ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގެ މެދުގައިވާ އެންމެ މުހިންމު މަގު، މަޖީދީމަގު ފަޚުރުވެރިވާ ދިވެހިރާއްޖޭގެ ޢިމާރާތްތަކުގެ "ރަސްގެފާނު" ކަމުގައި ހިމެނުނު ތާރީޚީ ބިނާއެވެ. "މީގެ ދެ އަހަރު ކުރިއެވެ. މަޖީދީ މަގުގައި ހުރި އާގަރާ ގޯތީގައި ހުރީ ގޯނބިލި ގަހާއި ކުދި ވިނަގަސްތަކެކެވެ. އޭގެ ދެ އަހަރު ފަހެވެ. އެ ބިމުގައިވާ ބިޔަ ބޮޑު ޢިމާރާތަކީ މުޅި މަޖީދީ މަގު ފަޚުރުވެރިވާ ދިވެހިރާއްޖޭގެ ޢިމާރާތްތަކުގެ "ރަސްގެފާނެވެ". މޭ 1959 ގައި "ސިނަމާ" މަޖައްލާގައި ލިޔެފައި ވެއެވެ. މިއިން ދޭހަވަނީ މީގެ 67 އަހަރު ކުރިން ހުޅުވުނު އޮލިމްޕަސް ތިއޭޓަރަކީ މާލޭގައި އަދި މުޅި ރާއްޖޭގައި އޭރު ހުރި މިފަދަ އެންމެ ފުރިހަމަ އެއް ބިނާ ކަމެވެ.

އޮލިމްޕަސް ހުޅުވުން

"އޮލިމްޕަސް" ހުޅުވުނީ 21 މޭ 1959 ދުވަހުގެ ރޭ އަށެއް ޖެހިއިރުއެވެ. ރަސްމީ ގޮތުން މި ބައިސްކޯފުގެ ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންނެވެ. މި ތާރީޚީ އިޙްތިފާލްގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އޮލިމްޕަސް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ޚިޔާލު ފާޅުކުރެވުނީ ސިނަމާ ކުންފުނިން ހިންގަން ފެށި ފުރަތަމަ ސިނަމާ "ފަރީދީ ސިނަމާ" (މިހާރު ރިޔާސީ ވެހިކަލް ގަރާޖު ހުރި ބިން) އަށް ވުރެ ފުރިހަމަ ސިނަމާއެއް ދިވެހިރާއްޖޭގައި ހުންނަން ވެއްޖެ ކަމަށް ދެކެވުނު ވާހަކަތަކުގައެވެ. މި މަޝްވަރާތައް ކުރެވުނީ 1957 ގައި ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރެވެ. ނަތީޖާއެއްގެ ގޮތުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ލަސްތަކެއް ނުވެ ހަމަ އެ އަހަރު (1957 ގައި) ފެށުނެވެ. މި މަޝްރޫޢުގެ މަސައްކަތް ރޭވިފައިވަނީ ރާއްޖޭގައި އެ ދުވަސްވަރު ނެތް ފަދަ ރީތި ފުރިހަމަ ބޮޑު ޢިމާރާތެއް ކުރާ ގޮތަށެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ރަނގަޅު ސިނަމާތަކާއި އެއް ފެންވަރުގެ ފުރިހަމަ ސިނަމާއެއް ބިނާކުރުމަށެވެ. އެހެން ކަމުން މިފަދަ މަސައްކަތެއް ކުރެވޭ ވަރުގެ ޤާބިލްކަން ހުރި ބަޔަކާއި މަސައްކަތް ޙަވާލުކުރުމަށް ނިންމައި އެ މަސައްކަތް ޙަވާލުކުރެވުނީ ސިލޯނުގެ ކަމާ ބެހޭ ތަޖުރިބާކާރު ކުންފުންޏަކާއެވެ. ސިލޯނުގެ (މިހާރު ނަމަ ސްރީލަންކާގެ) އެޗް.އެސް. އާޓިސަންސް ކުންފުނިން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އެ ދުވަސްވަރާއި އަޅައި ބަލާއިރު ހައިރާންވާ ފަދަ ބާރުމިނެއްގައި ކުރު މުއްދަތެއްގައި ވަރަށް ފުރިހަމައަށެވެ.

އޮލިމްޕަހުގެ ރަންޒަމާނަކީ 1960 އާއި 1970 ގެ އަހަރުތައް ---

11 ޑިސެމްބަރު 1957 ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އިސްތިޢުފާ ދެއްވުމުން، 12 ޑިސެމްބަރު 1957 ގައި ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށެވެ. މި މަޝްރޫޢުގެ މަސައްކަތް އެހާ ފުރިހަމަ ގޮތެއްގައި ކުރެވުނީ ޚުދު ބޮޑުވަޒީރު އިބްރާހީމް ނާޞިރު މި ކަމަށް ދެއްވި ސަމާލުކަމާއި ސިނަމާ ކުންފުނީގެ ވެރިންގެ ހިންގުންތެރިކަމުގެ ސަބަބުންނެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މި ބޮޑު މަސައްކަތް ނިންމައި ފުރިހަމަ ކުރެވުނެވެ. ސިނަމާއަކަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ވެސް އެކުލެވޭ ގޮތަށެވެ. އެ ދުވަސްވަރުގެ ޙާލަތަށް ބަލާއިރު މިއީ ވަރަށް އުނދަގޫ ކަންކަމެވެ. ދަތުރުފަތުރާއި މުވާޞަލާތުގެ ގޮތުން ބެލިޔަސް އެހެނިހެން ގޮތްގޮތުން ބެލިޔަސް މި ދުވަސްވަރު ކަންކަން ކުރާ ގޮތްތަކާއި، އެ ދުވަސްވަރު ކަންކަން ކުރެވެން ހުންނާނެ ގޮތްތައް ވަރަށް ތަފާތެވެ. އަވަހަށް ކަންކަން ކުރަން އުނދަގޫވާނެއެވެ. އެހެން ނަމަވެސް މިފަދަ ކުރު މުއްދަތެއްގައި މި ބޮޑު މަސައްކަތް ފުރިހަމަ ކުރެވުނު ކަމީ، ތާރީޚީ ލާމަސީލު މިސާލެކެވެ.

"އޮލިމްޕަސް" މި ނަމަށް ބަލާއިރު، މިއީ ފަންނީ ގޮތުންނާއި ފަލްސަފާގެ ގޮތުން މަޝްހޫރު ޔޫނާނު (ގްރީކް) ގެ ނަމެއް ކަން ފާހަގަކުރެވެއެވެ. އޮލިމްޕަހުގައި ފުރަތަމަ ދެއްކި ފިލްމުތަކުގެ ތެރޭގައި ގިނައީ ހިންދީ ފިލްމުތަކެވެ. އަދި އިނގިރޭސި ފިލްމުތައް ވެސް ދައްކައެވެ. 1960 އާއި 1970ގެ އަހަރުތަކުގައި ހިންދީ ފިލްމާއި އެނޫންވެސް ފިލްމުތައް ފޯރިއާއެކު އޮލިމްޕަހުގެ ބޮޑު އިސްކްރީނުގައި ދެއްކިއެވެ. ވަރަށް ބޮޑު ތަރްޙީބެއް ލިބިގެންނެވެ.

1980ގެ އަހަރުތަކުގައި ހިންދީ ފިލްމާއި އެނޫންވެސް ފިލްމުތަކުގެ އިތުރަށް ދިވެހި ފިލްމުތައްވެސް ދައްކަން ފެށުނެވެ. އެކިއެކި ތަމްސީލް ޝޯވތައްވެސް އޮލިމްފަހުގެ ސްޓޭޖުގައި ހުށަހަޅައިދެވުނެވެ. 1990ގެ އަހަރުތަކުގައި ސްކޫލްކުދިންގެ ލަވަ މުބާރާތް ފޯރިއާއެކު އޮލިމްޕަހުގައި ކުރިއަށްގެންދެވުނެވެ.

އޮލިމްޕަހުގެ ތާރީޚުގައި އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ އެއް ކަމަކީ، "އޮލިމްޕިއަންސް" މިއުޒިކް ބޭންޑެވެ. މިއީ 1970 ގެ އަހަރުތަކުގައި މުޅި ރާއްޖޭގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ބޭންޑެވެ. މި ބޭންޑުގެ ލަވަތަކަކީ، ދިވެހީންގެ ހިތްތަކާއި ވިންދާއި ގުޅިފައިވާ ލަވަތަކެކެވެ.

ވީމާ، އޮލިމްޕަހަކީ ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގައި އެއްވަނަ ދަރަޖަ ޙާޞިލްކޮށްފައިވާ ޝަރަފުވެރި ބިނާއެވެ. މިހާރުގެ މެދު ޢުމުރުގެ މީހުންނާއި، މުސްކުޅިން، އެ މީހުންގެ ކުޑައިރާއި ޅަފުރާގެ އަދި ޒުވާން ޢުމުރު ހިތްހަމަޖެހުމާއި މުނިފޫހިފިލުވުން އެ ތަނަކާއި އެންމެ ބޮޑަށް ގުޅިފައިވާ ފަޚުރުވެރި މިހާރު ތާރީޚީ ބިނާއެއް ކަމުގައިވެފައި ވަނީ އޮލިމްޕަސް ފިޔަވައި ދެވަނަ ތަނެއް ނޫނެވެ.\

މި ގޮތުން ބަލާއިރުގައި 60 އާއި 70 ގެ އަހަރުތަކުގައި ދެ ޖިންސުގެ ޒުވާނުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އެންމެ މުހިންމު މަރުކަޒަކީ އޮލިމްޕަސް ފިޔަވައި ދެވަނަ ތަނެއް ނުމެ ނޫން މެއެވެ. އޮލިމްޕަހުގައި އެންމެ ކުލަގަދަ ގޮތެއްގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއް އޮތީ، 1960 ގެ އަހަރުތަކާއި 1970 ގެ އަހަރުތަކުގައިކަން ފާހަގަކުރެވެއެވެ. 1980 ގެ އަހަރުތަކުގައި ވެސް އެކަށީގެންވާ ގޮތެއްގައި އެ ކަން ކުރިއަށް ދިޔައެވެ. 1990 ގެ އަހަރުތަކުގައި ވެސް 2000 ގެ އަހަރުތަކުގައި ވެސް އެންމެ ފުރިހަމަ ގޮތެއްގައި ނޫން ނަމަވެސް އެ ކަންކަން ހިނގަމުންދިޔައެވެ. މިހާރު އަނެއްކާވެސް ކޮންމެވެސް ވަރަކަށް އޮލިމްފަހުގެ ޑިމާންޑު އަންނަނީ އިތުރުވަމުންނެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.