ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކަށް ދެކުނު އެމެރިކާގެ ގައުމުތަކަށް ނުފޮނުވި ކުޅުންތެރިންގެ ސަސްޕެންޝަން އުވާލައިފިއެވެ.
ބްރެޒިލްގެ އިތުރުން މެކްސިކޯގެ ގައުމީ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫނުކޮށް ޕްރިމިއާ ލީގު ކްލަބުތަކުން ހިފެހެއްޓުމާއެކު، ގައުމީ ޓީމުތަކުން ވަނީ އެ ކުޅުންތެރިންނަށް ކްލަބު ފުޓުބޯޅައިން ފަސް ދުވަހުގެ ސަސްޕެންޝަނަކަށް ފީފާގައި އެދިފައެވެ.
ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ކުރިއަށްގެންދިޔަ ގައުމުތަކަކީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓު ގައުމުތައް ކަމަށްވުމާއެކު ގައުމީ ޓީމަށް ދިއުމަށްފަހު އެނބުރި އައިސް، ކުޅުންތެރިން ކަރަންޓީނު ވާން ޖެހޭތީ، ޕްރިމިއާ ލީގު ކްލަބުތަކުން ނިންމާފައިވަނީ އެގައުމަށް ކުޅުންތެރިން ނުފޮނުވާށެވެ. ރެޑް ލިސްޓު ގައުމުތަކަށް ކުޅުންތެރިން ފޮނުވައި، ކުޅުންތެރިން އަނބުރާ ލީގަށް ދިއުމުން ކަރަންޓީނު ވާން ނުޖެހޭނެ ގޮތެއް ހޯދައިދިނުމަށް އިނގިރޭސި ބޮޑުވަޒީރުގެ ކިބައިން ކުރިން ފީފާ ރައީސް ޖިއާނީ އިންފެންޓީނޯ އެދިފައިވީ ނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ އެކަމާ އަޅައިނުލައި ދޫކޮށްލައިފައެވެ.
އިންޓަނޭޝަނަލް ބްރޭކަކަށް ކްލަބުން ކުޅުންތެރިން ނުފޮނުވައިފިނަމަ، ފީފާގެ ގަވާއިދުގެ ދަށުން ކްލަބު ފުޓުބޯޅައިން ފަސް ދުވަހަށް ކުޅުންތެރިން ސަސްޕެންޑް ކުރެވޭނެ ބާރު ގައުމީ ޓީމަށް އޮންނާނެއެވެ. އެ ބާރުގެ ދަށުން ބްރެޒިލާއި މެކްސިކޯ އަދި ޗިލީ އަދި ޕެރަގުއޭވެސް ވަނީ ގައުމީ ޓީމަށް ނުފޮނުވި ޕްރިމިއާ ލީގުގެ 11 ކުޅުންތެރިޔަކު ފަސް ދުވަހަށް ކްލަބު ފުޓުބޯޅައިން ސަސްޕެންޑް ކޮށްދިނުމަށް ފީފާގައި އެދިފައެވެ. އުސޫލުގައި އޮންނަ ގޮތުން ފީފާއިން އެކަން ކުރާނެއެވެ.
އެގޮތަށް ހަތަރު ގައުމުންވެސް ފުރަތަމަ އެދުނު ނަމަވެސް ޕްރިމިއާ ލީގާ ވާހަކަދައްކައި، ހާލަތުގެ ގޮތުން ގައުމީ ޓީމުތަކުން ވަނީ ދޫ ދޭން ނިންމައިފައެވެ. އެ ދެގައުމުންވެސް މިހާރު ވަނީ ފީފާއަށް ކޮށްފައިވާ ޝަކުވާ އަނބުރާ ނަގައިފައެވެ. އެހެންކަމުން މި ހަފުތާގެ މެޗުތަކުގައި އެ 11 ކުޅުންތެރިން ކުޅޭނެއެވެ.
ދެކުނު އެމެރިކާގެ ގައުމުތަކުން ނުފޮނުވުމުން ސަސްޕެންޝަން ފުރަތަމަ އައި ބްރެޒިލްގެ ކުޅުންތެރިންނަކީ ޗެލްސީ ޑިފެންޑަރު ތިއާގޯ ސިލްވާއާއި މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަންގެ އިތުރުން ގެބްރިއަލް ޖީސަސްއާއި ލިވަޕޫލްގެ ރޮބާޓް ފިރްމީނޯ އާއި ފަބީނިއޯއާއި އެލިސަން ބެކާއާއެކު ލީޑްސްގެ ރަފީނިއާ އަދި މެންޗެސްޓާ ޔުނައިޓެޑުގެ ފްރެޑެވެ. މެކްސިކޯގެ ކުޅުންތެރިޔަކީ ވުލްވްސްގެ ފޯވަޑް، ރައުލް ހިމަނޭޒްއެވެ. ޗިލީގެ ކުޅުންތެރިޔަކީ ވަޓްފޯޑުގެ ފްރެންސިސްކޯ ސިއެރާލްޓާއެވެ. ޕެރަގުއޭގެ ހަމައެކަނި ކުޅުންތެރިޔަކީ ނިއުކާސަލްގެ މިގޭލް އަލްމިރޯންއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު