ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް، އިންޑިއާގެ އެދުމުގެ މަތިން މިއަހަރުގެ ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ.
މި މުބާރާތް ފަސްކުރަން ޖެހުނީ، އަލަށް ފަށާ ފީފާ އާސިއާން ކަޕްގައި ވާދަކުރުމަށް އިންޑިއާއަށް ދައުވަތު ލިބި، އެ ގައުމުން އެ މުބާރާތުގައި ބައިވެރިވުމަށް ނިންމުމާ ގުޅިގެންނެވެ.
ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ (ސާފް) އިން ކުރިން ރާވާފައި އޮތީ ސެޕްޓެމްބަރު 21 އިން އޮކްޓޯބަރު 6 އަށް އޮންނަ ބައިނަލްއަގުވާމީ މެޗުތައް ކުޅޭ ވިންޑޯގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށެވެ. މި ވިންޑޯގެ ތެރޭގައި ކޮންމެ ގައުމަކަށްވެސް ބައިނަލްއަގުވާމީ ހަތަރު މެޗު ކުޅުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އިންޑިއާއިން އާސިއާން ކަޕްގައި ކުޅެން ނިންމުމުން، ސާފްގެ މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު މުބާރާތް ނޮވެމްބަރަށް ބަދަލުކުރީއެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޯތަމް ކައްޓޭލް ވިދާޅުވި ގޮތުގައި، އިންޑިއާއަކީ ސަރަހައްދުގެ އެންމެ ބޮޑު ގައުމަށް ވެފައި، ފުޓުބޯޅައިގެ މާކެޓާއި ފެންވަރަށް ބަލާއިރު މުބާރާތުގައި އިންޑިއާ ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
"ގައުމުގެ ބޮޑުމިނާއި، ފުޓުބޯޅައިގެ ހައިސިއްޔަތާއި މާކެޓަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އޮތުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް،" ކައްޓޭލް ވިދާޅުވިއެވެ.
އިންޑިއާ ނުލައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަކީ މުބާރާތުގެ ސްޕޮންސަރުންނާއި ބްރޯޑްކާސްޓަރުންގެ ފަރާތުން ލިބޭ އާމްދަނީއަށްވެސް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އެހެންކަމުން، އިންޑިއާއަށް ބައިވެރިވެވޭނެ ތާރީހަކަށް މުބާރާތް ފަސްކުރުމަކީ ސާފްގެ ހިންގާ ކޮމިޓީއަށް މަޖުބޫރުވި ކަމެކެވެ.
ކައްޓޭލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުބާރާތް ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ސާފްގެ މެމްބަރު ހަތް ގައުމުގެ ރުހުން މިހާރު ވަނީ ލިބިފައެވެ. މީގެ ކުރިން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ސާފްގެ މުބާރާތްތައް ކާމިޔާބުކަމާއެކު ބާއްވާފައިވާ އިރު، އެ ގައުމަކީ ފުޓުބޯޅައަށް ބޮޑު ތަރުހީބެއް ދޭ ގައުމެއްކަން ފާހަގަކުރެވެއެވެ. ބަންގްލަދޭޝްގައި އެފަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ރާއްޖެއިންނެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފައެވެ.
