ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަނީ އިތުރު ދައުރަކަށް ކެމްޕޭން ކުރައްވަމުންނެވެ. މަޑުމަޑުން ތާއީދު އިތުރުކުރައްވަން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އޭނާގެ ފޯކަސް މިހާރު ހުރީ ބޮޑަށް ކުދި ގައުމުތަކަށް ކަމަށް މާހިރުން ބުނެއެވެ. އޭގެ އެއް ސަބަބަކީ އެންމެ ނުފޫޒުގަދަ އެއް ބައްރު ޔޫއެފާގެ ގިނަ ގައުމުތަކުން ފާޅުގައި އިންފަންޓީނޯއާ ދެކޮޅުވުން ކަމަށްވެސް ނޫސްތައް ބުނެއެވެ.

އިންފަންޓީނޯގެ ފަރާތުން ހިތްހަމަނުޖެހޭ ގިނަ ކަންތައްތަކެއް ފެނިގެން ގޮސްފައިވާ އިރު، ޔޫއެފާއިން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި ހާއްސަކޮށް އިންފަންޓީނޯ ދާދިފަހުން އިއުލާނުކުރެއްވި ފީފާ ފޯވަޑް އެންޓަޕްރައިސް (އެފްއެފްއީ) އާއި ފީފާ ޕީސް ޕްރައިޒްގެ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތް ހާމަކޮށް އެކަމުގެ ލިޔެކިޔުންތައް ހިއްސާކުރުމަށްވެސް ޔޫއެފާއިން އަންނަނީ އިންފަންޓީނޯއަށް ޕްރެޝަރު ކުރަމުންނެވެ. ޔޫރަޕްގެ ތާއީދު ނާޒުކު ފައްތަރަކަށް ވެއްޓިފައިވުމާއެކު އިންފަންޓީނޯގެ ފޯކަސް މިހާރު ވަނީ އެފްރިކާއާއި އޭޝިއާގެ ބައެއް ހިސާބުތަކަށް ބޮޑުކޮށްފައެވެ. ދާދިފަހުން އޭޝިއާގައި ފީފާގެ އިސް ނެގުމަށް އާސިއާން ކަޕްގެ ނަމުގައި މުބާރާތެއް ބޭއްވިއެވެ. އެއީ މިދިޔަ އިންޓަނޭޝަނަލް ބްރޭކަށް ވިސްނައިގެންނެވެ. އެ މުބާރާތުގައި އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޫރުގެ އިތުރުން ތައިލެންޑާއި ވިއެޓްނާމް އަދި ފިލިޕީންސާއި ބަންގްލަދޭޝް އަދި ޕާކިސްތާން ވާދަކުރިއެވެ.

އޭގެ އިތުރުން ފީފާ އާސިއާން ޗެލެންޖް ކަޕެއްވެސް އޭގެތެރެއިން ބޭއްވި އިރު، އެ މުބާރާތުގައި މިޔަންމާއާއި ޓީމޯ ލެސްޓޭގެ އިތުރުން ލާއޯސްއާއި ބުރުނާއީއާއި ކެމްބޯޑިއާ އަދި ހޮންކޮންގުން ވާދަކުރިއެވެ.

އާސިއާން ގައުމުތަކުގެ ނަޒަރުގައި އެއީ ވާދަވެރި މުބާރާތެއް ނަމަވެސް، ކާމިޔާބު މުބާރާތެއް ނޫނެވެ. ބައެއް ނޫސްތަކުން ބުނީ ފީފާގެ އެ ވިސްނުން ކަމުނުދާ ކަމަށެވެ. އެއް ކަމަކީ މުބާރާތަށް ސަޕޯޓަރުން ދެއްކި ފޯރިއެވެ. ފައިނަލަށް ދަނޑު ފުރުނު ނަމަވެސް، އެ މުބާރާތުގެ ޓީވީ ރައިޓްސްގެ އިތުރުން ޓިކެޓުންވެސް އަންދާޒާކުރި އާމްދަނީ ފީފާއަށް ލިބިފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.

ފީފާގެ އަންދާޒާ ދިމާނުވީ ޗައިނާއާއި އިންޑިއާ ނޫނެކޭ ބުނުމުން؟

އިންޑިއާއާއި ބްރެޒިލް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އިންޑިއާގެ ފުޓުބޯޅަ އިދާރާ

އާސިއާން ނޫސްތަކުން ބުނާ ގޮތުގައި ފީފާއަށް އާސިއާން ކަޕް ފެއިލްވީ ޓާގެޓް ކުރި ބޮޑު ދެ ގައުމަކުން ނޫނެކޭ ބުނުމުންނެވެ. ފީފާއިން އެ މުބާރާތް އިންޑިއާއާއި ޗައިނާ ހިމަނައިގެން ރޭވީ ސީދާ އާބާދީއަށް ބަލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެ ދެގައުމަކީ ކޮލިޓީ އެންމެ ރަނގަޅު ދެ ގައުމު ނޫން ނަމަވެސް، އެއީ ތިން ބިލިއަނެއްހާ މީހުންގެ އާބާދީއެއް ކަމަށްވުމުން، އެއީ ފީފާގެ ޕްލޭނުގެ ބޮޑު ބައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާއްސަކޮށް އޭގެ ތެރެއިން ޗައިނާއަކީ ސްޕޮންސަރުންގެ މާކެޓަށް މުހިއްމު ގައުމެއް ކަމަށްވެސް ފާހަގަވެފައިވެއެވެ.

