ކުޅިވަރު

ޔޫއެފާގެ މޮޅު ކުޅުންތެރިޔަކަށް ޖޯޖީނިއޯ، ޑެންމާކު ކެޕްޓަން ކެޔާއާއި މެޑިކަލް ޓީމަށް ރައީސްގެ ހާއްސަ އިނާމު

ޔޫއެފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެލްސީ އަދި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދައިފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު މި ސީޒަންގެ ގުރުއަތު ނެގުމުގެ އިތުރުން މިދިޔަ ސީޒަންގެ މުބާރާތުގެ މަގާމުތައް އިއުލާން ކުރުމަށް މިރޭ ކުރިއަށް ގެންދިޔަ ހަފުލާގައި ޔޫއެފާ އިން ވަނީ އަންހެން އަދި ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ފޯވާޑް އަދި އެންމެ މޮޅު މިޑްފީލްޑަރު އަދި އެންމެ މޮޅު ޑިފެންޑަރުގެ މަގާމާއި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް އިއުލާން ކޮށްފައެވެ. އެއާ އެކު ޔޫއެފާއިން ހޮވާ އެންމެ މޮޅު ކޯޗުންވެސް މިރޭ ވަނީ އިއުލާން ކޮށްފައެވެ.

މަގާމުތަކަށް ހޮވުނު ފަރާތްތަކުގެ އިތުރުން ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިންގެ ހާއްސަ އެވޯޑު މިރޭ ވަނީ ޑެންމާކުގެ ކެޕްޓަން ސިމޮން ކެޔާއާއި އެގައުމުގެ ގައުމީ ޓީމުގެ މެޑިކަލް ޓީމަށް އަރުވައިފައެވެ. އެއީ މިއަހަރު ޔޫރޯގައި ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑެންމާކުގެ ތަރި، އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމާ އެކު ކެޕްޓަން ކިޔޭއާއި މެޑިކަލް ޓީމުން އެރިކްސަންގެ ފުރާނަ ސަލާމަތް ކުރަން ކޮށްފައިވާ މަސައްކަތަށް ދީފައިވާ ހާއްސަ އެވޯޑެކެވެ.

ހިތަށް އައިސީޑީއަށް ލައްވައި، 29 އަހަރުގެ އެރިކްސަން މިހާރު ގޭގައި ރިކަވާ ވަމުން އަންނަ އިރު، އޭނާ ވަނީ މިހާރު އެނބުރި އިޓަލީއަށް ގޮސްފައެވެ. އިންޓަ މިލާނަށް ގޮސް އިންޓަގެ ޑޮކްޓަރުންނާ އެކު އޭނާ ވަނީ ޓެސްޓުތައް ފުރިހަމަ ކޮށްފައެވެ. އިންޓަ ޑޮކްޓަރުން ބުނެފައި ވަނީ އެރިކްސަންގެ ފިޒިކަލް އަދި ސައިކޮލޮޖިކަލް ކަންޑިޝަން މިވަގުތު ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޖޯޖީނިއޯ ވަނީ މިދިޔަ ސީޒަނުގައި ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ހޯދައި ހޫނު މޫސުމުގައި އިޓަލީއާ އެކު ޔޫރޯވެސް ކާމިޔާބު ކޮށްފައެވެ. ކާމިޔާބު ސީޒަނަކަށްފަހު ޖޯޖީނިއޯއަށް އެވޯޑު ލިބިފައިވާ އިރު، އޭނާއާ އެކު އެވޯޑަށް ވާދަކުރީ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭގެ އިތުރުން ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އާއެވެ.

އޭގެ ތެރެއިން ކާންޓޭއަށް ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ލިބިފައެވެ. ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޗެލްސީގެ އެޑުއާޑޯ މެންޑީ ހޮވިފައިވާ އިރު، އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ އާލިން ހާލަންޑެވެ. އަދި އެންމެ މޮޅު ޑިފެންޑަރަކީ މެންޗެސްޓާ ސިޓީގެ ރުބެން ޑިއާޒްއެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ، ޗެލްސީއާ ހަވާލުވެ ހަތަރު މަސް ދުވަސް ތެރޭގައި އެޓީމުގެ ކުޅުން ބަދަލުކޮށްލައި، ޗެމްޕިއަންސް ލީގު ހޯދައިދިން ތޯމަސް ޓުޗެލްއަށެވެ. ޔޫއެފާ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބާސާގެ އެލްސިއާ ޕުޓެލާސްއެވެ. އޭނާއަކީ އެންމެ މޮޅު އަންހެން މިޑްފީލްޑަރުވެސް މެއެވެ.

އެންމެ މޮޅު އަންހެން ކޯޗަކަށް ބާސާއާ އެކު އަންހެން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ލުއިސް ކޯޓެސް ހޮވިފައިވާ އިރު، އެންމެ މޮޅު ގޯލްކީޕަރަކީ ބާސާގެ ސަންޑްރޯ ޕަނޯސްއެވެ. އެންމެ މޮޅު އަންހެން ޑިފެންޑަރަކީ ޕީއެސްޖީގެ އިރޭނޭ ޕަރޭޑެސްއެވެ. އެންމެ މޮޅު ފޯވަޑަކީ ބާސާގެ ޖެނިފާ ހާމޯސޯއެވެ.