ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެފްއޭއެމްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާ މިއަދު އެކަން އިއުލާން ކޮށްފައިވާ އިރު، އުރީދޫން ބުނެފައިވަނީ ގައުމުގެ ފަހުރު ކަމަށްވާ ގައުމީ ޓީމަށް ސަޕޯޓު ދިނުމުގައި ރައްޔިތުންނާއެކު ބައިވެރިވެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް މުޅި ގައުމު ތައްޔާރުވަމުން އަންނަ އިރު، މުބާރާތުގެ މާކެޓިން ކެމްޕޭން އެފްއޭއެމްއިން ވަނީ މިހާރު އިފްތިތާހުކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފް ޗެމްޕިއަންޝިޕްގެ ފޯރި ގަދަ ކުރުމަށް "މަގޭ މަހަލްދީބު"ގެ ނަމުގައި މިފަހަރުގެ މުބާރާތް ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު، ބޭނުންކުރާނެ ސްލޮގަންއަކީ "ތިންވަނަ ފަހަރު، އިރާދަކުރެއްވިއްޔާ މިއީ އެފަހަރު،" ސްލޮގަންއެވެ.

2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނަކީ ރާއްޖެ ކަމަށްވާ އިރު، ދިވެހީން ނުކުންނަން ޖެހެނީ ތަށި ދިފާއުކުރުމަށެވެ. 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ކާމިޔާބީއަށް ރަން މެޑަލްއެއް އިތުރު ކުރުމަށެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ މިއީ އުނދަގޫ ހާލަތަކުން އަރައިގަންނަން ރާއްޖެއަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، އުންމީދަކީ ފައިނަލް ކާމިޔާބުކުރުން ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން ގައުމީ ވަންތަކަމުގައި، ގައުމީ ރޫހުގައި މި މުބާރާތް ކާމިޔާބުކުރަން އެކުވެރިވުމަކީ އެދޭ އެދުން ކަމަށްވެސް ބައްސާމް ވަނީ ފާހަގަކުރައްވައިފައެވެ.

މިފަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރަކީ އެސްޓީއޯއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލެވެ. އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ.