ހދ. އަތޮޅުގެ ދެ ރަށެއްގެ 250 އަށްވުރެ ގިނަ ގޭގައި ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަދާހަމަ ހިއްސާކުރަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހދ. ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއަކުން އަދި ކުޅުދުއްފުށި ސިޓީގެ 190 އަށްވުރެ ގިނަ ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

23 އޮކްޓޯބަރު 2026، ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގެ 250 އަށްވުރެ ގިނަ ގޭގައި ބޯ ވާރޭގެ ސަބަބުން ފެންބޮޑުވުން -- ފޮޓޯ/ އެންޑީއެމްއޭ

އެންޑީއެމްއޭއިން ބުނި ގޮތުގައި، ހދ. ނޮޅިވަރަންފަރަށް ވަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެފައިވާ އިރު، ގިނަ ގެތަކުގެ އަޑިން ފެން އަރައި، ހިފައިގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ. ނަމަވެސް އެ ރަށުގެ ގެތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ ރަށުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދިވެސް އެ ރަށަށް ވާރޭ ވެހެމުންދާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ 190 އަށްވުރެ ގިނަ ގޭގެ ހާލަތު އެ ސިޓީގެ ކައުންސިލުން ބަލަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސިޓީއަށް ވާރޭ ވެހުން ހުއްޓާލާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

23 އޮކްޓޯބަރު 2026، ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގެ 250 އަށްވުރެ ގިނަ ގޭގައި ބޯ ވާރޭގެ ސަބަބުން ފެންބޮޑުވުން -- ފޮޓޯ/ އެންޑީއެމްއޭ

ވިއްސާރައިގެ އަސަރުކޮށްފައިވާ މި ރަށްތަކުގެ ހާލަތު އެންޑީއެމްއޭއިން ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާ ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ދަންވަރުން ފެށިގެން ހެނދުނު 6:15 ގެ ނިޔަލަށް ހއ. އަތޮޅާއި ހދ. އަތޮޅުގެ ރަށްތަކަށް އޮރެންޖު އެލާޓު ވެސް ނެރެފައެވެ. އަދި އޭގެ ފަހުން، މިއަދު 10:00 އިން ފެށިގެން މެންދުރުފަހު 3:00 ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.