ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް އޭގައި ސްރީ ލަންކާއާއި ބޫޓާން ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިހާރު އޮތް ހާލަތުގައި ބޫޓާނަށް ސެމީ ފައިނަލްގެ ފުރުސަތު އެބައޮތެވެ. އެއީ ދެމެޗުން ޕޮއިންޓެއް ހޯދުމުންނެވެ. އެއީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށްފަހު ބޫޓާނުން ސާފްގެ މެޗެއްގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. ގްރޫޕް އޭގެ ފަހު މެޗުގައި ބަންގްލަދޭޝްއާއި ސްރީ ލަންކާ ވާދަކުރާ އިރު، އެމެޗަށް ނުކުންނަ އިރުވެސް ބަންގްލަދޭޝް އޮތީ ސެމީ ފައިނަލް ޔަގީންވެފައެވެ. އެއީ މޮޅެއް ހޯދާފައި އޮތުމުންނެވެ. އެމެޗުގައި ބަންގްލަދޭޝްއިން ލަންކާ ކައިރިން ދެ ގޯލްގެ ފަރަގަކުން މޮޅުވެއްޖެނަމަ، ބޫޓާނަށް ސެމީގެ ފުރުސަތު އޮންނާނެއެވެ. ލަންކާއަށް އެމެޗުން ޕޮއިންޓަކުންވެސް ސަލާމަތް ވެވޭނެއެވެ. ބޫޓާނަށް އަމިއްލަ ބާރު ނެތް ނަމަވެސް، އެޓީމުން ތިބީ އުންމީދުގައެވެ.
"އަހަރެން ބޭނުން ބަންގްލަދޭޝް މޮޅުވާން. އަހަރެމެން ބޭނުންވޭ ބަންގްލަދޭޝްގެ އެހީ. ލަންކާގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު ކުޅުމެއް ނޫން ކަނނޭގެ. އަހަރެމެންނާ އެހާ ވަރުގަދަކޮށް ކުޅުނީމަ ލަންކާއަށްވެސް އަންނާނެ ވަރުބަލިކަން. އަދި އަނިޔާތައްވެސް. އަހަރެމެން އުންމީދުކުރަނީ ބަންގްލަދޭޝް މޮޅަށް ކުޅެ ލަންކާ ބަލިކުރާނެ ކަމަށް،" ބޫޓާންގެ ކޯޗު ގެރީ ފިލިޕްސް މެޗަށްފަހު ބުންޏެވެ.
މެޗުގައި ބޫޓާންގެ ތަޖުރިބާކާރު ކެޕްޓަން ޗެންޗޯ ޔެލްޓްޝެން އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، ފަހުން އެއްވަރުކުރީ އޭނާގެ މޮޅު ގޯލަކުންނެވެ. އިންޑިއާ ލީގާއި ބަންގްލަދޭޝް ލީގުގައިވެސް ކުޅެފައިވާ ޗެންޗޯ މިފަހަރު ސާފްގެ ތެރެއިން 50 ވަނަ މެޗު ގައުމީ ޓީމަށް ހަމަކޮށްފައިވާ އިރު، އަދިިވެސް އޭނާ ފެންނަނީ ސަރަހައްދީ ލެވެލްގައި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.
"ޗެންޗޯ އަތުން ޕެނަލްޓީ ނާކާމިޔާބުވުމަކީ ވަރަށް ބޮޑު ކަމެއް. ހާއްސަކޮށް މިހަކަލަ މެޗެއްގައި. އެކަމަކު އޭނާގެ ކޮލިޓީ ދެން އެ ފެނުނީ. އެހިސާބުން އެ ދެއްކީ އޭނާގެ ޕްރޮފެޝަނަލްކަން. އެއީ ތަފާތު މޮޅު ކުޅުންތެރިއެއް. އަހަރެމެންނަށް ހައްގު ޕޮއިންޓެއް މިއީ. ވަރަށް ވަރަށް މަސައްކަތްކުރި މި ޓީމުން،" ގެރީ ބުންޏެވެ.
ގެރީ އިތުރަށް ބުނީ މެޗަށް ނުކުތްއިރު ހުރީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. އެއީ ލަންކާ ޓީމުގައި ތިބި ބޭރު ގައުމުތަކުގައި ކުޅޭ، އެގައުމުތަކުގައި އުޅޭ 16 ކުޅުންތެރިން ތިބުމާއެކު ލަންކާ މާ ވަރުގަދަވާނެހެން ހީވީމަ ކަމަށްވެސް ގެރި ބުންޏެވެ. އެހެން ނަމަވެސް މެޗުން ޕޮއިންޓެއް ހޯދަން ބޫޓާންގެ ކުޅުންތެރިން ދެއްކި އާދަޔާހިލާފު ރޫހަށް ގެރީ ތައުރީފު ކުރިއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް