ދިވެހިރާއްޖޭގެ އެންމެ ޚިދުމަތްތެރި ދިވެހި ގައުމުގެ އެންމެ ބޮޑު އެދުރު އެއީ އުސްތާޛުލް ޖީލު މުޙައްމަދު ޖަމީލުކަމުގައި ގަބޫލުކުރާން ޖެހެއެވެ. "އެދުރުވެހިކަމުގެ ފިނިހިޔާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް، އުނގަންނައިދެއްވުމުގެ ފޮނިމޭވާ ދިވެހި ކުދިބޮޑު އެންމެތަކުންނަށް" 1940 - 1990 އަށް، 50 އަހަރު ދުވަހުއެވެ. ރަންޔޫބީލު މުއްދަތެވެ. ނުވަތަ ބައިގަރުނެވެ. ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލު ދީދީއަކީ 20 ވަނަ ގަރުނުގައި ދިވެހިރާއްޖޭގެ ދީނީ އިލްމީ އަދަބީ އުދަރެހުން އެރި “ގުރަހައިގެ ރަންތަރި"އެވެ. އެމަނިކުފާނުގެ މިއަގުހުރި ޢިލްމީ ޚިދުމަތްތަކަށްޓަކައި "އުސްތާޛުލްޖީލު"ގެ ނަންފުޅު ދައުލަތުން ވަނީ ދެއްވައިފައެވެ. ދިވެހި ގައުމު ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުގެ ޒިކުރާ އަބަދުގެއަބަދަށް ދެމިހުންނަހުއްޓެވެ.
ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލު ދީދީ ދުނިޔޭގެ ލިކަން ދެކެވަޑައިގަތީ 1 މޭ 1915ގައެވެ. އުމުރުފުޅުން 74 އަހަރުފުޅުގައި އަވަހާރަވީ 15 މާރިޗު 1989ގައެވެ. ބައްޕާފުޅަކީ ފުރަމާލޭ ބޮޑުގަލުގެ މޫސާ ދީދީގެ، ޢަބްދުﷲ ދީދީއެވެ. މަންމާފުޅަކީ ހުރަވީ ރަސްދަރިކޮޅުގެ ފެންފޯއްގަނޑުވަރު ގޮމާގެ، އާމިނަތު ދީދީއެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ތައުލީމު ހާސިލުރެއްވީ މާލޭ މަދުރަސަތުއް ސަނިއްޔާ (މަޖީދިއްޔާ)އިންނެވެ. މަތީތައުލީމު ހާސިލުކުރެއްވީ މިސުރުގެ ޖާމިއުލްއަޒުހަރުންނެވެ.
ދިވެހި ބަހާއި ޢަރަބި ބަހާއި ދީނުގެ އެންމެ ބޮޑު ޢިލްމުވެރިއެކެވެ. ދީނީ އިލްމީ އަދަބީ ރޮނގުތަކުން ދިވެހި ގައުމަށް 1939 އިން 1989އަށް 50 އަހަރު އެންމެ އަގުހުރި އެންމެ ގިނަގުނަ ޚިދުމަތްތައް ކުރެއްވި އެންމެ ބޮޑު ޢިލްމުވެރިޔާއެވެ. ލިޔުއްވި ދީނީ ފޮތްތަކުގެ ތެރޭގައި ތަޢުލީމުއްދިޔާނާގެ ފޮތްތައް ހިމެނެއެވެ. މިއީ 1940ގެ އަހަރުތަކުން 1980ގެ އަހަރުތަކަށް 40 އަހަރު މުޅިރާއްޖޭގެ މަދުރަސާތަކުގައި ދީނީ ތައުލީމު އުނގެނުމަށް ބޭނުންކުރެވުނު ފޮތްތަކެވެ. ދީނީ އެތައް ފޮތެއް ލިޔުއްވިއެވެ. ކީރިތި ޤްރުއާން އެންމެ ފުރަތަމަ ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ އެންމެ ބޮޑު މަސައްކަތަޕުޅު ކުރެއްވީވެސް އެމަނިކުފާނެވެ. އަދި ޤްރުއާން ތަރުޖަމާ އެންމެ ފުރަތަމަ 1970ގެ އަހަރުތަކުގައި އެމަނިކުފާނުގެ އަޑުފުޅުން ރެކޯޑު ކުރެވުނު ގޮތަށް 2000ގެ އަހަރުތަކަށް 30 އަހަރު މުޅި ގައުމަށް އަޑުއިވިފައިވެއެވެ.
އެމަނިކުފާނުގެ އަދަބީ ޚިދުމަތްތައް ގިނަގުނައެވެ. އަދަބީ ހުރިހާ ދާއިރާއެއްގައެވެ. ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ "އުޖާލާވި ރަންތަރި"އެވެ. ދިވެހި ގައުމީ ސަލާމް ހެއްދެވީވެސް އެމަނިކުފާނެވެ. ދިވެހި ގައުމީ ސަލާމަށް މިހާރު މިވަނީ 75 އަހަރު އަލިމަސްޔޫބީލު މުއްދަތު ފުރިހަމަވެފައެވެ.
އުސްތާޛުލްޖީލަކީ ސިޔާސީ ބޭފުޅެއް ނޫނެވެ. ދީނީ އިލްމީ އަދަބީ ގައުމީ އެންމެ ބޮޑު ޚިދުމަތްތެރިޔާއެވެ. މިރޮނގުތަކުން ދައުލަތުގެ އެންމެމަތީ މަގާމުތައް އަދާކުރެއްވިއެވެ. އަދާކުރެއްވި އެންމެމަތީ މަގާމަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ކަމެވެ. މިއީ ޝަރުޢީ ދީނީ ގައުމީ އެންމެމަތީ މަގާމެވެ. މާލޭ މުނިސިޕަލްޓީގެ ރައީސްކަންވެސް ކުރެއްވިއެވެ. ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ އެންމެމަތީ މަގާމުތައް އަދާކުރެއްވިއެވެ. ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލިސްގެ ރައީސްކަމެވެ. އެމަނިކުފާނު އަވަހާރަވީއިރު ހުންނެވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް ކަމުގައެވެ.
ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަ ހެޔޮޒިކުރާއަކަށް ނިމުމެއް ނެތޭ- އުސްތާޛުލްޖީލު -
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު


ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް