މަނީލޯންޑާ ކުރުމުގެ ކުށުން ބަރީއަވުމަށް ޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޭރުގެ ރައީސް މުއައްވިޒް ރަޝީދާ ބައްދަލު ނުވާކަން ޝަރީއަތަށް ސާބިތު ކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޕޮއިންޓްމެންޓް ލޮގްތަކަށް އެދުމުން ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް، އެ މައްސަލައިގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް، ފަސް އަހަރުގެ ޖަލު ހުުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިހާރު ކުރިއަށްދާ އިސްތިއުނާފީ އަޑު އެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކުރުމަށްފަހު، ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާ މައްސަލައިގައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަމިއްލަ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މުޅި މައްސަލައިގެ މަސްދަރު ބިނާކޮށްފައި ވަނީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީީ) ގެ ކުރީގެ ރައީސް މުއައްވިޒް ގެ ހެކި ބަހަށް ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އެސްއޯއެފް މެދުވެރިކޮށް، ޖަމާވި، ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ކަމަށް އޭސީސީން އެމަނިކުފާނަށް އަންގައި ސަމާލުކަމަށް ގެނެސްފައިވާކަން މުއައްވިޒް ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، މުއައްވިޒް އެހެން ވިދާޅުވި ނަމަވެސް، ފުލުހުގެ ތަހުގީގަށް ދެއްވި ބަޔާނުގައި، ރައީސް ޔާމީނާ ބައްދަލު ނުވާ ކަމަށް މުއައްވިޒް ވިދާޅުވެފައިވާ ކަމަށެވެ.
"މުއައްވިޒް ރަޝީދު އޮންނަނީ ފުލުހުންނަށް ސިޓީއެއް ފޮނުވައިފަ އެ ސިޓީގައި ވިދާޅުވެފައި މި އޮންނަނީ ރައީސް އޮފީހަށް ގޮއްސަ 2016 ވަނަ އަހަރު ނުވަތަ 2017 ވަނަ އަހަރު ރައީސް އޮފީހަށް ގޮއްސަ ރައީސް ޔާމީނާ ބައްދަލުކޮށް، މިއީ ތުހުމަތެއް އޮތް ފައިސާ ކަމަށް ރައީސް ޔާމީން ކައިރީގައި ތިމަންނަ ބުނީމޭ، ތިމަންނައާ އެކީ ވަޑައިގަތީ ލުތުފީއޭ، އެއީ އޭސީސީގެ ރައީސް އެ ވަގުތު، އެހިސާބުން މިއޮންނަނީ ކޯޓުތަކުން ނިންމައިފަ އެއީ ތުހުމަތެއް އޮތް ފައިސާއެއްކަން އަޅުގަނޑަށް އެނގޭކަން ދައުލަތުގެ ފަރާތުން އެއޮތީ އަންގައިފައޭ،"
ނަމަވެސް އެމަނިކުފާނާއި މުއައްވިޒާ ބައްދަލު ނުވާ ކަމަށް ވިދާޅުވެ، މުއައްވިޒްގެ ކުރިން އޭސީސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ ބަޔާން ދެއްވާފައިވާ ކަމަށް، ރައީސް ޔާމީން ޝަރީއަތުގެ ސަމާލުކަމަށް ގެންނެވިއެވެ.
"މުއައްވިޒް ރަޝީދު މި މައްސަލައާ ގުޅިގެން ފުލުހުންނަށް ދެއްވި ބަޔާނުގައި ކަނޑައެޅިގެން އެބަ ބުނޭ ތިމަންނަމެން ރައީސް ޔާމީނާ ބައްދަލު ކުރަން އުޅެއުޅެ ތިމަންނަމެންނަކާ ރައީސް ޔާމީނާ ބައްދަލެއް ނުކުރެވުނޭ، އެކަމަކު ފުލުހުންނަށް ފޮނުވާފައި އޮންނަ ސިޓީގައި މިއޮންނަނީ ވިދާޅުވެފަ ރައީސް ޔާމީނާ ރައީސް އޮފީހުގައި ބައްދަލުކޮށް މިއީ ތުހުމަތެއް އޮތް ފައިސާއެކޭ ރައީސް ޔާމީން ކައިރީގައި ބުނީމޭ އަދި އެހެންވީމާ އެންމެ ރަނގަޅުވާނީ އޭސީސީއާ މި ފައިސާ ހަވާލު ކުރުމޭ،"
ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާހު ރައީސް ކަމުގައި ހުންނެވިއިރު، ބައްދަލު ކުރަން އަންނަ ފަރާތްތައް އެނގޭނެ އެޕޮއިންޓްމެންޓް ލޮގެއް ރައީސް އޮފީހުގައި އޮންނާނެ ކަމަށެެވެ. އަދި މުއައްވިޒް އެމަނިކުފާނާ ބައްދަލު ނުކުރައްވާކަން ސާބިތު ކުރެއްވުމަށް އެޕޮއިންޓްމެންޓް ލޮގް ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސްގެ މަގާމުގައި ހުރިއިރު އަޅުގަނޑާ މީހުން ބައްދަލު ކުރާކަމަށް ވަންޏާ ރައީސް އޮފީހުގައި އޮންނާނެ ރައީސުލްޖުމްހޫރިއްޔާއާ މީހުން ބައްދަލު ކުރާ އެޕޮއިންޓްމެންޓް ލޮގެއް، ގާނޫނުގައި އޮތް ހުރިހާ މަގަކުން ހިނގިން، އެންމެ ފަހުން އަޅުގަނޑު ރައީސް އޮފީހަށް ލިޔުނިން އަޅުގަނޑުގެ އެޕޮއިންޓްމެންޓް ލޮގްތައް ދެއްވާށޭ، ރައީސް އޮފީހުން ކަނޑައެޅިގެން އެއަށް ޖަވާބެއް ނުދެއްވި،" ރައީސް ޔާމީން ވިދާޅުވިއެވެ،
އެމަނިކުފާނު ވިދާޅުވީ އެކުށުން ބަރީއަ ވުމަށް ކޯޓު މަރުހަލާގައި މުއައްވިޒު އެމަނިކުފާނާ ބައްދަލު ނުކުރާކަން ސާބިތު ކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، އެ އަޑުއެހުންތައް މާދަމާވެސް ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް ޔާމީން