ރައީސް ޔާމީން މައްސަލައިގެ ހުކުމް ވަކިގޮތަކަށް ކުރުމަށް ނުފޫޒު ފޯރުވިކަމަށް ބުނެ އިއްޔެ ލީކުކޮށްލި އޯޑިއޯތަކާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ގާޒީންގެ ބަސް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ޖޭއެސްސީން އެ މައްސަލަ ބަލަން ނިންމާފައި މިވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ތިން ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެންނެވެ. އެގޮތުން ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ ކަމަށް ބެލެވޭ ބައެއްގެ އޯޑިއޯތަކެއް އިއްޔެ ވަނީ ލީކު ކޮށްލައިފައެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުން ބެލި މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަހުގީގުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

"މި ގޮތުން އެ މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމުގައި ވެސް ދަންނަވަމެވެ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް އިއްޔެ ލީކު ކޮށްލާފައިވާ އިރު، އެ އޯޑިއޯގައި ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެހެން މީހަކު ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާއާ ސުވާލުކުރާ އަޑު އިވެއެވެ. އެގޮތުން ފުރަތަމަ އެ ސުވާލުތަކަށް އޭނާ ޖަވާބު ނުދެއްވި ނަމަވެސް، ފަހުން އޭނާ އެއާ ގުޅޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަދައްކައެވެ.

އެގޮތުން ރައީސް ޔާމީނަށް ހުކުމް ކުރީ ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އޮވެގެން ކަމަށާއި ހުކުމުގައި ސޮއިކުރީ "ސަވައިވް" ވާން ކަމަށް ފާއިޒް ކަމަށް ބުނާ މީހާ ބުނާ އަޑު އިވެއެވެ.

އޯޑިއޯގައި ރައީސް ޔާމީނަށް ހުކުމް ކުރީ ރިޝްވަތު ދީގެންތޯ މީހަކު ތަކުރާރުކޮށް ސުވާލު ކުރާ އަޑުއިވެއެވެ. އެއަށް ޖަބާވުދެމުން ފާއިޒް ވަނީ "އޭނާއަށް ދޭނެ އެއްޗެއް ނޯންނާނެ" ކަމަށް ބުނެފައެވެ. އަދި ވަނީ އެނޫން އެހެން ގޮތްތައްވެސް ހުންނާނެ ކަމަށް ބުނެފައެވެ.

އެގޮތުން ރަހީނުކޮށްގެން ހުކުމް ކުރުމުގެ ފުރުސަތު އޮވެދާނެތޯ އެތަނުން އެކަކު ސުވާލު ކުރުމުން، ފާއިޒް ވަނީ "އެހެންކަމަށް ބަލަމާ" ބުނެފައެވެ. އަދި "އެހާލަތުވެސް އެބައޮތް" ކަމަށްވެސް އޭނާ ބުނާ އަޑު އެ އޯޑިއޯއިން އިވިގެންދެއެވެ.

އަދި ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށާއި އެގޮތުން އޭނާގެ އަނބިމީހާ އާއި ގާތްތިމާގެ މީހުންނަށްވެސް އެފަދަ އަމަލެއް ހިންގިދާނެ ކަމަށް އޭނާ ބުނާ އަޑު އިވެއެވެ. އޭނާ ބުނާ ގޮތުގައި ސިޔާސީ މީހަކަށް ހައްގު ވިޔަސް ނުހައްގުން ވިޔަސް ޖަލު ހުކުމެއް އިއްވައިފިނަމަ، ރައްޔިތުންގެ ތާއިދު އެމީހަކަށް ބޮޑުވާނެއެވެ.

އެއާއެކު ރައީސް ޔާމީނަށް ހުކުމް ކުރީ ނުހައްގުންތޯ މީހަކު ސުވާލުކުރެއެވެ. އެއަށް ޖަވާބު ދެމުން ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ، ރައީސް ޔާމީނަށް ހުކުމް ކުރީ، އެމަނިކުފާނުގެ މަސްލަހަތަށްޓަކައި ކަމަށާއި އެއީ ހުކުމް ނުކޮށްފި ނަމަ އެހެން ގޮތެއް ވެދާނެ ކަމަށްޓަކައި ކަމަށް ބުނެއެވެ.

އެގޮތުން ރައީސް ޔާމީނަށް "އޭނާ ދެރައެއް ނުދޭނެ" ކަމަށާއި އޭނާ މައްސަލަ ނިންމީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށްވެސް ބުނެއެވެ. އަދި އެވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށާއި 2023ގައި އެ ވާހަކަތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށްވެސް ފާއިޒު ކަމަށް ބެލެވޭ މީހާ ބުނެއެވެ.

އޭނާ އިތުރަށް ބުނީ، އެ މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ހުކުމް ކުރީ މަގާމުގެ ބިރަކަށް ނޫން ކަމަށާއި އަދި ވަޒީފާ ގެއްލިދާނެތީ އޭނާ ބިރު ނުގަންނަ ކަމަށެވެ.