ފުޓްބޯޅަ

ރީސް ޖޭމްސްގެ ޗެމްޕިއަންސް ލީގު ރަން މެޑަލްއާއި ޔޫރޯ ރިހި މެޑަލް ވަގަށް ނަގައިފި

ޗެލްސީ އަދި އިންގްލެންޑްގެ ޑިފެންޑަރު ރީސް ޖޭމްސްގެ ގެއިން ވައްކަން ކޮށް، ޗެމްޕިއަންސް ލީގުގެ ރަން މެޑަލްއާއި އިންގްލެންޑާއެކު ޔޫރޯގައި ހޯދި ރިހި މެޑަލް ގެންގޮސްފިއެވެ.

ޖޭމްސްގެ އިންސްޓަގްރާމުގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް އަމިއްލަ ތަކެތި ރައްކާކޮށްފައިވާ ފޮއްޓެއް ވަގުން ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ޗެލްސީއާއެކު ހޯދި ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ސުޕަ ކަޕް ރަން މެޑަލްއާއި ޔޫރޯގެ ރިހި މެޑަލް ހިމެނޭ ކަމަށެވެ. އެ ވައްކަން ކޮށްފައިވަނީ ޗެލްސީން ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗަށް ޖޭމްސް ރަޝިޔާގައި ހުއްޓައެވެ.

ވައްކަން ކުރި ގްރޫޕުގެ ވީޑިއޯއެއްވެސް ޖޭމްސް އިންސްޓާގްރާމުގައި އާންމުކޮށްފައިވެއެވެ. ހަތަރު މީހުން ވެގެން ޖޭމްސްގެ ގެއަށް ވަންނަ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯގައި މީހުންގެ މޫނުވެސް ފެނެއެވެ. އިންސްޓާ ޕޯސްޓުގައި ޖޭމްސް ވަނީ އެ މީހުންނަކީ ކޮންބައެއްކަން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އުމުރުން 21 އަހަރުގެ ޖޭމްސް ބުނެފައިވަނީ ފޮށީގައި އިތުރު އަގުހުރި އެއްޗެއް ނުހުންނާނެ ކަމަށާއި، މެޑަލްތައް ގެންދިޔަ ނަމަވެސް އިންގްލެންޑާއި ޗެލްސީގައި އޭނާ ހޯދި ފަހުރުވެރި ކާމިޔާބީތައް އޭނާގެ ކިބައިން ނިގުޅައި ނުގަނެވޭނެ ކަމަށެވެ. ޖޭމްސް އިތުރަށް ފާހަގަކޮށްފައިވަނީ ފުލުހުންނާއެކު ޗެލްސީއާއި އެޑްވައިޒަރުންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި، އެފަދަ ފިނޑި އަމަލެއް ހިންގި ބަޔަކަށް ފިލާ ނުތިބެވޭނެ ކަމަށެވެ.