މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ހޯސްޓް ކުރުމަށް މަޝްވަރާކޮށްފައިވާ އިރު، މުބާރާތުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން މަޝްވަރާ ކޮށްފިއެވެ.
ބަންގްލަދޭޝްގެ ނޫސްތަކުން ބުނީ، އެގައުމުގެ ޓީވީ ޗެނަލަކަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕްރުޝޮތަމް ކަޓޭލް ދެއްވި އިންޓަވިއުއެއްގައި ސާފްގައި ވީއޭއާރް ބޭނުންކުރަން މަސައްކަތް ކުރާކަން ހާމަކުރައްވާފައިވާ ކަމަށެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ބޭއްވުމަށް ކަންކަން ފައިނަލް ކުރުމުގެ މަރުހަލާގައި އޮތް އިރު، ވީއޭއާރް ބޭނުންކުރަން ވިސްނާކަން ހާމަކޮށް ކަޓޭލް ވިދާޅުވެފައި ވަނީ ދަނޑުގެ ހާލަތަށް ބަލައި، ޓެކްނިކަލީ އެކަމަށް ތައްޔާރުވެވޭނެ މިންވަރަށް ބަލައިގެން ކަމަށެވެ.
މިފަހަރު މުބާރާތް ބަންގްލަދޭޝްގައި ބާއްވަން މަޝްވަރާ ކުރަމުން ދަނީ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ނޫސްތައް ބުނެފައިވެއެވެ. މުބާރާތް ހޯސްޓް ކުރާނީ ޑާކާގައި ކަމަށް ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
"ވަން ސްޕޯޓްސް"އަށް މައުލޫމާތު ދެމުން ސާފްގެ އޮފިޝަލަކު ބުނީ، މުބާރާތް ހޯސްޓް ކުރުމަށް ބަންގްލަދޭޝްއަށް ދޭން މަޝްވަރާ ކުރަމުންދާ ކަމަށާއި، އެކަން އަދި ރަސްމީކޮށް އިއުލާނުކުރުމާ ހަމައަށް ގޮސްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، މުބާރާތް މިއަހަރު އޮތުން އެންމެ ގާތީ ބަންގްލަދޭޝްގައި ކަމަށް އޭނާ ބުންޏެވެ.
އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައެވެ. އެފަހަރު ސާފްގެ ބޭރުން ކުވައިތާއި ލުބުނާންވެސް ކުޅެފައިވާ އިރު، ޗެމްޕިއަންކަން ނެގީ އިންޑިއާއެވެ. އޭގެފަހުން ހޯމް އެންޑް އަވޭ ފޯމެޓަށް ސާފް ޗެމްޕިއަންޝިޕް ބަދަލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، މުބާރާތް ނުބޭއްވި ދިގުލައިގެން ދިޔައީއެވެ.
ހޯމް އެންޑް އަވޭ ފޯމެޓަށް ސްޕޮންސަރުން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން މިހާރު އަނެއްކާވެސް ކުރިން އޮންނަ ގޮތަށް މުބާރާތް ބާއްވަން ގަސްދުކުރާކަން ސާފުން ވަނީ ހާމަކޮށްފައެވެ.
އެންމެފަހުން ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖޭން ތަށި ނެގި އިރު، އޭގެފަހުން 2021 ވަނަ އަހަރު މުބާރާތް ބޭއްވީ ރާއްޖޭގައެވެ.
ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް