އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެންބަރުން ތިބީ ހިތްނުވަނަސްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު މިހެން ވިދާޅުވެފައިވަނީ، ޕީއެންއެފްގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ބްލެކްމާކެޓުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހުން އެންމެ ބޮޑަށް ރުޅިގަދަވެފައި ތިބީ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެންމެ ގިނައިން ކަޅު ބާޒާރުން ޑޮލަރު ގަނެގެން އޭގެ ވިޔަފާރިކުރަނީ މަޖިލިސް މެންބަރުން ކަމަށާއި މަޖިލިސް ތެރޭގައި މިހާރު ވަރަށް ސައިލެންޓްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް އިންގިލާބެއް ހިނގާ ކަމަށެވެ. އަދި ދާދި އަވަހަށް ހާލަތު ބަދަލުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ތެރޭގައި އެފަދަ ކަމެއް ނުހިނގާ ކަމަށާއި ހިތްޕުޅު ގޯސްވާނެ ކަމެއް ނެތް ކަމަށެވެ. އަދި މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ވަރަށް ގަދަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް ރައީސް ނަޝީދާ މަނިކުފާނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެމްބަރުންގެ ހިތްނުތަނަވަސްކަން އޮތްކަން އެމީހުންގެ ވާހަކަތަކުން ހާމަވޭ! ހާލަތު ބަދަލު ވުމަށް ކީއްކުރަން ކުރާ އުންމީދެއްތޯ؟،" އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ޔާމީނަށް ރައްދުދެއްވަމުން ވިދާޅުވީ އެގޮތަށް ވާހަކަދައްކައި، 20 ވަނަ މަޖިލިސް ރޫޅަނިކޮށް ދައުރު ނިމެނީ ކަމަށާއި މަޖިލިސް އޮތީ ސާބިތުކަމާއެކު ރައީސް މުއިއްޒާއެކު ވަރަށް ގަދަކޮށް ކަމަށެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ކޮމެންޓް