ނޮވެމްބަރު މަހުގެ ބައިނަލްއަގުވާމީ ވިންޑޯ އޮންނާނީ ނޮވެމްބަރު 9 އިން 17 އަށެވެ. މިއީ ނުވަ ދުވަހުގެ ކުރު މުއްދަތަކަށް ވުމާއެކު، ހަތް ގައުމު ވާދަކުރާ މުބާރާތެއްގެ ލީގު ބުރާއި ނޮކްއައުޓް މެޗުތައް ކުޅެ ނިންމާލުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އާންމު ގޮތެއްގައި ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ލީގު ބުރަކާއި، ސެމީ ފައިނަލް އަދި ފައިނަލް މެޗު ހިމެނޭ ގޮތަށެވެ. މި ފޯމެޓަށް މުބާރާތް ކުރިއަށް ގެންދިއުމަށް މަދުވެގެން 12 ނުވަތަ 14 ދުވަސް ބޭނުންވެއެވެ. އެހެންކަމުން، ސާފުން މިހާރު ވިސްނަމުން ދަނީ ބައިނަލްއަގުވާމީ ވިންޑޯ ފެށުމުގެ ދުވަސްކޮޅެއް ކުރިން މުބާރާތުގެ ކުޅުން ފެށުމަށެވެ. މި ބަދަލާ ގުޅިގެން ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލެއް ހޯދަން ޖެހޭނެކަން ކައްޓޭލް ފާހަގަކުރެއްވިއެވެ. މުބާރާތުގެ ޝެޑިއުލް އެކުލަވާލުމުގައި ޓީމުތަކަށް އެކަށީގެންވާ ވަގުތު ލިބޭނެ ގޮތަކަށް މެޗުތައް ރޭވުމަކީވެސް ސާފަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
“ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ކަންކަން ކުރިއަށްދާނެ ގޮތެއް އަޅުގަނޑުމެން ބަލަން ޖެހޭ. ހާއްސަކޮށް ޕާކިސްތާނާއި، ބަންގްލަދޭޝް އަދި ސްރީލަންކާ ފަދަ ދެ ގައުމުގެ ރައްޔިތުކަން އޮންނަ ކުޅުންތެރިންނަށް ކުޅެވޭ ގައުމުތަކުގައި، ގައުމުން ބޭރުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެބަތިބި. އެހެންވެ މުބާރާތް ތަންކޮޅެއް ކުރިން ފަށަން ޖެހޭނީ،” ކައްޓޭލް ވިދާޅުވިއެވެ.
ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ކްލަބްތަކުން ރިލީޒް ދިނުމުގައި އަމަލުކުރާނީ ފީފާގެ ރަސްމީ ވިންޑޯގެ ތެރޭގައި ކަމަށް ވުމުން، ވިންޑޯގެ ކުރިން މުބާރާތް ފަށައިފިނަމަ ބައެއް މުހިންމު ކުޅުންތެރިންނަށް މުބާރާތުގެ ފުރަތަމަ މެޗުތަކުގައި ނުކުޅެވިދާނެކަމުގެ ބިރު އެބައޮތެވެ. ހާއްސަކޮށް ޔޫރަޕްގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ޕާކިސްތާނުގެ ކުޅުންތެރިންނާއި، ބޭރު ލީގުތަކުގައި ކުޅޭ ބަންގްލަދޭޝްގެ ކުޅުންތެރިންނަށް މުބާރާތުގެ ކުރީކޮޅު ބައިވެރިނުވެވިއްޖެނަމަ، އެ ޓީމުތަކުގެ ފެންވަރަށް އަސަރުކުރާނެއެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތާއި އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 2023 ވަނަ އަހަރު ކުޅުނު ފައިނަލް މެޗުގައި ކުވައިތު ބަލިކޮށް އިންޑިއާއިން ތަށި އުފުލާލީ ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ. އެ މުބާރާތަކީ ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ދެ ގައުމުގެ ބައިވެރިވުމާއެކު 2023 ގެ މުބާރާތް ވެގެންދިޔައީ ސާފްގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ. ސަރަހައްދުން ބޭރުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ކުޅުންތެރިންނަށް ލިބުނު ބޮޑު ތަޖުރިބާއެކެވެ.
ކުރިއަށް އޮތް މުބާރާތުގައިވެސް ސަރަހައްދުން ބޭރުގެ ޓީމުތަކަށް ދައުވަތު ދޭނެކަން ނުވަތަ ނޫންކަން އަދި ސާފް އިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މުބާރާތުގެ ފޯމެޓާއި ޝެޑިއުލް ފައިނަލްކުރުމަށްފަހު، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށް ބެލެވެއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް