ދިވެހިރާއްޖޭގެ އެންމެމަތީ ވެރިކަން ކުރެއްވި ތުއްޕުޅު 2 ރަސްކަލުންގެ ރަސްކަން އޮތީ އެ 2 ރަދުންގެ އުމުރުފުޅުން 10 އަހަރުފުޅުވެސް ފުރިހަމަ ނުވަނީހެވެ. މި 2 ރަސްކަލުންގެ ނަންފުޅުގައި މުޙައްމަދު ހިމެނެއެވެ. އެއީ 17 ވަނަ ގަރުނުގައި 1687 އިން 1691 އަށް ރާއްޖޭގެ ރަަސްކަންކު ރެއްވި އައްސުލްތާން ކުޑަ މުޙައްމަދުސިރީ ރަންމަނި ލޯކަ މަހާރަދުންނާއި، 19 ވަނަ ގަރުނުގައި 1892ގައި ރާއްޖޭގެ ރަަސްކަން ކުރެއްވި އައްސުލްތާން މުޙައްމަދު ޢިމާދުއްދީން (5ވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. މިއީ އާގަނޑުވަރު މަނިއްޕުޅު މިނަމުން މަޝްހޫރު ބޭފުޅެކެވެ.

އައްސުލްތާން ކުޑަ މުޙައްމަދުސިރީ ރަންމަނި ލޯކަ މަހާރަދުންނަކީ، މަޝްހޫރު އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުންނެވެ. މަންމާފުޅަކީ މަރިޔަމް ކަނބާއެވެ. 1887ގައި އިސްކަންދަރު ރަސްގެފާނު އަވަހާރަވުމުން އެރަދުންގެ އެހެން ދަރިކަލެއް ނެތުމުން އުމުރުފުޅުން އެންމެ 6 އަހަރުފުޅުގެ ތުއްޕުޅުއިރު މިރަދުން ރާއްޖޭގެ ރަަސްކަމަށް އިސްކުރެވުނެވެ. ރަދުން އުމުރުފުޅުން 10 އަހަރުފުޅުގައި ތުއްޕުޅުއިރު އަވަހާރަވަންދެން 4 އަހަރު ރާއްޖޭގެ ރަސްކަމުގައި ނުވަތަ އެންމެ މަތީ ވެރިކަމުގެ ނަންފުޅު ލިބިވަޑައިގެންވިއެވެ. މި ތުއްޕުޅު ރަދުންގެ 4 އަހަރުގެ ރަސްކަން ހިންގެވީ މަންމާފުޅު އިސްވެހުންނަވައިގެންނެވެ. އެއީ ދިވެހި ތާރީޚުގެ ރިވެތި ޒަމާނެއް ނޫނެވެ. މި ތުއްޕުޅު ރަދުން އަވަހާރަވީ އުމުރުފުޅުން 10 އަހަރުފުޅުގައި ރަސްކަމުގެ އަރުމާދުގެ ގުރާބުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިވަޑައިގެން ކަނޑަށް ވެއްޓިވަޑައިގެން ލިބިވަޑައިގެންނެވި ބޮޑު ޒަޚަމުން ފަސޭހަފުޅު ނުވެ އެއާލާސްކަންފުޅުގައެވެ. އަވަހާރަވީ މާލޭގައެވެ. މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި މިރަދުންގެ ޒިޔާރަތް އެބަހުއްޓެވެ. މިރަދުން އަވަހާރަވީ އުމުރުފުޅުން 10 އަހަރުފުޅުގައި ކަމުގައިވުމުން މިރަދުންގެ ދަރިކޮޅެއް ނެތެވެ.

އައްސުލްތާން މުޙައްމަދު ޢިމާދުއްދީން (5ވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަކީ، ނޫރައްދީން ބަންޑާރައިންނާއި ބޮޑުގަލުގޭ ދީދީގެ ދަރިކަލުންނެވެ. މި މަނިއްޕުޅު ރަސްކަމަށް އިސްކުރެވުނީ އުމުރުފުޅުން 8 އަހަރުފުޅުގައެވެ. އެއީ ބައްޕާފުޅު ނޫރައްދީން ބަންޑާރައިން އަވަހާރަވުމުންނެވެ. އެއިރު އެމަނިއްޕުޅަށްވުރެ ދޮށީ ބޭބޭފުޅެއް އެމަނިއްޕުޅުގެ އެއްބައްޕާފުޅު ދޮށީ މަނިއްޕުޅެއް ކަމުގައި ހުންނެވިިވެސްމެއެވެ. އެއީ މުލީގޭ މަނިއްޕުޅު ނުވަތަ ފަހުން ޝަމްސުއްދީން ރަދުންނެވެ. ނޫރައްދީން ބަންޑާރައިން އަވަހާރަވިއިރު ދޮށީދަރިކަލުން މުލީގޭ މަނިއްޕުޅުގެ އުމުރުފުޅަކީ 14 އަހަރެވެ. ކޮންމެއަކަސް "ތުއްޕުޅުކަމުން" މިރަދުންގެ ރަަސްކަން ނިމުނީ އަހަރެއްވެސް ނުވަނީހެވެ. އާގަނޑުވަރު މަނިއްޕުޅުގެ ނަންފުޅުގައި މިރަދުން ހުންނެވީއެވެ. އުމުރުފުޅުން 40 އަހަރުފުޅު ނުވަނީސް 1920ގެ އަހަރުތައް ފެށުނުތަނާހެން އިންފުލުންޒާގެ އާލާސްކަންފުޅެއްގައި އަވަހާރަވީއެވެ. ހައްޖުދަތުރުފުޅެއް ފަށްޓަވައި ރާއްޖެއިން އިންޑިޔާއަށް ވަޑައިގެން ބޮންބޭ ސަހަރުގައި ޖެހިވަޑައިގެންނެވި އާލާސްކަންފުޅުގައި އަވަހާރަވެ އެތަނުގައި ފަސްދާނުލެވިފައެވެ. މި ރަދުންގެ ދަރިކޮޅު އެބައޮތެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.