މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 500 ގޯތި ހިލޭ ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ގެދޮރުވެރިކަމާ ގުޅޭ ގޮތުން މާލޭގެ ރައްޔިތުންނާ އެކު މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މުއްސަނދިންނަށް އަމާޒުކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ހުޅުމާލެއިން ގޯތި ވިއްކުމަކީ މާލޭގެ ރައްޔިތުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްފަހު ނޫނީ އެޗްޑީސީގެ ވިޔަފާރި ބޭނުމަށް ބިން ވިއްކައިގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހުޅުމާލޭގެ ޕްލޭނަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެ ބަދަލު ގެންނަން ޖެހޭނީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި ގޮތަށް ކަމަށެވެ. އަދި ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކޮމާޝަލް ބޭނުންތަކަށް ބިން ދޫކުރުމަށްފަހުވެސް އާންމު ރައްޔިތުންނަށް ގޯތި ދެވޭނެހާ ބިން އެބައޮތް ކަމަށް ވިދާޅުވިއެވެ.
"މިގޮތަށް ބަލާއިރު ހުޅުމާލޭގައި މަދުވެގެން 500 ގޯތި، އަޅުގަނޑު މި ދަންނަވަނީ 1400 އަކަފޫޓްގެ 500 ގޯތި، މާލޭގެ އާންމު ރައްޔިތުންނަށް ދެވޭ ވަރުގެ ޖާގަ އެބައޮތޭ... މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުގެ ބަދަލެއްގެ ގޮތުގައި އެއަށް ކިރިޔާވެސް އަގެއް ދެއްކޭނީ ހުޅުމާލެއިން ހިލޭ ގޯތި ދީގެން، މޭލޭގެ 500 ރައްޔިތުންނަށް ހިލޭ ބިން ދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހިލޭ ގޯތި ނުދެވޭ ނަމަ ގާނޫނެއްގެ ދަށުން އެންމެ ކުޑައަގެއް ނަގައިގެން ގޯތި ވިއްކުމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވި އަކަފޫޓަކަށް 100 ރުފިޔާގެ މަގުން ނެގުމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށްފަހު، އެކަން ފޫބެއްދުމަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބޮޑު އަގުގައި އިތުރު ގޯތި ވިއްކޭނެ ޖާގަ އެބައޮތް ކަމަށެވެ. އެގޮތުން އެ ސަރަހައްދުން 2000 އަކަފޫޓްގެ 100 ގޯތި މުއްސަނދިނަށް ވިއްކޭނެ ޖާގަ އޮންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު