ރޭޕްގެ މައްސަލައެއްގައި ގދ. ވާދޫ، ސަބާހީ މަންޒިލް، އިޒާމް ޒާހިރުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލެއް ނުކުރިއެވެ.

މި މައްސަލައަކީ މީހުން ދިރިއުޅޭ ރަށެއްގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ ރޭޕްކޮށްފައިވާ ކަމަށްބުނެ ރޭޕްގެ ޝިކާއަކަށްވި މީހާ ކުރި ޝަކުވާއަކާ ގުޅިގެން އިޒާމް ޒާހިރުގެ މައްޗަށް ދައުލަތުގެ ކުރި ރޭޕް ކުރުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތުގެ މަޖިލީހަށް ޝަކުވާކުރި މީހާ ދިން ބަޔާނަށް ބެލިއިރު މި މައްސަލައިގައި ބުނާ ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ރުހުމުގައި އެ ހާދިސާ ހިނގި ގޭގެ ކޮޓަރިއަށް ގެންގޮސް އެހެން ދެ ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ޝަކުވާކުރި މީހާގެ ބަހުން އެނގެއެވެ.

އިޒާމް އެ ކޮޓަރިއަށް ވަނީ އޭގެ ފަހުން ކަމަށާއި ކޮޓަރީގައި ބޮކި ނިއްވާފައި ހުރުމުން ވަރަށް އަނދިރި ކަމަށާއި އެއީ އިޒާމް ކަން އެނގުނީވެސް އޭނާއަށް ފޯނެއް އައި ވަގުތު ފޯނުގެ އަލިން ކަަމަށްވެސް ބުނެފައިވެއެވެ. އަދި އިޒާމް އާއެކު އެ ގުޅުން ހިންގުމަށް ދެކޮޅު ހެދި ކަމަށާއި ނަމަވެސް އިޒާމް އޭނާ ރޭޕް ކުރީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެގޮތުން އިޒާމް އޭނާގެ ގައިމަތީގައި އޮއްވައި އޭނާގެ އެއްބަނޑުއެއްބަފާ ފިރިހެން ކޮއްކޮ އަދި ދެބެއިންގެ ދެދަރި ފިރިހެން ކޮއްކޮއެއް އައުމުން އިޒާމް ތެދުވެގެން ދިޔައީ ކަމަށްވެސް ބުނެފައިވެއެވެ.

މި ދައުވާގައި، އިޒާމްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ، މަންޒަރު ލޮލުން ފެނުނު ދެ މީހުންގެ ހެކިބަހަށާއި، އެ އަންހެން މީހާގެ ދެ ފަރާތުގެ އުރަމަތިން ހެކީގެ ގޮތުގައި ނެގި ސާމްޕަލްގައި އިޒާމްގެ ޑީއެންއޭ ހުރުމާއި، ޝަކުވާކުރި މީހާގެ ކަރާއި ދެފަރާތުގެ ކަންފަތުން ނެގި ސްވޮބުން ލިބުނު މިކްސްޑްގައި ޑީއެންއޭ ޕްރޮފައިލްގެ މައިނަ ކޮމްޕޮނެންޓްގެ ދެ ސައިޓެއް ފިޔަވައި ހުރިހާ ސައިޓެއް އިޒާމްގެ ޑީއެންއޭ ޕްރޮފައިލާ ދިމާވާކަން ހެކިތަކުން އެނގެން އޮތުމުންނެވެ.

މި ދައުވާގައި، ރޭޕްގެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅީ ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާއާ ހިލާފަށް ކަމަށްބުނެ، އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި އިޒާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ނަމަވެސް ހައިކޯޓުން މައްސަލަ ބެލުމަށްފަހު މި މައްސަލަ އިޒާމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރިއާޔަތްކޮށް ކުރިމިނަލް ކޯޓުުން ކުރި ހުކުމް ބާތިލުކުރާނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ހުކުމްކުރިއެވެ.