މުހައްމަދު ޝަމްއޫން - ޑާކާ، ބަންގްލަދޭޝް
ބަންގްލަދޭޝް ސަޕޯޓަރުންނަކީ މެޗުތައް ބެލުމަށް ހަރަދުތައް ކޮށް، ވަގުތުވެސް ހޭދަކުރަމުންދާ ފޯރިގަދަ ސަޕޯޓަރުންތަކެއް ކަމަށާއި، އެ ސަޕޯޓަރުންގެ ގުރުބާނީއަށް މިފަހަރު ސާފް ޗެމްޕިއަންޝިޕް އުފުލައިލަން ޖެހޭ ކަމަށް ޓީމުގެ ތަރި، އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޝެފިލްޑް ޔުނައިޓެޑަށް ކުޅެމުންދާ ހަމްޒާ ޗޯދުރީ ބުނެފިއެވެ.
ލެސްޓާ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގަށްވެސް ގިނަ މެޗުތަކެއް ކުޅެ، އޭގެފަހުން ވޮޓްފޯޑަށްވެސް ކުޅެފައިވާ ހަމްޒާއަކީ ކުރިން އިންގްލެންޑް 21 އަހަރުން ދަށު ޓީމަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ބަންގްލަދޭޝްގެ އާއިލާއަކަށް އުފަން ކުޅުންތެރިޔަކަށްވާ އިރު، އޭނާ ބަންގްލަދޭޝް ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ މިިދިޔަ އަހަރު މާޗު މަހުއެވެ. އެއީ 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ޕާސްޕޯޓް ހޯދައި، އިނގިރޭސި އެފްއޭގެ އެންއޯސީވެސް ހޯދައިގެންނެވެ.
ބަންގްލަދޭޝްއިން މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ކައިރިން 1-0 އިން މޮޅުވެފައިވާ އިރު، އެމެޗުގައި ހަމްޒާ ކުޅެފައެއް ނުވެއެވެ. ހަމްޒާ ބަންގްލަދޭޝް ޓީމާ ގުޅުނީ އިއްޔެއެވެ. އެއީ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު ކްލަބުން ރިލީސް ދިނުމުންނެވެ.
ބަންގްލަދޭޝްއިން މާދަމާ ސްރީ ލަންކާއާ ދެކޮޅަށް ނުކުންނައިރުވެސް ސެމީ ފައިނަލް ޔަގީން ކޮށްފައިވާ ނަމަވެސް، އެމެޗު ވެގެންދާނީ ބޮޑު މެޗަކަށެވެ. އެމެޗުގައި ހަމްޒާ ފެނިގެންދާނެއެވެ. މިއަދު ޕްރެކްޓިސްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހަމްޒާ ބުނީ މިއީ އިރާދަކުރެއްވިއްޔާ 23 އަހަރުގެ އިންތިޒާރަށް ނިމުން ގެނެވޭނެ ފަހަރު ކަމަށެވެ.
"ފުޓުބޯޅައަކީ ޓީމު ކުޅިވަރެއް. އަހަންނަށް އެކަންޏެއް ނޫން މެޗު ބަރޯސާވާނީ. އަހަންނަށް އެބަ ފެނޭ މަޑުމަޑުން މި ޓީމު ކުރިއަރަމުންދާތަން. އަހަރެން މިހުރީ އަނެއްކާވެސް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ވަރަށް ކުޅޭ ހިތުން. މިއީ އަހަރެމެންނަށް ބޮޑު މުބާރާތެއް، އަދި 23 އަހަރުވީ މި މުބާރާތް ނުނެގޭތާ. އިންޝާﷲ މިއީ ތަށި އުފުލާލެވޭނެ ފަހަރު،" ހަމްޒާ ބުންޏެވެ.
އެތައް ނޫސްވެރިންނެއް ހަމްޒާގެ ޕްރެސްއަށް ޖަމާވެފައިވާ އިރު، ބަންގްލަދޭޝްއިން އުންމީދުކުރަނީ 2003 ވަނަ އަހަރަށްފަހު ސާފް އުފުލާލުމަށެވެ. ހަމްޒާ ވަނީ އެ ޕްރެޝަރުގެ ވާހަކަވެސް ފާހަގަކޮށްފައެވެ.
"ހައިޕް ވަރަށް ބޮޑު. ޕްރެޝަރުވެސް ވަރަށް ބޮޑު. އަހަރެމެންނަށް މެޗުތަކުން މޮޅުވާން ޖެހޭކަން އެނގޭ. މި ފޯރި ބަންގްލަދޭޝްގައި އޮންނަތާ ދެ އަހަރެއް ވެއްޖެ. ދެން އަހަރެމެންނަށް އޮތީ މުބާރާތްތައް ހޯދުން، މެޗުތަކުން މޮޅުވުން. ޕްރެޝަރު އެބައޮތްކަން އެނގޭ. އެކަމަކު އެއީ މައްސަލައެއް ނޫން،" ހަމްޒާ ބުންޏެވެ.
ހަމްޒާ ބުނީ އޭނާ އިނގިރޭސިވިލާތުގައި ކުޅޭ މެޗުތައް ބެލުމަށްވެސް ބަންގްލަދޭޝް ސަޕޯޓަރުން ދާ ކަމަށާއި، އެ ލޯތްބަކީ އޭނާ ބަލައިގަންނަ ކަމެއް ކަމަށެވެ.
"އަހަރެމެން އެބަޖެހޭ ސަޕޯޓަރުންނަށް އަގު އަދާކޮށްދޭން. ބަންގްލަދޭޝް ސަޕޯޓަރުންނަކީ ހަރަދުވެސްކޮށް، ވަގުތުތައްވެސް ހޭދަކޮށް އަހަރެމެންނަށްޓަކައި ގުރުބާންވާ ބައެއް. އަހަރެން ފަހުރުވެރިވޭ ބަންގްލަދޭޝް ތަމްސީލުކުރަން. އަހަރެން އިންގްލެންޑްގައި ކުޅޭއިރުވެސް އެ ސަޕޯޓަރުން ވަރަށް ލޯބިދޭ. އިންޝާ ﷲ ސަޕޯޓަރުންނަށް އެ އަގު އަދާކޮށްދެވޭނެ،" ހަމްޒާ ފާހަގަކުރިއެވެ.
ހަމްޒާ ބުނީ ޓީމާ ދޭތެރޭ ހާސްވާން ޖެހޭ އެއްވެސް ކަމެއް ބޫޓާން މެޗުން ނުފެންނަ ކަމަށާއި، ކުދިކުދި ކަންކަން ރަނގަޅުކޮށްލުމުން ފުރިހަމަ ވާނެ ކަމަށެވެ.
ސްރީ ލަންކާއާ ދެކޮޅަށް ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 7:00 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް