ފަނޑިޔާރުންނަކީ އެއްވެސް ފަރާތެއްގެ ބިރު ދެއްކުމަކަށް ބަލަން ޖެހޭ ބައެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއްގެ ތެރެއިން ގާސިމް މިހެން ވިދާޅުވީ، މަނިލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ފަސް އަހަރު ދުވަހުގެ ހުކުމް އިއްވި ފަނޑިޔާރުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރުންތަކަކަށް ބިރު ދައްކައި ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަދައްކަވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން އެކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަނީ، ރައީސް ޔާމީނަށް ހުކުމް އިއްވެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ ގޮތަށް އެ ފަނޑިޔާރުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ދައުރު ކުރުވަމުންދާ އޯޑިއޯތަކަކާ ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ، ފަނޑިޔާރު ކަމުގައި ތިއްބަވާ ބޭފުޅުންނަކީ އެއްވެސް ފަރާތެއްގެ ބިރު ދެއްކުމަކަށް ބަލައި ނުލައި ކަންތައް ކުރަން ޖެހޭ ބައެއް ކަމަށް ސާފުކޮށް ގާނޫނުއަސާސީގައި ވެސް ބަޔާން ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނަށް ހުކުމް ކުރީ ނުހައްގުން ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ މެންބަރުން ވިދާޅުވަމުން ގެންދަވާތީ، ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ކޯޓަށް ހާޒިރުކޮށް މައްސަލަ ކުރިއަށް ގެންދަނިކޮށް ހޭނެތިގެން ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެފަހަރު އޭނާއަށް ހުކުމް ކުރީ ކޯޓަށް ހާޒު ނުކޮށް ހޮސްޕިޓަލްގައި އޮއްވައި ކަމަށެވެ.
އެރޭ ދަންވަރު ކޯޓުން ހުކުމް ކުރީ ކޮން ބައެއްގެ ނުފޫޒުން ތޯ އެ ފަނޑިޔާރުންނާ ސުވާލު ކުރުން ރަނަގަޅު ވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ މިއަދު އަޑުގަދަ ކުރާ މީހުން އެދުވަހު ކޮބައިތޯ އާއި އެދުވަހު އެމީހުން ތިބީ އެއްޗެއް ނުބުނެ މަޑުން ކަަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް