ހިޔާ ފުލެޓުތަކުގެ ކުއްޔާއި އަގުކުޑަކޮށް އެތަންތަނުގެ ފިނިޝިންއަށް ދީފައިވާ ގުރޭސް ޕީރިއަޑް އިތުރުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މީގެ އިތުރުން ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ރަހީމާ ސަލީމްވެސް ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމައިފައެވެ.
ޕެޓިޝަނާ ގުޅިގެން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.
އެބޭފުޅުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުމަށް ފެޓިޝަނުގައި ހިމެނޭ މީހުންގެ ތެރެއިން މަންދޫބުން ކޮޅަކަށް ދައުވަތު ދިނުމާއި މީޑިއާއަށް ދައުވަތު ދިނުމަށްވެސް ސަލީމްގެ ހުށަހެޅުއްވުމުގައި ވެއެވެ.
ހުޅުމާލެ ފުލެޓުތަކުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް، ހުށަހެޅި ޕެޓިޝަނުގައި މައިގަނޑު ތިން ކަމަކަށް އެދިފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ފުލެޓުތަކަށް މަހަކު ދައްކަންޖެހޭ 8500 ރުފިޔާޔާ 5600 އަށް ކުޑަ ކުރުމަށާއި، އިންޓީރިއާ ފިނިޝިންއަށް ދީފައިވާ ތިން މަސްދުވަހުގެ މުއްދަތުގެ ބަދަލުގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށާއި، ފުލެޓުގެ ޖުމުލަ އަގުގެ އަދަދުން އެއްލައްކަ ރުފިޔާގެ ކަނޑާލަ ދިނުމަށެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ 1300 އަށްވުރެ ގިނަ މީހުންގެ ސޮޔާ އެކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު