އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަކީ މި ފަހުން ބާއްވާނެ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބަކީ ހުރިހާ ގޮތަކުންވެސް ހާއްސަ އިންތިހާބެކެވެ. މިއީ މިހާތަނަށް އެމްޑީޕީން ބާއްވާ އެންމެ ވާދަވެރި އިންތިހާބެވެ. އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަަދު ނަޝީދުގެ ވާދަވެރިކަން މި އިންތިހާބުން ފެނިގެންދާނެ އެވެ. އެމްޑީޕީގެ ކޮންޓްރޯލް އޮތީ ކޮން ބޭފުޅަކަށް ކަން މި އިންތިހާބުން ހާމަވެގެންދާނެ އެވެ.

މާދަމާ ބާއްވާ މި އިންތިހާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އިންތިހާބު ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، 300 ވޯޓް ފޮށި ބަހައްޓާނެ އެވެ. 900 އޮފިޝަލުން ހަރަކާތެރިވާނެ އެވެ. މި އިންތިހާބުގައި 93،000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓް ލެވޭނެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މާދަމާ ބާއްވާއިރު، ޕާޓީ އޮތީ ބައިބައިވެފަ އެވެ. ދެ ފެކްޝަނަކަށް ބެހިފަ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޕާޓީ ވަނީ ބައިބައިވެފަ އެވެ. ދެ ބޭފުޅުންވެސް ވަނީ މި އިންތިހާބަށް ކެންޑިޑޭޓުން ނެރުއްވައިފައެވެ. އެހެންވެ މި އިންތިހާބު ވެގެންދާނީ އެމްޑީޕީގެ ތާރީހުގައި ބޭއްވޭ އެންމެ ވާދަވެރި އިންތިހާބަށެވެ.

އެމްޑީޕީ އުފެދުނީއްސުރެ ވޭތުވެދިޔަ ގިނަ އަހަރު ތަކުގައި އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮތީ ނަޝީދުގެ އަތްޕުޅުގައެވެ. އެޕާޓީގެ އެހެން މެންބަރަކަށް އެވަރުގެ ތާއީދު އޮތް ތަނެއް މީގެ ކުރިން ފެނިފައެއްނުވެ އެވެ. ނަމަވެސް މިހާރުގެ މަންޒަރު މުޅީންހެން ތަފާތެވެ. އެމްޑީޕީގެ "ބައްޕަ"ގެ ގޮތުގައި ގިނަބަޔަކު ދެކޭ ނަޝީދުގެ ކޮންޓްރޯލް ޕާޓީން ގެއްލިފައިވާ މަންޒަރު މިވަނީ ފެންނަން ފަށައިފައެވެ.

އެކަން ބަދަލުވެގެންދިޔަ އެއް ސަބަބަކީ ރައީސް ސޯލިހަށް އޮތް ތާއީދު އިތުރުވެގެންދިއުން ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. ރައީސް ސޯލިހަށް މީގެ ކުރިން ދުވަހަކުވެސް ތާއީދު ނެތް ވަރަށް އެޕާޓީގެ ތެރޭގައި މިހާރު ތާއީދު އެބަ އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ނަޝީދަށް އެމްޑީޕީގެ ކޮންޓްރޯލް އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައިވާ ކަމަށްވެސް ބައެއް މެންބަރުން ގަބޫލުކުރެއެވެ.

"ރައީސް ސޯލިހަށް މިހާރު އޮތް ތާއީދު ވަރަށްވެސް ބޮޑު. ރައީސް ސޯލިހު ވެރިކަމުގައި ހުންނަވައިގެން މަޑުމައިތިރިކަމާއެކު ގައުމު ކުރިއަށް ގެންދަވާ މަންޒަރު ފެނި މެންބަރުންގެ މެދުގައި ރައީސަށް އޮތް ލޯބި ވަނީ އިތުރުވެފަ. އެހެން ވެ ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރައީސް ނަޝީދަށްވުރެ ރައީސް ސޯލިހަށް ޕާޓީގެ ތެރޭގައި އޮތް ތާއީދު ބޮޑުކަން،" އެމްޑީޕީގެ އިސް މެންބަރަކު ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކުވެސް ވަނީ ރައީސް ނަޝީދަށް އެމްޑީޕީގެ ކޮންޓްރޯލް މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އަންދާޒާ ކުރާ ވަރަށްވުރެ އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހުގެ ބާރު ގަދަ ކަމަށާއި ރައީސް ސޯލިހު އަތުގައި އެމްޑީޕީ ގައުމީ މަޖިލީހާއި އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕު އަދި ގައުމީ ހިންގާ ކޮމެޓީގެ ފުރިހަމަ މެޖޯރިޓީ ވެސް އެބަ އޮތް ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގައުމީ މަޖިލީހުންވެސް އެކަން ހާމަވެގެންދެއެވެ. މިހާރު ގައުމީ މަޖިލިސްގެ ޖަލްސާތަކުން ސާފުވެފައިވާ ގޮތުގައި އެ މަޖިލީހުގެ ބާރު އޮތީ ރައީސްގެ ސޯލިހުގެ އަތްޕުޅުގައެވެ. ރައީސް ނަޝީދުގެ ބާރު ނެތްކަން ހާމަވެގެންދިޔަ އެއް ސަބަބަކީ ނަޝީދުގެ ހުށަހެޅުންތަކަށް ގައުމީ މަޖިލީހުގެ މެންބަރުންގެ ތާއީދު ނުލިބުމެވެ.

ރައީސް ސޯލިހަށް ގައުމީ މަޖިލީހުގެ ތާއީދު އޮތް ގޮތް ހާމަކޮށްދިން އަނެއް ގޮތަކީ އެންމެފަހުން ބޭއްވި އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބުގައި ދެ ރައީސުންވެސް ކެންޑިޑޭޓުން ނެރުނެވެ. ނަމަވެސް ރައީސް ސޯލިހުގެ ހުރިހާ ކެނޑިޑޭޓުން އެ މަޖިލީހަށް އިންތިހާބު ވެ، ގައުމީ މަޖިލީހުގެ ބާރު އޮތީ އެމަނިކުފާނަށް ކަން ސާފުކޮށްދިނެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ވާދަވެރިކަން ބޮޑުވެފައިވާ އެއް ސަބަބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ނިންމަވައިގެން ހުންނެވީ 2023 ވަނަ އަހަރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. ނަމަވެސް އެކަމަށް ރައީސް ސޯލިހުގެ އެއްބާރުލެއްވުން ލިބިވަޑައި ނުގެންނެވުމުން، ސަރުކާރަށް ކުރާ ތާއީދު ނަޝީދު އަނބުރާ ގެންދެވިއެވެ.

އޭގެ ފަހުން ނަޝީދު އަމާޒު ހިއްޕެވީ އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯއްދެވުމަށެވެ. ނަޝީދު ވަނީ އެކަން ފާޅުގައި އެތައް ފަހަރަކު ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ނުކުންނަވާނީ އެމަނިކުފާނު ކަމަށް ވަރަށް ޔަގީންކަމާ އެކު ގެންދަވަނީ ވިދާޅުވަމުންނެވެ.

"އަޅުގަނޑު ޕްރައިމަރީއަކުން ބައްޔެއް ނުވާނެ. އެހެންވީމާ ދެން އޭގެ ފަހުން އަންނަ ސުވާލުތަކަކީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތަކެއް ނޫން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައްޔެއް ނުވާނެ އަޅުގަނޑަކީ ގަދަވުމަށް އިންތިހާބު ތަކުގައި ވާދަކުރާ މީހެއް،" ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގެ އިޝަރާތެއް ދެއްވައިފައެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް ވެސް ދެ ޓާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޮތުމުން އެއީ އެމަނިކުފާނަށްވެސް ބަންދު ވެފައިވާ ފުރުސަތެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަކީ ދެ ބޭފުޅުންގެވެސް އަމާޒެވެ. އެކަމަށް ޓަކައި އެމްޑީޕީގެ ކޮންޓްރޯލް އޮތުން ވަރަށް މުހިންމެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރުން ދެ ބޭފުޅުންނަށްވެސް ވަރަށް މުހިންމެވެ. ޕާޓީގެ ކޮންޓްރޯލް ނެތި ޕްރައިމަރީގައި ކުރި ހޯދަން އުނދަގޫ ވާނެތީއެވެ. މި އިންތިހާބު ވާދަވެރިވާ އެންމެ މުހިންމު ސަބަބަކީ މިއީއެވެ.

