މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެގެން ނިމުނުއިރު، ލިވަޕޫލާއި އޭސީ މިލާން ވާދަކުރި ފޯރިގަދަ މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
ޕީއެސްޖީން ރަށުން ބޭރުގައި ކްލަބު ބްރޫޖެސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ ޕީއެސްޖީއަށް މާޔޫސީ ފެށުމަކަށް ވާނެކަން ޔަގީނެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އެންމެ ވަރުގަދަ ޓްރާންސްފާތަކެއް ކުރީ ޕީއެސްޖީ ކަމަށްވާއިރު، ރޭގެ މެޗަށް އެޓީމުން ވަނީ ސްޕަ ސްޓާ އެޓޭކިން ލައިން އެކުގައި ނެރެފައެވެ. ލިއޮނެލް މެސީއާއި ނޭމާގެ އިތުރުން ކިލިއަން އެމްބާޕޭވެސް ރޭގެ މެޗުގެ ފުރަތަމަ 11 އިން ފެނިފައިވާއިރު، އެ ތިން ކުޅުންތެރިންނަށްވެސް މާ ބޮޑު ތަފާތެއް ދެއްކިފައެއް ނުވެއެވެ.
މެޗު ފެށުނީއްސުރެ ބްރޫޖެސް އިން ޕްރެސިން ގޭމެއް ކުޅެމުން ދިޔައިރު، ޕީއެސްޖީގެ ޑިފެންސަށާއި ގޯލްކީޕަރަށް ދިޔައީ އެ ޕްރެޝަރު ބޮޑުވަމުންނެވެ. ޕީއެސްޖީން ފަހަތުން ޖަހަން މަސައްކަތް ކުރި ޕާސްތައް ބްރޫޖެސް އިން ވަރަށް ބޮޑަށް ބްލޮކް ކޮށްފައިވެ އެވެ. ޕްރެޝަރުގެ ތެރޭގައިވެސް ޕީއެސްޖީން މެޗުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. އެމްބާޕޭގެ ހުރަހަކުން އެންޑާ ހެރޭރާ ޖެހި ގޯލާއެކު ޕީއެސްޖީ ލީޑު ނެގި ނަމަވެސް ހާފް ނިމެންދެންވެސް އެ ލީޑު ދެމެހެއްޓިފައެއް ނުވެއެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ވަނަކެން ޖެހި ގޯލުން ބްރޫޖެސް ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ ފަހު ހާފްގައިވެސް ޕީއެސްޖީގެ ނުރައްކާ އަންދާޒާ ކުރި ވަރަށް ބޮޑެއް ނޫނެވެ. ޓީމުގެ ޕާސްތަކުގައި ގުޅުން ކުޑަކޮށް ފާހަގަވެގެން ގޮސްފައިވާއިރު، މެސީގެ ނުރައްކާވެސް މާ ބޮޑަށް މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. އެންމެ ބޮޑު ނުރައްކަލަކަށް ވެސް މެސީގެ ފަރާތުން ފެނިފައި ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވި ހަމަލާއެކެވެ.
ރޭ ލިވަޕޫލުން އެންފީލްޑްގައި ކުޅުނު މެޗުގައި އޭސީ މިލާން ބަލިކުރީ ފަހަތުން އަރައި، 3-2 ގެ ނަތީޖާއަކުންނެވެ. ޓޮމޯރީ އަތުން ބައިކޮޅަށް ވަން ގޯލަކުން ލިވަޕޫލް މެޗުގެ ލީޑު ނެގި ނަމަވެސް ހާފް ނިމުމުގެ ކުރިން އޭސީން ނަތީޖާ އަނބުރާލިއެވެ. އެޓީމަށް ފުލުފުލުގައި ގޯލްތައް ޖަހައދިނީ ބްރަހިމް ޑިއާޒްއާއި އަންޓޭ ރެބިޗެވެ.
މެޗުގެ ފުރަތަމަ ހާފް 2-1 ގެ ނަތީޖާއަކުން އޭސީ ކުރީގައި އޮވެ ނިންމާލި ނަމަވެސް އެޓޭކިން ވަރުގަދަ، ޖޯޝުގަދަ ފުޓުބޯޅައަކާއެކު ލިވަޕޫލުން ފަހަތުން އަރާ ދެ ގޯލް ޖަހައި ނަތީޖާ އަނބުރާލިއެވެ. އެޓީމަށް ގޯލްތައް ޖަހައިދިނީ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި މުހައްމަދު ސަލާހެވެ.
ރޭ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 0-0 އިން އެފްސީ ޕޯޓޯއާ އެއްވަރުވެފައިވާއިރު، މެންޗެސްޓާ ސިޓީން ލެއިޕްޒިގް ބަލިކުރީ 6-3 ގެ ނަތީޖާއަކުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު