ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ، ޢަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވާފައިވާ 49 ފޮތެއްގެ އޯޑިއޯ ފޮތް ތައްޔާރުކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން (އައިޔޫއެމް) އިން ފަށައިފިއެވެ.
އައިޔޫއެމްގެ ސޯޝަލް މީޑިއާގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި، 49 ފޮތެއްގެ އޯޑިއޯ ތައްޔާރުކުރުމުގެ ހުއްދަ އެ ޔުނިވަސިޓީގެ ކުތުބުޚާނާއަށް ފާރޫޤް ހަސަން ދެއްވުމާ ގުޅިގެން، އެކަމުގެ ހާއްސަ ހަފުލާއެއް އިއްޔެ ވަނީ ބާއްވައިފިއެވެ.
މި ހަފުލާގައި ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުގެ އިތުރުން ޔުނިވަސިޓީގެ މުވައްޒަފުންނާއި ފާރޫޤް ހަސަން އާއި އޭނާގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޔުނިވަސިޓީގެ ދަރިވަރުންނަށް (ހާއްސަކޮށް ލޯފަން ދަރިވަރުންނަށް) އަޑު އެހޭގޮތަށް ފޮތުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް އައިޔޫއެމް އިން ބުނެއެވެ. މި ހަފުލާގައި، އަބްދުﷲ ފާރޫޤް ހަސަން ވަނީ އޯޑިއޯ ފޮތް ތައްޔާރުކުރުމުގެ ހުއްދަ ރަމްޒީގޮތުން ދެއްވާފައިވާ ކަމަށާއި މި އަގުހުރި އިލްމީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ފާރޫޤް ހަސަން އަށް ހަނދާނީ ލިޔުމެއް އަރުވާފައިވާ ކަމަށްވެސް އައިޔޫއެމްއިން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފާރޫޤް ހަސަން "ވަން" އަށް ވިދާޅުވީ މާލެއާއި ފުވައްމުލަކުގެ ތައުލީމީ މުއައްސަސާ ތަކަށް އެކިފަހަރުމަތީން ފޮތް ހަދިޔާކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަކު އެކަން ފާހަގަކުރީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން ކަމަށެވެ. އެހެންކަމުން އެ ދެފަރާތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ކަމަކީ ވަރަށް މުހިއްމު، މާތް މަގުސަދެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ފާރޫޤް ވިދާޅުވިއެވެ.
"ބޭނުމަކީ ދެމިހުންނަނިވި ސަދަގާތެއް ކުރުން. އިސްލާމީ ޔުނިވަސިޓީން ކުރާ އިލްމު ފެތުރުމުގެ ޚިދުމަތުގައި ވެދެވޭން އޮތް އެއްބާރުލުމެއް ދިނުން." ފާރޫޤް ވިދާޅުވިއެވެ.
ލިޔުންތެރިކަމުގެ ދާއިރާގައި 54 އަހަރު ހޭދަކުރައްވާފައިވާ އަބްދުﷲ ފާރޫޤް ހަސަން ވަނީ މިހާތަނަށް 62 ފޮތެއް ޝާއިއުކުރައްވައިފައެވެ. ޗާޕްކުރުމަށް 23 ފޮތެއް ތައްޔާރުވެފައިވާއިރު، އިތުރު 9 ފޮތެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރައްވަމުންނެވެ.
ޢަބްދުﷲ ފާރޫޤް ހަސަން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި އިސްލާމީ ތާރީޚު، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ސީރަތު، ޚަލީފާއިންނާއި ޞަޙާބީންގެ ސީރަތު، އިސްލާމީ ދުނިޔޭގެ މުހިންމު ޝަޚްސިއްޔަތުތަކުގެ މައުލޫމާތު އަދި ޤުރްއާނުގެ މަތިވެރިކަމާ ގުޅޭ އަގުހުރި ފޮތްތައް ހިމެނެއެވެ.
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
ކޮމެންޓް