މި އަހަރުގެ ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު މަހު ހަވަނަ ދުވަހުގެ ނިޔަލަށް ބާއްވަން މަސައްކަތް ކުރަމުން އަންނަ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު މަހަށް ފަސްކޮށްފާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބަންގްލަދޭޝްގައި މުބާރާތް ބާއްވަން ނިންމާފައިވާ އިރު، އެގައުމުގެ ނޫހެއް ކަމަށްވާ "ޑެއިލީ ސަން" އިން ބުނެފައި ވަނީ މުބާރާތް ފަސްކުރުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެ މަޝްވަރާތައް ކުރިއަށްދާކަމަށް ސާފްގެ އޮފިޝަލަކު ވަނީ "ވަން ސްޕޯޓްސް"އަށް ޔަގީންވެސް ކޮށްދީފައެވެ.
ސާފް ފަސްކުރަން މަޝްވަރާ ކުރަމުން ދަނީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ގައުމު، އިންޑިއާއިން އޭޝިއާގެ ދެކުނު އިރުމަތީ ގައުމުތައް ކަމަށްވާ އާސިއާން ގައުމުތަކަށް ހާއްސަކޮށް ފީފާއިން ބާއްވަން ގަސްދުކޮށްފައިވާ އާސިއަން ކަޕްގައި ވާދަކުރަން ނިންމުމާ ގުޅިގެންނެވެ. އެ މުބާރާތް ތާވަލު ކޮށްފައި ވަނީ ސާފްވެސް ތާވަލު ކޮށްފައިވާ ފީފާ ވިންޑޯއަށެވެ.
އާސިއާން ކަޕް ފީފާއިން ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. އެއީ ކުއަލަ ލަމްޕޫރުގައި ބޭއްވި 47 ވަނަ އާސިއާން ސަމިޓްގެ ތެރެއިންނެވެ. އޭގެފަހުން އެ މުބާރާތުގެ ވާހަކަ މާބޮޑަށް ނުދެވި އޮތުމަށްފަހު، އިންޑިއާ މުބާރާތުގައި ބައިވެރިވާނެކަން އިއުލާނުކުރީ މީގެ ދެތިން ދުވަސް ކުރިންނެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެމް ސަޓްޔަނާރަޔަން ވިދާޅުވީ އިންޑިއާއިން ފީފާގެ ހުށަހެޅުން ގަބޫލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ސާފްގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވެފައި ވަނީ އިންޑިއާއާ ނުލައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ގަސްދުނުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ގޮތެއް ނިންމައި، އެކަން އިއުލާނުކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސާފްގެ ރައީސް އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރު ބެންގަލޫރުގައި ބޭއްވި މުބާރާތުގައި ސަރަހައްދުން ބޭރުގެ ގައުމުތައް ކުޅުނު ނަމަވެސް، މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ސަރަހައްދީ ގައުމުތައް އެކަނި ހިމަނައިގެން ކަމަށެވެ.
އެންމެފަހުން ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖޭން ތަށި ނެގި އިރު، އޭގެފަހުން 2021 ވަނަ އަހަރު މުބާރާތް ބޭއްވީ ރާއްޖޭގައެވެ.
ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް