މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމްގައި ހިމެނޭ ފަސް މިލިޔަން ޑޮލަރު ދައުލަތަށް ދެއްކުމަށް އަމުރުކޮށް ދިނުމަށް އެދި އެޓާނީ ޖެނެރަލް ސިވިލްކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމް ކުރީ 28 ނޮމެންބަރު 2019 ގައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމުއްދަތުގެ ތެރޭގައި ރައީސް ޔާމީން އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
ހަމަ އެއާއެކު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި ހުސްވި ޖޫން މަހުގެ 26 ގައި މީރާއީން ރައީސް ޔާމީނަށް ނޯޓިސް ފޮނުވި ނަމަވެސް އެ ނޯޓިސްގައިވާ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން އެ ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި، އިއްޔެ ސިވިލްކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، އެ މާއްދާގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމަށް،" އޭޖީ އޮފީހުން ބުނެފައި ވެއެވެ.
އެމައްސަލައިގަ އެދިފައި ވަނީ، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ރައީސް ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރު ކޮށްފައިވާ ފަސްމިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދިނުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު