މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ހޯސްޓް ކުރުމަށް މަޝްވަރާކޮށް، އެކަމަށް ގޮތްވެސް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތް ހޯސްޓް ކުރާނީ ޑާކާގައި ކަމަށް ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

"ވަން ސްޕޯޓްސް"އަށް މައުލޫމާތު ދެމުން ސާފްގެ އޮފިޝަލަކު ބުނީ، މުބާރާތް ހޯސްޓް ކުރުމަށް ބަންގްލަދޭޝްއަށް ދޭން މަޝްވަރާ ކުރަމުންދާ ކަމަށާއި، އެކަން އަދި ރަސްމީކޮށް އިއުލާނުކުރުމާ ހަމައަށް ގޮސްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، މުބާރާތް މިއަހަރު އޮތުން އެންމެ ގާތީ ބަންގްލަދޭޝްގައި ކަމަށް އޭނާ ބުންޏެވެ.

އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައެވެ. އެފަހަރު ސާފްގެ ބޭރުން ކުވައިތާއި ލުބުނާންވެސް ކުޅެފައިވާ އިރު، ޗެމްޕިއަންކަން ނެގީ އިންޑިއާއެވެ. އޭގެފަހުން ހޯމް އެންޑް އަވޭ ފޯމެޓަށް ސާފް ޗެމްޕިއަންޝިޕް ބަދަލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، މުބާރާތް ނުބޭއްވި ދިގުލައިގެން ދިޔައީއެވެ.

ހޯމް އެންޑް އަވޭ ފޯމެޓަށް ސްޕޮންސަރުން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން މިހާރު އަނެއްކާވެސް ކުރިން އޮންނަ ގޮތަށް މުބާރާތް ބާއްވަން ގަސްދުކުރާކަން ސާފުން ވަނީ ހާމަކޮށްފައެވެ.

އެންމެފަހުން ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖޭން ތަށި ނެގި އިރު، އޭގެފަހުން 2021 ވަނަ އަހަރު މުބާރާތް ބޭއްވީ ރާއްޖޭގައެވެ.

ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފައެވެ.