެ. ކޮންމެއަކަސް ދިވެހިރާއްޖެ އދ ގައި ބައިވެރިވުމަށްޓަކައި އެދި ހުށައެޅި ހުށައެޅުން ތިން ގައުމަކުން ސްޕޮންސަރކޮށް ގަރާރެއް ހުށައެޅިއެވެ. އެއީ އުރުދުން، މެލޭޝިޔާ އަދި އިނގިރޭސިވިލާތެވެ. އެދުވަހު އިނގިރޭސީންގެ މަންދޫބު ދެއްކެވި ވާހަކަފުޅުގައި އޭނާ ނިސްބަތްވާ އިނގިރޭސިވިލާތާ ދިވެހިރާއްޖެއާ ދެމެދު ސަތާރަވަނަ ގަރުނުން ފެށިގެން ގުޅުންތައް އޮންނަ ކަމަށް ވިދާޅުވެ ދިވެހިރާއްޖެ، އެކުވެރި ދައުލަތްތަކުގެ މެންބަރު ގައުމަކަށްވާން އެދި ހުށައެޅި ހުށައެޅުން އުފަލާއެކު ސްޕޮންސަރ ކުރައްވާކަމަށް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ މަންދޫބު ލޯޑް ކެރެޑަންގެ ވާހަކާގައި ދިވެހިރާއްޖެއަކީ އެއްލައްކަ މީހުންވެސް ހަމަނުވާ، ދުނިޔޭގައި އޭރު ހިނގަމުން ދިޔަ ގިނަ ކަންކަމާވެސް ދުރުގައި އޮތް، ބިމުގެ ގޮތުން ކުޑަކުޑަ ޖަޒީރާ ގައުމަކަށްވީ ނަމަވެސް އދ ގެ މެންބަރު ގައުމަކަށްވާން ދިވެހިރާއްޖެ އެންމެ ރަނގަޅަށް ކުފޫ ހަމަވާކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން ދިވެހީންނަކީ ހުއްރިއްޔަތާއި މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށާއި "ޑިމޮކްރެޓިކް" ހަމަތަކާއެކީ ގާއިމުވެފައި އޮތް ސަރުކާރެއް ލިބިގެންވާ ބައެއް ކަމަށާއި ދިވެހީންގެ ރަސްކަމަކީ މީލާދީން ބާރަވަނަ ގަރުނުން ފެށިގެން އެނގެން އޮތް ބޯދާ ރަސްކަމެއް ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އެތަނުގެ ހުރިހާ ރަށެއްގެ ރައްޔިތުން "މިނިވަންކަމާއެކު" ތަމްސީލުކުރެވޭ ބަރުލަމާނެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި 26 ޖުލައި 1965 ގައި އިނގިރޭސިވިލާތައި ދިވެހިރާއްޖެއާ ދެމެދު ކޮޅުނބުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަކީ އަމިއްލަ ފުރިހަމަ ސިޔާދަތީ ބާރާއި މިނިވަންކަން ލިބިގެންވާ ދައުލަތެއް ކަމަށާއި، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކު ހުރަހެއް ނެތި ގުޅުން ގާއިމުކުރުމުގެ ހައްގު ލިބިގެންވާ ގައުމެއް ކަމަށް އިނގިރޭސިވިލާތުން ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
އިނގިރޭސި މަންދޫބުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ދޭދޭ އެހެނިހެން ގައުމުތަކާއެކީ އެކުވެރި ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ދިވެހިރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ ކަމުގައިވާ ސިލޯނާ ވަރަށް ގާތް ގުޅުމެއް އޮންނަކަމަށާއި އަދި މުސްލިމް ގައުމަކަށްވީތީ އަރަބި ގައުމުތަކާއެކުވެސް ވަރަށް ރަނގަޅު ގުޅުމެއް ގާއިމުވެފައި އޮތް ގައުމެއް ކަމަށް ވިދާޅުވެފައިވެއެވެ. 