އެ ބްރޭކްގައި ޗައިނާއިން މުބާރާތަށް ނޫނެކޭ ބުނެ އަމިއްލަ އެކުވެރިކަމުގެ މެޗުތަކެއް ރޭވިއެވެ. އޭގެ ތެރޭގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުވެސް ހިމެނެއެވެ. އިންޑިއާ ފަހުވަގުތު މުބާރާތުން ވަކިވުމުން ބަންގްލަދޭޝަށް އާސިއާން ކަޕްގެ އެ ފުރުސަތު ލިބުނު އިރު، އިންޑިއާއިން ދިޔައީ އެހެން ދަރަޖައެއްގެ އެކުވެރިކަމުގެ މެޗުތަކަށެެވެ. އެއީ ބްރެޒިލް، އުރުގުއާއީގެ އިތުރުން ޕެނަމާއާ ދެކޮޅަށް ކުޅުމަށެވެ. އަމިއްލަ ގައުމުގައެވެ. އެގައުމުގެ ފުޓުބޯޅަ މާކެޓަށް ވިސްނައިފައެވެ.

ރިޕޯޓުތައް ބުނީ ފީފާއިން މަސައްކަތް ކުރީ ބޮޑު މާކެޓަކަށް ފޯކަސްކޮށް، ޗައިނާއާއި އިންޑިއާގެ އާބާދީގެ ވިޔަފާރި މަންފާ ނަގަން ނަމަވެސް، އެކަން ހާސިލު ނުވުމުން މުބާރަތްވީ މާލީގޮތުން ފެއިލަކަށް ކަމަށެވެ.

ހިމަލެޔަން ކަޕްގެ ވާހަކަތައް: ރާއްޖެއަށްވެސް ފުރުސަތު ލިބިދާނެ

23 ޖޫން 2023، ބެންގަލޫރު، ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބޫޓާން ބަލިކޮށް، ރާއްޖެއިން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ --- ފޮޓޯ/ ނައުޝަމް، އިމޭޖެސް އެމްވީ

ފީފާގެ ރައީސް އިންފަންޓީނޯ ދާދިފަހުން ބޫޓާނަށް ވަޑައިގެން، އެގައުމުގެ ފުޓުބޯޅައަށް މާލީ އެހީތެރިކަން ދޭން ވައުދުވެވަޑައިގެންފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އެއީ ކުރިން ދޭ ބަޖެޓް އެތައް ގުނައަކަށް އިތުރުކުރައްވާނެ ކަމަށް ވައުދުވެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެ ދަތުރުފުޅަށް ދިޔަ މަގުމަތީގައި ބަންގްލަދޭޝްގެ ފުޓުބޯޅަ އިދާރާ އިސްވެރިންނާވެސް ބައްދަލުކުރައްވާފައިވާ އިރު، ބޫޓާނުގައި ކުރެއްވި މަޝްވަރާތަކުގައި އާ މުބާރާތެއްގެ ހިޔާލު ގެންގުޅުއްވި ކަމަށް ނޫސްތައް ބުނެއެވެ. އެއީ ހިމަލެޔާ ރީޖަންގެ ގައުމުތައް ހިމެނޭހެން ހިމަލެޔަން ކަަޕެއްގެ ވިސްނުމަށެވެ.

އެ މުބާރާތުގައި ފޯކަސް ބޮޑަށް ހުރީ ހިމަލެޔާ ރީޖަންގެ އިތުރުން ދެކުނު އޭޝިއާއަށް ކަމަށްވެސް ނޫސްތައް ބުނެއެވެ. އެގޮތުން މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ޓީމުތަކަށް އެ މުބާރާތް ފައްކާކުރަން ފީފާއިން ވިސްނާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިހާރު އަދި ސާފަކީ ސީދާ ފީފާ އެންޑޯސްކޮށްފައިވާ މުބާރާތެއް ނޫން ކަމަށްވާ އިރު، ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ރާއްޖެ، އިންޑިއާ، ބޫޓާން، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއާއި ސްރީ ލަންކާ އަދި ޕާކިސްތާނަށް ހިމަލެޔަން ކަޕުން ފުރުސަތު ދޭން ވިސްނާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އޭގެ އިތުރުން ޗައިނާ، އަފްގާނިސްތާން، މިޔަންމާއަކީވެސް އެ މުބާރާތުގައި ހިމަނަން ވިސްނާފައިވާ ބައެއް ގައުމުތައް ކަމަށް ނޫސްތައް ބުނެއެވެ.

ބައެއް ނޫސްތައް ބުނީ ފީފާގެ އާސިއާން ކަޕްގެ ޕްލޭން އެއީ ކާމިޔާބު ޕްލޭނަކަށް ނުވި ކަމަށެވެ. ސަބަބަކީ އެ ރީޖަންގައި އޭގެ އިތުރުންވެސް އާސިއާން ޗެމްޕިއަންޝިޕްގެ ނަމުގައި ނަން ހިނގާ މުބާރާތެއް ކުރިއަަށްދާތީއާއި ގައުމުތަކުގެ ވިސްނުން ފީފާގެ މުބާރާތަށް ކުޑަވުމެވެ. އަދި ބައެއް ނޫސްތަކުން ބުނީ ބޫޓާނުގައި މަޝްވަރާ ކުރި ޕްލޭނަކީ އިންފަންޓީނޯ، އެ ފެއިލިއާއިން އަރައިގަންނަން ހޯދާ މަގެއް ކަމަށެވެ.