ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒިފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތު ދޭން ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އަށް ފިިޔަވަޅު އަޅަން ޖެހޭ ކަމަށާއި، އޭނާއަށް ފިޔަވަޅު ނާޅައިފިނަމަ އެގޮތަށް ޖާމިނު ވުމަކީ ކުޅިވަރަކަށް ވެދާނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.
ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. ކުރިމިނަލް ކޯޓުން ދިން ހަތަރު މަހުގެ މުއްދަތަށް، ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ބޭސްފަރުވާއަށް ފުރާވަޑައިގަތީ، އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި އަޑުބަރޭ ކޯޓުގައި ޖާމިނުކޮށްފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެނުދިން މައްސަލަ، ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމާއި ކުރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރާނެކަމުގެ ޔަގީންކަން ދީ މީހަކު ޖާމިނުވެފައިވާ ކަމަށެވެ.
އެހެންކަމުން އެކަަމަކީ ގާނޫނީ ގޮތުން ބަނދެވުންތަކެއް ބަނދެވޭ އަދި ގާނޫނީގޮތުން ސީރިއަސް ނަތީޖާތަކެއް ހާސިލުކޮށްދޭންޖެހޭ ޖާމިނުވުމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ ޖާމިނުވުންތަކަށް ގާނޫނީ ސީރިއަސް ނަތީޖާއާ ކުރިމަތިލާން ނުޖެހޭކަން ދޭހަވާ ގޮތަށް ދައުލަތުން އަމަލު ކުރުމަކީ ކޮންމެ މީހަކުވެސް އެފަދަ ގޮތަކަށް ކޯޓުތަކުގެ ކުރިމައްޗަށް އައުމަށް ބާރު ދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަމުގެ ނަތީޖާއަކީ ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށްވެ، ޖާމިނުވާ މީހާއަށް އޭނާ ބޭނުންވާ ކުޅިވަރެއް ކުޅުމުގެ މިނިވަންކަމާއެކު އުޅެވޭނެ ގޮތްވުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މިހާރު ފިލައިގެން ގޮސްފައި ހުރި މީހަކު އަލުން އިތުރަށް ފިލައިފާނެ ކަމަށް ދެކިގެން، ބާތިލުކޮށްފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް އެދުމަށްވުރެ ކުރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރު ކުރާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒު ކުރުމަށް ފިޔަވަޅު އެޅުން މާހަމަޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު