ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ވަނީ ފްރޭމް ކޮށްފައި ކަމަށާއި އުފުލާފައިވާ އެއްވެސް ދައުވާއަކާ ގުޅިގެން ތަހުގީގު މަރުހަލާގައި ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ އޮފީހުގެ 15 އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފަ އެވެ.
އެކަމާ ގުޅިގެން އަލީ ވަހީދަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މެކްސިމް ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވޭތުވެދިޔަ ދޮޅު އަހަރު ތެރޭގައި އަލީ ވަހީދުގެ މައްޗަށް ހިންގި ޖިނާއީ ތަހުގީގާއި ޝަރީއަތުގެ އެކި މަރުހަލާތަކުގައި ދައުލަތުން ވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށް ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމް ކޮށްފައި ކަމަށެވެ.
ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސޮއި ކުރައްވައި ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ، އަލީ ވަހީދަށް ކުރި ތަހުގީގުގައި އެއްވެސް ކުށެއްގެ ތުހުމަތު ސާފުކޮށްދީފައި ނުވާ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި ސުވާލު ކޮށްފައި ވެސް ނުވާ ކަމަށެވެ.
އުފުލާފައިވާ އެއްވެސް ދައުވާއެއް ސާބިތު ވާނެ އުންސުރެއް ނެތި ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް އަލީ ވަހީދު ފްރޭމް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރަށް ބިރުދެއްކުމުގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅާފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން އެދުނު ނަމަވެސް ރައްޔިތުންނާއި ނޫސްވެރީންނަ ޝަރީއަތް ސިއްރު ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން އެދުނު ނަމަވެސް ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށް އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދިއުމަށް ގާނޫނުން ލާޒިމު ކުރެއެވެ.
ގާނޫނު އަސާސީގަ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކުށެއް ކުރީ ކޮން ފަރާތަކާއި މެދު ކިހިނެއްކަން، ތުހުމަތުކުރެވޭ ފަރާތަށް އެނގުމުގެ ހައްގު ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބިދޭން ވާނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި ވީ ނަމަވެސް، ތުހުމަތު ކުރެވޭ ކުށްތައް ކުރިކަމަށް ބުނާ ފަރާތެއް ނުވަތަ ކުށް ކުރި ތަނެއް، ނުވަތަ ތާރީހު ވެސް އަލީ ވަހީދަށް ސިއްރު ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާއާ މެދު އަމަލުކުރަމުން އަންނަނީ މީގެ ކުރީން އެއްވެސް މީހަކާ ދޭތެރޭގައި އަމަލު ކޮށްފައިވާ ގޮތަށް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ބަޔާން ނިންމާލަމުން ބުނެފައިވަނީ ޕީޖީ އޮފީހުން ކޯޓުތަކަށާއި މީޑިއާތަކަށް ދޮގު މައުލޫމާތު ދީ އޮޅުވާލާފައިވާ ކަމަށާއި އަދި ދެމުން ދަނީ ނުހައްގު އަދަބު ތަކެއް ކަމަށެވެ
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ކޯޓަށް ހާޒިރުވުމަށް އަންގައި ސުޕްރީމް ކޯޓުން ފޮނުވި އަމުރު ލިބުނު ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ، މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އެ ކޯޓުގެ އަޑުއެހުމުގައި ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު