މުހައްމަދު ޝަމްއޫން، ބަންގްލަދޭޝް - ޑާކާ
އިންޑިއާ ކައިރިން މޮޅުވުމަކީވެސް ޗެލެންޖެއް ކަމަށައި، ވަރަށް ވިސްނައިގެން ކުޅެން ޖެހޭނެ ކަމަށް ރާއްޖޭގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ޕާކިސްތާނުން އެ މެޗުން ހޯދި މޮޅާއެކު ސެމީ ފައިނަލް ޔަގީންކުރީ ދެމެޗުން ތިން ޕޮއިންޓް، އަދި ފައިދާ ދެ ގޯލާއެކުގައެވެ. އިންޑިއާއާއި ރާއްޖެ މާދަމާ ގްރޫޕްގެ ފަހު މެޗުގައި ކުޅޭ އިރު، އިންޑިއާ ފުރަތަމަ ކުޅުނު މެޗުން ޕާކިސްތާން ކައިރިން މޮޅުވީ 3-2 އިންނެވެ. އެހެންކަމުން ރާއްޖެއަށް އިންޑިއާ ކަޓުވާލެވެން އޮތީ ހަތަރު ގޯލްގެ ފަރަގަކުން މޮޅުވެގެންނެވެ.
"އަހަރެން އަބަދުވެސް އިތުބާރު ކުރަން ޓީމެއް. މި ކުޅިވަރުގައި މި އޮންނަ ގޮތަކީ، ދަނޑުމަތީގައި ދެޓީމެއް ކުޅޭނީ. ދެން އަބަދުވެސް ޖެހޭނީ އެންމެ ރަނގަޅަށް ކުރެވެން އޮންނަ ކަމެއް ކުރަން. ފަސޭހަ ގޯސްތައް، އެހާ އަވަހަށް ހެދިޔަ ނުދޭން ޖެހޭނެ،" އުރުބާނީ ބުންޏެވެ.
މިއަދު ފަރިތަކުރުންތަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ފާހަގަކުރީ ޕާކިސްތާން މެޗަށްފަހު އެންމެ ފުރަތަމަވެސް ދެއްކި ވާހަކައަކީ، އެ މެޗު ފަށައިގެން ގޯލް ޖަހާނެ ފުރުސަތުތައް ލިބި ބޭނުން ނުކުރެވުނު ވާހަކަ ކަމަށެވެ. އަދި ހާލަތު ބަދަލުވީ ފަސޭހަ ޕެނަލްޓީއެއް ޕާކިސްތާނަށް ލިބިގެން ކަމަށާއި، އެ ޕެނަލްޓީ ދިނުމުގެ ކުރިން ވީއޭއާރް ބެލި ނަމަ، އެތައް އިރަކު ބަލައިގެން ނޫނީ ކަންވީ ގޮތް ސާފު ނުވާނެ ކަމަށްވެސް އުރުބާނީ ބުންޏެވެ. އަދި ދެވަނަ ގޯލަކީ ރާއްޖޭގެ ފަހަތުގެ ގޯހެއް ކަމަށް ބުނަމުން އުރުބާނީ ބުނީ ތިންވަނަ ގޯލަކީ ރާއްޖޭގެ ޑިފެންޑަރަށް ފައުލްކޮށްފައި ޕާކިސްތާނުން ޖެހި ގޯލެއް ކަމަށެވެ.
އިންޑިއާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އުރުބާނީ ބުނީ، އިންޑިއާގެ އެންމެ ސީނިއާ ޓީމު ނޫން ނަމަވެސް، މިހާރު އޮތް ޓީމަކީވެސް ވަރަށް އޮގަނައިޒް، އެއްކޮށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ޓީމެއް ކަމަށެވެ.
"އަހަރެމެން ޑިފެންސް ކޮމްޕެކްޓްކޮށް ކުޅެން ޖެހޭ. އެކަމަށް ފަރިތަވާން ޗައިނާ މެޗުގައިވެސް މަސައްކަތްކުރިން. އިދިކޮޅު ޓީމުން ކޮންޓްރޯލްގައި ކުޅޭއިރު ހިފަހައްޓަން ޖެހޭނެ. އިންޑިއާއަކީ ޒުވާން ހުނަރުވެރި، ވަރަށް އޮގަނައިޒް ޓީމެއް. ބައެއް ސީނިއާ ކުޅުންތެރިންވެސް ހިމެނޭ ސްކޮޑެއް މިއޮތީ. ތިން ކުޅުންތެރިޔަކު ދިޔަ ނަމަވެސް، އެހެން ތިން ކުޅުންތެރިޔަކު ގެނެސްފި، އަހަރެން ކުޑަކޮށް އޮފިޝަލުންނާ ވާހަކަ ދައްކާލިން. އެ ޓީމަކީ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކޮށްފައިވާ ޓީމެއް. އެއީ ޗެލެންޖެއް. ގިނަ ގޯލްތަކެއް ޖެހުން ބާއްވާފައި ވަރުގަދަ އިންޑިއާ ޓީމެއް ބަލިކުރުމަކީވެސް ޗެލެންޖެއް. އަހަރެމެން ސްމާޓްކޮށް ޑިފެންސް ކުރަން ޖެހޭ،" އުރުބާނީ ފާހަގަކުރިއެވެ.
އުުރުބާނީ ބުނީ 13 އަހަރު ފަހުން ރާއްޖެއާއެކު ސާފަށް ނުކުތް އިރު، ސަރަހައްދީ ފުޓުބޯޅަ އޮތީ ބަދަލުވެފައި ކަމަށާއި، މިހާރު ކޮންފިޑެންސާއެކު އިންޑިއާ ބަލިކުރޭވޭ ބުނަން އުނދަގޫ ކަމަށެވެ.
"މުބާރާތްތަކަށް އަޝްފާގު، ސެންޓޭ، އޮއްޕޮ، މި ހުރިހާ ކުޅުންތެރިންނާއެކު ނުކުންނަ ނަމަ ބުނެވިދާނެ ވަރަށް ކޮންފިޑެންސް ކޮށޭ މި ނުކުންނަނީ. އެއީ އެ ކުޅުންތެރިން ތިބޭނީ ބައިވަރު އިންޓަނޭޝަނަލް މެޗުތަކެއް ކުޅެފައި. އެކަމަކު މިހާރު މިއޮތް ހާލަތުގައި ކޮންފިޑެންސްގެ ވާހަކައެއް ނޫން ދައްކަނީ، ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ވާހަކަ. އަދި އެހެން ނޫން، ބައެއް ފަހަރު ކުރަން ޖެހޭ ކަންތައް ކުރަންވެސް ޖެހޭ. އަހަރެއް ވަކި ފޯމެޓަކަށް، ނޫނީ ވަކި ބަދަލެއް ކޮށްގެން މެޗު ނެގޭނެއޭ ބުނަން ޔަގީންކަމެއް ނޯންނާނެ. އެކަމަކު އަހަރެން މި ޓީމު ބައްޓަން ކުރަން ބޭނުން ވަނީ މުސްތަގުބަލަށްވެސް ވިސްނައިގެން،" އުރުބާނީ ފާހަގަކުރިއެވެ.
އުރުބާނީ އަލުން ރާއްޖެއާ ހަވާލުވިފަހުން މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ޓިމޯ ލެސްޓޭ ކައިރިން އެކަންޏެވެ. އޭގެފަހުން 20 އަހަރުން ދަށުގެ ޓީމާއެކުވެސް މޮޅެއް ހޯދިފައި ނުވާ އިރު، ޑައިމަންޑް ޖުބިލީ މުބާރާތްވެސް ނިންމާލީ މޮޅެއް ނުހޯދިއެވެ.
ރާއްޖޭން އިންޑިއާއާ ދެކޮޅަށް ނުކުންނަ މެޗު މާދަމާ އޮންނާނީ ރާއްޖެ ގަޑިން މެންދުރުފަހު 2:30 ގައެވެ.
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
އިސްތަވް އުރުބާނީ
ކޮމެންޓް