މިއީ މުޅިދުނިޔޭގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ބޮޑުއީދުގެ ބޮޑުއުފަލުގެ ދުވަސްވަރެވެ. މުޅިދުނިޔޭގައި، ދިވެހިރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރީގެ ދުވަސްވަރެވެ. ދުނިޔޭގެ އެންމެބޮޑު ފުޓުބޯޅަ މުބާރާތް ބެލުމުގެ އުފާވެރިކަމުގެ ޖޯޝާއިފޯރިއެވެ.

ދުނިޔޭގައި އަދި ދިވެހިރާއްޖޭގައިވެސް އެންމެ ތަރުހީބު ބޮޑު އެންމެ ފޯރިގަދަ ކުޅިވަރަކީ ފުޓުބޯޅައެވެ. މިފަހަރު ވޯލްޑުކަޕު އުތުރު އެމެރިކާގެ މުޅިބައްރުގައެވެ. ކެނެޑާ، އެމެރިކާ އަދި މެކްސިކޯގައެވެ. ދުނިޔޭގެ އެންމެ އާރާބާރުހުރި އެމެރިކާގައެވެ. އެހެނަަސް މި 3 ގައުމުންކުރެ ފުޓުބޯޅަޔަށް މޮޅީ މެކްސިކޯއެވެ. މެކްސިކޯގައި 1986 ގެ ވޯލްޑްކަފް ބޭއްވުނެވެ. އެމެރިކާގައި 2002 ގެ ވޯލްޑްކަފް ބޭއްވުނެވެ. އެފަހަރުވެސް ވޯލްޑްކަފް ހޯދީ ދެކުނު އެމެރިކާ ބައްރުގެ 2 ގައުމުންނެވެ. 1986 ގެ ވޯލްޑްކަފް ޗެމްޕިޔަން އާޖެންޓީނާއެވެ. 2002 ގެ ވޯލްޑްކަފް ޗެމްޕިޔަން ބުރެޒިލްއެވެ.

ވޯލްްޑްކަޕް ފެށުނީ 1930ގައެވެ ވީމާ، 96 އަހަރެވެ. 5 ފަހަރު ދުނިޔޭގެ ޗެންޕިޔަންކަމުގެ ރިކޯޑާއެކު ވޯލްޑްކަޕުގެ އެންމެ ޝަރަފުވެރި ރިކޯޑު އޮތީ ދެކުނުއެމެރިކާގެ ބުރެޒިލަށެވެ. 2 ވަނައިގައި 2 ގައުމެވެ. 4 ފަހަރު ވޯލްޑްކަޕު ލިބުމުގެ ރެކޯޑު ޔޫރަޕުގެ ޖަރުމަނުވިލާތާއި، ޔޫރަޕުގެ އިޓަލީވިލާތެވެ. 3 ވަނައިގައި ވަނީ 3 ފަހަރު ވޯލްޑްކަޕު ލިބުމުގެ ޝަރަފު ހޯދި އެންމެފަހުގެ ޗެމްޕިޔަން އާޖެންޓީނާއެވެ. 4 ވަނައިގައި ވަނީ 2 ގައުމެވެ. ދެކުނު އެމެރިކާގެ އުރުގުއޭ އަދި ޔޫރަޕުގެ ފަރަންސޭސިވިލާތެވެ. މިއީ 2 ފަހަރު ވޯލްޑްކަޕު ކާމިޔާބުކުރި 2 ގައުމެވެ. 5 ވަނައިގައި 1 ފަހަރު ވޯލްޑްކަޕު ލިބުނު 2 ގައުމެވެ. ޔޫރަޕުގެ 2 ގައުމު ކަމަށްވާ އިނގިރޭސިވިލާތާއި، އިސްޕޭންވިލާތެވެ. ވީމާ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެންމެ ކާމިޔާބު 2 ބާރަކީ ޔޫރަޕާއި، ދެކުނުއެމެރިކާއެވެ.

ދިވެހިރާއްޖެއަށް ވަގުތުން ފެނުމުގެ ފުރުސަތު ލިބުނު ފުރަތަމަ ވޯލްޑުކަޕަކީ މެކުސިކޯގައި 1986ގައި ބޭއްވުނު "މެކްސިކޯ86"އެވެ. އެއީ އާޖެންޓީނާގެ ފަހަރެވެ. މަރަޑޯނާގެ ރަންޒަމާނެވެ. އެއިގެ ފަހުން މިވީ 40 އަހަރު ހުރިހާ ވޯލްޑުކަޕެއް ދިވެހީންނަށްވެސް ވަގުތުން ފެނުނެވެ. ފަހަރެއް ފަހަރަކަށްވުރެ ފަސޭހަ ފުރިހަމަ ގޮތެއްގައެވެ. ސަޕޯޓުކުރުމުގެ އެންމެ ފޯރިގަދަކަން އެންމެ ޖޯޝް ދިވެހީންގެ ކިބައިގައިވެއެވެ. ބުރެޒިލް، އާޖެންޓީނާ، އިޓަލީ، ޖަރުމަނު، ފުރާންސް، ސްޕެއިން، ޕޯޗުގަލް އަދި އެހެން ގައުމުތަކުގެ ސަޕޯޓަރުން ދިވެހީންގެ ތެރޭގައި ހިމެނެއެވެ.

މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން، ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. ވީމާ، ގައުމީ ގޮތުން، ބައިނަލްއަގުވާމީ ގޮތުން ކުޅިވަރަށް ދެވިފައިވާ މަގާމު ވަރަށްވެސް މައްޗެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ ހަރަކާތްތަކަކަށް ވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ޖޯޝް ވަރުގަދަވުމާއި، އެކުވެރިވުމުގެ މަތިވެރިސިފަވެސް އިތުރުވެއެވެ.

‫ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވިތާ 75 އަހަރު އަލިމަސްޔޫބީލް ފަހަނައަޅައިފިއެވެ. އެއީ 1945ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުން، ދިވެހިރާއްޖެ ސަލާމަތް ވެ ފެށުނު ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން (ކުރިކެޓު ފިޔަވައި) ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖެއަށް ތައާރަފުވުމުގެ ތެރެއިންނެވެ. ސިލޯނުގެ ތަޖުރިބާކާރުގެ މާހިރެއް ކަމުގައިވި، މައިކަލް ޑިސިލްވާ އިރުޝާދުގެ ދަށުން ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ ފުރަތަމަ މުބާރާތް އޮތީ 1946ގައެވެ. މިމުބާރާތް އޮތީ ސަރުކާރުގެ އޮފީސްތަކުން ވާދަކުރި މުބާރާތެއްގެ ގޮތުގައެވެ. އޭގެފަހުން އަވަށު ކުލަބުތައް އުފެދި އަވަށު ކުލަބުތަކުން ވާދަކުރި ފުޓުބޯޅަ މުބާރާތްތައްވެސް އަމީނީ ދައުރުގައި ބޭއްވުނެވެ. އަދި މާލޭގެ 4 އަވަށަށް 4 ދަނޑު ތައްޔާރުކުރެވުނެވެ. ގައުމީ ދަނޑެއް ހިމެނޭގޮތުން 5 ދަނޑު، ކުޅިވަރު ދަނޑުތަކުގެ ގޮތުގައި މާލޭގައި، އަމީނީ ދައުރު ނިމުނުއިރު އޮތެވެ. އަދި އަމީނީ ދައުރު ނިމުނުއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ފުޓުބޯޅަ ދަނޑެއް ހެދިފައިވިއެވެ. މުޅިރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެފައެވެ.

"ކުޅިވަރަކީ، ޒުވާނުންގައި އެކުވެރިކަން އުފެއްދުމުގެ އެންމެވަރުގަދަ އެއްބާރެވެ. ގައުމިއްޔަތަކީ، އެބައިމީހުންގެ ރޫހު އެއިން ދިރުވަންވީ އަގުހުރި ޖައުހަރެވެ. މިދެބައި އެކުވެގެން އުފައްދާނީ ގައުމުގެ މުސްތަގުބަލުގެ ބާއްޖަވެރިކަމެވެ. ގައުމުގައި ކުޅިވަރުގެ މަގާމަކީ އެކުވެރިކަމާއި ފުރިހަަމަ ތަރުބިއްޔަތެއްގެ މަތިވެރި މަގާމެވެ. އޭގެސަބަބުން އިއްތިހާދެއްގެ ހުރިހާ މޮޅުސިފަތަކެއް އެބައެއްގައި އަށަގަންނަމުން އަންނާނެއެވެ. ޒުވާނުންގެ ހިތްތައް އެކުވެރިވުމުގެ ސަަބަބުން ހަރަކާތްތަކުގައި އެއުފައްދާ ހަލުވިކަމާއި އެއްބާރުލުމުގެ އަމާޒަކީ އުފެދޭ އިޚުލާސްތެރި ލޯތްބެވެ. އިންސާނިއްޔަތުކަމުގެ މުޅިޝަރަފު ހޯދުމަށް ގަދައަޅާ ވަރުގަދަ ލޯތްބެވެ. ޝައްކެއްނެތެވެ. ގައުމުގެ މުސްތަގުބަލަކީ ޒުވާނުންގެމެދުގައި އުފެދެމުންދާ ދިރުމުގެ ހަރަކާތްތަކެވެ. އެކަމުގެ ރޫހަކީ އެކުވެރިކަމުގެ ފިލާވަޅުތަކެއް ކަމުގައި ހިމެނޭ މަތިވެރި ކުޅިވަރެވެ. "އަލްއުސްތާޛު އިބްރާހީމް ޝިހާބު) ރަޙިމަހުﷲ.) 26 ޖުލައި 1974ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވެއެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.