"ދެ ބޭފުޅުންވެސް މިހާރު އިންތިހާބުގައި ވާދަ ކުރައްވާނެކަން މިވަނީ ޔަގީންވެފައި. އެހެންކަމުން އެމްޑީޕީގެ ކޮންޓްރޯލް ދެ ބޭފުޅުންނަށްވެސް މުހިންމު، ރައީސް ނަޝީދު ހުންނެވީ ދޫދެއްވާކަށް ނޫން. ރައީސް ސޯލިހުވެސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫން. އެހެންވީމަ ކޮންޓްރޯލް ހޯދަން މި އިންތިހާބަކީ ދެ ބޭފުޅުންނަށްވެސް ވަރަށް މުހިންމު އިންތިހާބެއް. އެއީ ރިޔާސީ ޓިކެޓަށް،" ރައްޔިތުން މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަކީ ދެ ބޭފުޅުންގެ އަމާޒެވެ. އެއީ ޕާޓީގެ ތެރެއިން ކަންކަން ނިންމުމުގެ ބާރު އޮވެގެން ނޫނީ ދެ ބޭފުންވެސް ބޭނުންވާ ކަންކަން ހާސިލުކުރަން އުނދަގޫވާނެތީއެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ ބާރު ހޯދުމަށް ކުރާ "ހަނގުރާމަ" އަކީވެސް މި އިންތިހާބު ވާދަވެރިވެގެންދާ ކަމެކެވެ.

ރައީސް ސޯލިހު ފެކްޝަނަށް ނިސްބަތްވާ މެންބަރަކު ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އެއީ ގައުމީ މަޖިލީހުގެ މެޖޯރިޓީއާ އެކު ސަރުކާރު ހިންގަން ފަސޭހަވެގެންދާނެ ކަމަށެވެ. ޕާޓީ ތެރެއިން ލިބެން ޖެހޭ އެއްބާރުލުން ރައީސަށް ފަސޭހައިން ލިބިގެންދާނީ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސްގެ އަމާޒަކީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯދުން. މެޖޯރިޓީއާ ނުލައި ސަރުކާރު ހިންގުމަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ. މި ދައުރު ސްމޫތު ކޮށް ގެންދިއުމަށް ގައުމީ މަޖިލީހުގެ މެޖޯރިޓީ ރައީސަށް ވަރަށްވެސް މުހިންމު،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ނަޝީދު ފެކްޝަންގެ ބޭފުޅުން ގަބޫލު ކުރާ ގޮތުގައި ގައުމީ މަޖިލިސް މެޖޯރިޓީ މުހިންމީ ނަޝީދަށެވެ. ސަރުކާރު ޒިންމާދާރު ކޮށް، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ފިޔަވަޅު އެޅޭނީ ގައުމީ މަޖިލީހުގެ ބާރު ލިބިގެން ކަމަށް އެބޭފުޅުން ގަބޫލު ކުރެއެވެ. އެއީ ރައީސް ސޯލިހުގެ ފެކްޝަންގެ ބައެއް ބޭފުޅުންނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭއިރު، އެބޭފުޅުން ގައުމި މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަ، އެކަންކަން ބަލަން އުނދަގޫވާނެތީ ކަމަށްވެސް ގަބޫލުކުރެ އެވެ.

"މިހާރު ރައީސް ސޯލިހުގެ ފެކްޝަނުން ކުރިމަތިލާފައިވާ ބައެއް ފަރާތްތަކަކީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން. އެމީހުން ހޮވިފައި، ރައީސް ނަޝީދަށް ގައުމި މަޖިލީހުގެ މެޖޯރިޓި ނުލިބެއްޖެނަމަ އެމީހުންގެ ކޮރަޕްޝަން ނުބެލޭނެ. އެމްޑީޕީގެ އަސާސްތަކާ ހިލާފަށް އެކަން ނިމިގެންދާނީ. އެމްޑީޕީގެ ނިމުން އެއީ،" ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވިއެވެ.

އެމްޑީޕީން މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު މާދަމާ ބާއްވާއިރު، ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ފެންނަނީ ވަރަށްވެސް "ލޮނުމަޑު" ކޮށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުވެސް ފާޅުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވައި ވާހަކަދައްކަވާތަނެއް ނުފެނެ އެވެ.

ރައީސް ސޯލިހު މިފަހުން އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެމްޑީޕީގެ ފަރާތްތަކާ ބައްދަލުކުރައްވައި އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން މަސައްކަތް ކުރައްވައިފައެވެ. އަދި މި އިންތިހާބު އެމަނިކުފާނަށް މުހިންމުވާ ސަބަބުތައްވެސް އެބޭފުޅުންނަށް ހާމަކޮށްދެއްވާފައިވެ އެވެ.

ނަމަވެސް އޭގެ އިތުރަށް އެމަނިކުފާނު މާބޮޑު މަސައްކަތްތަކެއް ކުރެއްވި މަންޒަރެއް ނުފެނެއެވެ. ވަކި ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށް ފާޅުގައި ވިދާޅުވެފައެއްވެސް ނުވެއެވެ. ނަމަވެސް އެ މަނިކުފާނު ތާއީދު ކުރައްވާ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން އަންނަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.

މެއި ހައެއްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފަރުވާއަށް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދުގެ ތާއީދު އޮތީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް އެކަނި ކަމަށް ވަނީ ވިދާޅުވެފައިއެވެ. އެހެންވެ އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުން އަންނަނީ ބަރުލަމާނީ ކެމްޕެއިންވެސް ކުރަމުންނެވެ. ނަމަވެސް ރައީސް ނަޝީދުވެސް މި އިންތިހާބުގައި ވަކި ފަރާތަކަށް ވޯޓް ހޯއްދެއްވުމަށް ފާޅުގައި މަސައްކަތް ކުރައްވާ މަންޒަރެއް ނުފެނެއެވެ.

އެމަނިކުފާނު ނެރުއްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ހަމަހަމަ ފުރުސަތެއް ނެތް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ބުނެއެވެ. އެއީ އެމަނިކުފާނު އިނގިރޭސިވިލާތުގައި ފަރުވާ ހޯދައްވަމުން ގެންދަވާތީ، އެމަނިކުފާނު ބޭނުންފުޅުވާ މިންވަރަށް އެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ހުރަސް އެޅިފައިވާތީ ކަމަށް މެންބަރުން ގަބޫލު ކުރެއެވެ.

ތާރީހީ އިންތިހާބެއްގައި ނުފޫޒުގެ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. އެގޮތުން މި އިންތިހާބުގައިވެސް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ނަޝީދު ތާއީދު ކުރައްވަން ނިންމެވުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ރައީސް ސޯލިހް ފެކްޝަންގެ ބޭފުޅުން ގަބޫލުކުރެއެވެ. އެއީ ނުސީދާކޮށް ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ.

ނަމަވެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ރައީސް ނަޝީދު އެ ގޮތަށް ކަނޑައެޅުއްވުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި އެއީ ނުފޫޒު ފޯރުވުން ކަމަށް އެމްޑީޕީ ނުދެކޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން، ނަން އަނބުރާ ނެގުމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަންގަވަމުން ގެންދަވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ތުހުމަތުކުރައްވައިފައެވެ.

މާދަމާ ބާއްވާ އިންތިހާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު އަދި ފޯރިގަދަ އިންތިހާބަކަށް ވާނެއެވެ. އެމްޑީޕީގެ ތާރީހުގައި ވެސް މިހާ ވާދަވެރި އިންތިހާބެއް ނާދެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މާދަމާ އަކީ ދެ ލީޑަރުންނަށް އޮތް އެންމެ ފަހުގެ އިމްތިހާނެވެ. ޕާޓީގެ ކޮންޓްރޯލް "އަސްލު" އޮތީ ކޮން ބޭފުޅަކަށް ކަން ސާފުވެގެންދާނެއެވެ. މާދަމާގެ ވާދަވެރި އިންތިހާބަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާނެ އިންތިހާބަކަށް ވެގެންދާނެ އެވެ. އެހެންކަމުން ނުކުންނާނެ ނަތީޖާއަކަށް އެންމެން ތިބީ އިންތިޒާރުގައެވެ.