26 ޖުލައި 1965 ގައި ފުރިހަމަ މިނިވަންކަން ލިބުމާއެކު ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރީން އެންމެ އިސްކަމެއް ދީގެން އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި އދ ގެ މެންބަރު ގައުމަކަށްވާން އެދި ހުށައެޅި ހުށައެޅުމާއި އދ ގެ ޗާޓަރުގައިވާ އެންމެހާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރާނެކަމަށް ހުށައަޅާފައިވާ ހުށައެޅުމަކީވެސް ދިވެހިރާއްޖޭގެ ގައުމެއްގެ ގޮތުގައި ކުރިއަރައި ދިޔުމަށް އޮތް އަޒުމުގެ ވަރުގަދަކަމުގެ ހެތްކެއްކަންވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ މިނިވަން ސަރުކާރެއް އޮތް، އަމިއްލަ މިނިވަންކަން ލިބިގެންވާ، ދޭދޭ ގައުމުތަކާއެކު އެކުވެރިކަމުގެ ގުޅުން އޮތް އަދި އދ ގެ ޗާޓަރުގައިވާ އެންމެހައި ކަންކަމަށް ބޯލަނބައި، ވާޖިބުތައް އަދާކުރާނެ ގައުމަކަށްވީ ހިނދު ދިވެހިރާއްޖެއަކީ އދ ގެ މެންބަރު ގައުމަކަށްވާން ބޭނުންވާ ހުރިހާ ޝަރުތެއް ފުރިހަވާ ގައުމެއް ކަމުގައި ވާތީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ މެންބަރުކަން ބަލައިގަތުމަށް ހުށައަޅާކަމަށް ލޯޑް ކެރެޑަން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހުށައެޅުން ސްޕޮންސަރ ކުރި ގައުމުތަކުގެ ތެރެއިން އުރުދުންގެ މަންދޫބު ސާދީގެ ވާހަކައިގައި ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކިތަންމެ ކުޑަ ގައުމެއްކަމުގައި ވީ ނަމަވެސް ދިވެހިރާއްޖެ އދ ގެ މެންބަރަކަށް ވެގެން ދިޔުމަކީ ވަރަށް ފާހަގަކޮށްލެވޭ މުހިއްމު ކަމަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އޭނާގެ ވާހަކައިގައި އުރުދުންގެ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އެއް ދީނެއް ހިއްސާކުރާ ބަޔަކަށްވުމުގެ އިތުރުން ސަގާފީ ގޮތުންނާއި ބަހުގެ ގޮތުންވެސް ގާތް ގުޅުންތަކެއް އޮންނަ ބައެއް ކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގެ އަޚުންނާއި އުޚުތުންނަށް އެބައިމީހުންގެ އަޑު، ބައިނަލްއަގުވާމީ ދުނިޔެއަށް އިއްވުމަށްޓަކައި އދ ގައި ބައިވެރިވުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމާ ގުޅޭ މައްސަލަ އުފަލާއެކު ސްޕޮންސަރ ކުރުމުގައި ބައިވެރިވާކަމަށް ވިދާޅުވިއެވެ.
ސެކިއުރިޓީ ކައުންސިލްގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޓައިވާން) ގެ މަންދޫބު ސުއޭ ވިދާޅުވީ އޭޝިޔާގެ ގައުމަކަށްވީތީ ދިވެހިރާއްޖޭގެ ހުށައެޅުމަށް ޗައިނާއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި އާބާދީ އާއި ބިމުގެ ގޮތުން ކިތަންމެ ކުޑަ ގައުމަކަށްވީ ނަމަވެސް ދިވެހިރާއްޖެއަކީ އދ ގެ މެންބަރަކަށް ވުމަށް ހުރިހާ ގޮތަކުންވެސް ޝަރުތު ފުރިހަމަވާ ގައުމެއް ކަމަށެވެ. އަދި އދ ގެ ޗާޓަރުގައިވެސް ގައުމުތަކުގެ ކުދިބޮޑު މިނަށް ބަލައިގެން ތަފާތުކޮށްފައި ނެތްކަމަށާއި ޗާޓަރުގައި ފުރަތަމަ މަބްދައުގެ ގޮތުގައި އޮތީވެސް މެންބަރު ގައުމުތަކަކީ ސިޔާދަތީ ގޮތުން ހަމަހަމަ ގައުމުތަކެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޗާޓަރުގައިވާ ކަންކަން ފުރިހަމައަށް ބަލައިގަންނަ އަދި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން ރުހިގަބޫލުވާ، ސުލްހަޔަށް ލޯބިކުރާ، ކޮންމެ ގައުމަކަށްވެސް އދ މެންބަރަކަށް ވެވޭނެ ކަމަށާއި ޗައިނާގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއަކީ އެ ޝަރުތު ފުރިހަމަވާ ގައުމެއް ކަމަށެވެ.
ޗައިނާގެ މަންދޫބު ސުއޭގެ ވާހަކައިގައި ދިވެހިރާއްޖެއަކީ ސައިޒުގެ ގޮތުން އެންމެ ކުޑަ ގައުމަށްވިއެއްކަމަކު އެއީ ދިވެހިރާއްޖޭގެ ހިތްވަރުގަދަ ރައްޔިތުންގެ މިނިވަންކަމާއި ހުއްރިއްޔަތު ބަލިކަށިކޮށްލެވުނު ކަމެއް ނޫންކަންވެސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ދިގުދެމިގެންދިޔަ ތާރީޚުގައި ދިވެހިރާއްޖޭގެ މައްޗަށް ވެރިވާން މަސައްކަތްކުރި ބޭރުގެ އެކިއެކި ބާރުތަކާ ދެކޮޅަށް ތެދުވެ ދިވެހީން ކޮށްފައިވާ ހިތްވަރުވެސް އޭނާ ފާހަގަކުރެއްވިއެވެ. ދިވެހީން އަވަށްޓެރި ގައުމެއްގެ (އެބަހީ އިނގިރޭސީން ވެރިކަންކުރި ސިލޯނުގެ) ހިމާޔަތް ހޯދީވެސް އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އަދި އެ ހިމާޔަތުން ވީއްލި ފުރިހަމަ މިނިވަންކަން ހޯދީވެސް އަމިއްލަ އިޚްތިޔާރުގައި ކަމަށްވެސް ފާހަގަކުރެއްވިއެވެ. ޗައިނާއިން ވާނީ ދިވެހިރާއްޖެއަށް ލިބުނު މިނިވަންކަމަށްޓަކައި މަރުހަބާކިޔައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެކަމުގެ ހެޔޮއެދުންތައް ފޮނުއްވާފައި ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ވަސީލަތްތައް މަދު ގައުމަކަށް ވީ ނަމަވެސް، މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ގައުމެއްކަން ފާހަގަކޮށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމުގެ އިތުރުން އދ ގެ މެންބަރު ގައުމަކަށްވުމުން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއަރައި ދިޔުމަށް ބޭނުންވާ ތަފާތު އެހީތެރިކަން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ޗައިނާގެ މަންދޫބު ވިދާޅުވިއެވެ.
އދ ސެކިއުރިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޫސީވިލާތުގެ މަންދޫބު ފެޑެރެންކޯ ދެއްކެވި ވާހަކައިގައި 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ލިބިގެން ދިޔަ މިނިވަންކަން ފާހަގަކުރެއްވީ އިސްތިއުމާރީ ތާރީޚުގެ ކަޅު ސަފުހާއެއް ފުށުން ޖަހާލި، އަދި ރޫސީވިލާތުން ހިތްހަމަޖެހުމާއެކު ފާހަގަކުރާ ކަމެއްގެ ގޮތުގައެވެ. އެ ދުވަހަކީ އިސްތިއުމާރީ ބާރެއްގެ އަތްދަށުން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ރައްޔިތުން ގައުމުގެ މިނިވަންކަމާއި ސިޔާސީ މިނިވަންކަން އަލުން އަނބުރާ ހޯދި ދުވަހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދިވެހީންނަށް މި ލިބުނު މިނިވަންކަމަކީ އެހާ ފަސޭހައިން ލިބިގެން ދިޔަ މިނިވަންކަމެއް ނޫންކަމަށާއި އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުން ދިވެހީން އަނދިރިކަމެއްގެ ތެރޭގައި ތިއްބައި، އެކަމާ ދެކޮޅަށް ތެދުވާނޭ ރޫހެއް އުފެދި އެކަމުގެ ހިތްވަރެއް ދިވެހީންނަށް ލިބުނީ އެހެނިހެން ގައުމުތަކުންވެސް އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ތެދުވެ ކުރި މަސައްކަތްތަކުގެ ފޮނި ނަތީޖާ، ދިވެހީންނަށްވެސް ފެންނަން ފެށި ހިސާބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިސްތިއުމާރީ ބާރުތަކުގެ ދަށުގައި ތިބި ގައުމުތަކުން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތަކީ އިސްތިއުމާރުކޮށްފައިވާ ގައުމުތަކަށް މިނިވަންކަން ދިނުމާ ބެހޭ ގޮތުން އދ އިން ފާސްކޮށްފައިވާ ގަރާރުގެ ދަށުން، އެ ގައުމެއްގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ލިބިގެންވާ ހައްގެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ވިދާޅުވި ގަރާރަކީ 14 ޑިސެންބަރު 1960 ގައި އދ ގެ އާއްމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރެކެވެ. އަދި އޭނާގެ ވާހަކަކޮޅު ނިންމަވާލެއްވީ ދިވެހިރާއްޖެ އދ ގެ މެންބަރަކަށް ހެދުމަށް ރޫސީވިލާތުން ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި އދ ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ހެދުމާ ބެހޭގޮތުން ކުރެވުނު ބަހުސްގައި ބައިވެރިވި އެހެނިހެން ގައުމުތަކުގެ ތެރެިން މެލޭޝިޔާ، ނެދަރލޭންޑް، ފަރަންސޭސިވިލާތް، ބޮލީވިއާ އަދި އުރުގުއާއީގެ މަންދޫބުންވެސް ވަނީ އެކަމަށް ތާއީދުކުރާކަން ބަޔާންކުރައްވާފައެވެ.
ބަހުސްގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ވާހަކަ ނިމުމުން ދެން ވާހަކަދެއްކެވީ ސެކިއުރިޓީ ކައުންސިލްގެ އެދައުރުގެ ރައީސް އަދި އެމެރިކާގެ މަންދޫބު އަރތަރ ގޯލްޑްބާގެވެ. އެމެރިކާގެ މަންދޫބުގެ ހައިސިއްޔަތުން އޭނާ ދެއްކެވި ވާހަކައިގައި ދިވެހިރާއްޖެ އދ ގެ މެންބަރަކަށް ވާން ތާއީދުކުރައްވާ ކަމަށާއި އެހެންނަމަވެސް އެކަމަކާއެކު ކުރިމަތިވެދާނެ މައްސަލަތަކަކަށްވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ. އެއީ އޭރު އެކި ގޮތްގޮތުން އެކި ވަރުގެ މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކުދިކުދި އެތައް ގައުމެއް ހުރީތީ އެގައުތަކުގެ ފަރާތުން އދ އަށް ކުރިމަތިވެދާނެ މައްސަލައިގެ ވާހަކައެވެ. އެ މައްސަލައަކީ އެފަދަ ގައުމުތަކުގެ ވަސީލަތްތައް ހުރި ގޮތުން އދ ގެ ޗާޓަރާ އެއްގޮތަށް މެންބަރު ގައުމުތަކުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވިދާނެ ކަމަށްޓަކައެވެ. އަދި އެކަމަކީ އދ ގެ ހުރިހާ މެންބަރު ގައުމުތަކުން ވާހަކަދައްކައިގެން އެދެވޭ ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެމެރިކާގެ މަންދޫބުގެ އެ ކަންބޮޑުވުމަކީ ފަރަންސޭސި މަންދޫބުވެސް ކޮންމެވެސް މިންވަރަކަށް ފާޅުކުރެއްވި ކަންބޮޑުވުމެކެވެ.
އެމެރިކާގެ މަންދޫބުގެ ހައިސިއްޔަތުން ވާހަކަދެއްކެވުމަށްފަހު ސެކިއުރިޓީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އދ ގެ މެންބަރަކަށްވުމަށް އުރުދުން، މެލޭޝިއާ އަދި އިނގިރޭސިވިލާތުން ހުށައަޅާފައިވާ ގަރާރަށް ވޯޓަކަށް އެއްސެވިއެވެ. 20 ސެޕްޓެންބަރު 1965 ގައި ބޭއްވުނު ސެކިއުރިޓީ ކައުންސިލްގެ 1243 ވަނަ ބައްދަލުވުމުގައި އަތް ނަގައިގެން މި ނެގުނު ވޯޓުން ސެކިއުރިޓީ ކައުންސިލްގެ މެންބަރު ހުރިހާ ގައުމެއްގެ އިއްތިފާގުން ދިވެހިރާއްޖެ އދ ގެ މެންބަރު ގައުމަކަށް ހެދުމަށް ހުށައެޅި ގަރާރު ފާސްވިއެވެ. އެއަށްފަހު 21 ސެޕްޓެންބަރު 1965 ގައި އޮތް އދ ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއަކީ އދ ގެ މެންބަރު ގައުމެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެހިގެން ދިޔައެވެ. ދިވެހިރާއްޖޭގެ ރަސްމީ މަންދޫބުން ވަޑައިގެން އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުނީ 12 އޮކްޓޯބަރު 1965 ގައެވެ. ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ އދ އަށް ދިވެހިރާއްޖެއިން ކަނޑައެޅި ފުރަތަމަ ދާއިމީ މަންދޫބު އަހުމަދު ހިލްމީ ދީދީއާއި އަބްދުއްސައްތާރު މޫސާ ދީދީއާއި ކަނޑި އަހުމަދު އިސްމާއީލްއެވެ. އދ ގެ ފަރާތުން އިސްވެ ހުންނެވީ އދ ގެ ސެކެޓްރީ ޖެނެރަލް ޔޫ ތަންޓްއެވެ.
އދ ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ދިދަ ނެގުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އދ ގެ ސެކެޓްރީ ޖެނެރަލް ޔޫ ތަންޓް ވިދާޅުވީ ދިވެހިރާއްޖެއަކީ އާބާދީއާއި ބިމުގެ ގޮތުން އދ ގައި ހިމެނޭ އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ވުމަކީ އެ ރަސްމިއްޔާތުގެ މުހިއްމުކަން ކުޑަވެގެން ދާނޭ ކަމަށް ނޫންކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ކުޑަގައުމެއް އދ ގައި ބައިވެރިވުމުން، އދ ގެ ބާރު ދެމިގެން އަންނަނީ ހަމައެކަނި ބާރުގަދަ ބޮޑެތި ގައުމުތަކުގެ ބާރާއި ނުފޫޒުން ނޫންކަމާއި، ކުދި ބާރުގެ ގޮތުން ދަށްފަންތީގެ ގައުމުތަކުގެވެސް އެހީތެރިކަމާއި އެއްބާރުލުމުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އދ ގެ ތެރެއިން ބޮޑެތި ގައުމުތަކަށް ކުދި ގައުމުތަކުގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް ބާރުއެޅިގެންދާކަމަށްވެސް ވިދާޅުވިއެވެ.
21 ސެޕްޓެންބަރު 1965 ގައި އދ ގެ މެންބަރަކަށްވި އޭރުގެ އެންމެ ކުޑަގައުމު ވަނީ ކުދި ގައުމުތަކުގެ ފަރާތުން އދ ގައި ތަފާތު އެކި މިސާލުތައް ދައްކާފައެވެ. ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތުކޮށް ތަފާތު އެކި ފަހަރުމަތިން އަޑުއުފުލާފައެވެ. އަދި މިއަދު އދ ގެ އާއްމު މަޖިލީހު ރިޔާސަތުގައި ދިވެއްސަކު ހުރި ކަމަކީ ދިވެހިރާއްޖެ އދ ގައި ބައިވެރިވުމަށްޓަކައި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު ސިޓީގައިވާ ގޮތަށް އދ ޗާޓަރާ އެއްގޮތަށް މަސައްކަތްކުރަމުން އަންނަކަން ދޭހަކޮށް މިސާލެކެވެ. ކުޑަކުޑަ ގައުމަކުންވެސް އެފަދަ މަގާމަކަށް އާދެވޭނެ ފަދަ ގާބިލު މީހުން އުފެއްދޭނެ ކަމުގެ މިސާލެކެވެ.
********
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.