ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން، ގުރޫޕަކުން ގޮސް ކޮޓަރިއެއްގެ އެނދުމަތީގައި އޮތް މީހެއްގެ ގައިގައި ތަޅައި އަނިޔާ ކުރާތަން ފެނެއެވެ. އެތަނުން އެކަކު އެމީހާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމާއިރު، އެހެން މީހަކު "*ޅ ވަޑިއަށް ** ދިނިންތަ؟" މިހެން އަހައެވެ.
އޭގެ އިތުރުން ވީޑިއޯ ކުރާ މީހުން މާފަށް އެދެން އެންގުމުން އެނދުމަތީ އޮތް މީހާ މާފަށް އެދެފީމޭ ބުނެއެވެ. އަދި ފަހުން އަނެއްކާ ވަޑި އާއި ދިމާލަށް ބަޔަކު ތަޅައިގަތީ އޭ ބުނެފި ނަމަ އަދި ދެން އެއަށްވުރެ ވެސް ބޮޑުވަރު ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދެއެވެ. އެއަށްފަހު، ސޯޝަލް މީޑިއާގައި ދެން އާންމުވެގެން ދިޔައީ ހަމަ އެ ކޮޓަރި ތެރޭގައި ޒުވާނަކު ބަރަހަނާ ކޮށްފައިވާ ވީޑިއޯއެކެވެ.
އެ ވީޑިއޯގައި އަނިޔާ ލިބުނު މީހާ (އާދަމް އާސިމް، ރ. މަޑުއްވަރީ) "ވަން" އަށް ބުނީ، އެއީ މީގެ ތިން މަސް ކުރިން ރަށުގައި އުޅުނުއިރު ރައްޓެއްސަކާ ހިނގި ކުޑަ ހަމަނުޖެހުމެއްގެ ސަބަބުން ކުރި ކަމެއް ކަމަށެވެ. އަދި ހަމަނުޖެހުމުގައި ރުޅި އައިސްގެން ""ވަޑި" ބ*ށޭ" މިހެން ބުނެފައިވާނެ ކަމަށެވެ. އާސިމް ބުނީ "ވަޑި" އަކީ މޫކޭގެ އާއިލާ މީހުންނަށް ބޭނުން ކުރާ ވަނަމެއް ކަމަށެވެ.
އޭނާ އިތުރަށް ބުނީ، އޭނާ އަށް އަނިޔާ ކޮށް، ގަދަކަމުން ބަރަހަނާ ކޮށް އެތަން ވީޑިއޯ ކުރި ގުރޫޕުގައި މޫކޭގެ ކޮއްކޮ ވެސް ހުރި ކަމަށެވެ.
"އެކަމެއް ހިނގީ ރިސޯޓަށް ދާން މާލެ އައިސް ރައްޓެއްސަކާއެކު ގެސްޓް ހައުސްއެއްގައި ހުއްޓާ. ފުރަތަމަ އެމީހުން އައީ ހަވީރު. އެގަޑީގައި އަނިޔާކޮށް ވީޑިއޯކޮށްފަ އިންޒާރު ދީފަ ދިޔައީ. ދެން އައީ ހަމަ އެ ރޭ. އެ ރޭ އައިސް ގަދަކަމުން ބަރަހަނާ ކޮށް އަނިޔާކޮށްފައި ވީޑިއޯ ކުރީ. މިހާރު އަޅުގަނޑު މި މަސައްކަތް ކުރަނީ ރިސޯޓުގައި. ކިރިޔާވެސް ބުރަ މަސައްކަތެއް ކުރާއިރަށް އުނަގަނޑަށާއި ބޮލަށް އަދިވެސް ތަދުވޭ. އަނިޔާ ލިބުނު ރޭ ޑޮކްޓަރަށް ދައްކައި ބޭސް ނަގައި ބޭސް ކައި ހެދިން. އެހެން ނަމަވެސް ހަތަރު ވަރަކަށް ދުވަސް ފަހުން އުނަގަނޑާއި ބޮލާއި އަތުގެ އެކި ތަންތަނުން ދުޅަ ކެނޑުނީ. މަސްދުވަސް ފަހުން ނޫފައިގަންފަ ހުރި ތަންތަނުން ކުލަ ކެނޑުނީވެސް. މިހާރު އަބަދުވެސް ހުރެވެނީ ނުތަނަވަސް ކަމެއްގެ ތެރޭގައި." އާސިމް ބުންޏެވެ.
އާސިމް އިތުރަށް ބުނީ، ގަދަކަމުން ބަރަހަނާކޮށް އަނިޔާކުރި މައްސަލަ މިދިޔަ ރޯދަމަހުގެ 17 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ތިން މަސް ވީއިރުވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެ މައްސަލަ މާރާމާރީގެ ގޮތުގައި ނުބަލާ ކަމަށާއި އަދި މައްސަލައިގެ ތަހުގީގަށް ކުރިއެރުމެއް ނުލިބެނީ ބަޔާން ދޭން ތިބި މީހުން ބަޔާން ނުދީގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު، މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ، އެއީ މަޑުއްވަރީ ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ރައީސް ކަމަށް އޭނާ ކުރިމަތިލައިގެން އުޅޭތީ، އަބުރު ކަތިލަންވެގެން ފަތުރައިގެން އުޅޭ ވާހަކައެއް ކަމަށެވެ.
"ވަޑި" އަކީ އަޅުގަނޑުގެ ކާފައަށް ނިސްބަތްވާ ނަމެއް. އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކުދީންނަށްވެސް އެ ނަން ނިސްބަތް ކުރާނެ ވަ ނަމެއްގެ ގޮތުން. ޔަޒީދުއަކީ އަޅުގަނޑުގެ އެންމެ ހަގު ކޮއްކޮ. އެހެން ނަމަވެސް އަޅުގަނޑަކީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާ އަދި ފޯރުވާނޭ މީހެއްވެސް ނޫން. ފުލުހުން އަޅުގަނޑުގެ އަދި އަޅުގަނޑުގެ އާއިލާ މީހެއްގެ ބަޔާނެއްވެސް އަދި ނުނަގާ. އަދި ނަގަން ނުވެސް އުޅޭ." މޫކޭ އިތުރަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ދުވަހު ކުއްޔަށް ކޮޓަރި ދޭ ތަނެއްގައި ޒުވާނަކު ބަރަހަނާކޮށް އަނިޔާކޮށްފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއްވެސް ތަހުގީގު ތެރެއިން ބެލިގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް މައްސަލަ ހުށަހެޅި ފަރާތާއި ހިއްސާކުރަމުންގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް