ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ބޮޑުވަޒީރުގެ އިތުރުން ޕާކިސްތާންގެ ރައީސާއި އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި އެއްބަސްވުންތަކުން ދައްކައިދެނީ ހަމައެކަނި އުންމީދުތަކަކަށް ވުރެ ބޮޑަށް، އަމަލީ އެއްބާރުލުމާއި ނަތީޖާ ނެރުމަށް ދެ ގައުމުން ކަނޑައަޅާފައިވާ އަޒުމެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ މި އާ ބާބުގެ އެންމެ މުހިންމު އަމާޒު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

22 އޮކްޓޫބަރު 2026، ރާއްޖެ- ޕާކިސްތާން ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވަޑައިގަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، މި ދަތުރުފުޅުގައި ބޭއްވި ދިވެހިރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ރައީސް މުއިއްޒު ވަނީ ތަގުރީރުކުރައްވައިފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ފޯރަމްގެ ސަބަބުން ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އިންވެސްޓްމަންޓްތަކާއި އިގުތިސާދީ އެއްބާރުލުން އިތުރުކުރުމަށް މުހިންމު ބިންގަލެއް ވަނީ އެޅިފައެވެ.

ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވައިލައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެމަނިކުފާނުގެ ދެކަނބަލުންނަށާއި ދިވެހި ވަފުދަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރުހަބާއާއި ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުމުގެ އާ ސަފުހާއެއް ހުޅުވައި، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި އިގުތިސާދީ ފުރުސަތުތައް ފަހިކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްލާމްއާބާދުން ފުރާވަޑައިގަންނަވަނީ ދެ ގައުމަށް ފައިދާހުރި، ވަރުގަދަ ގުޅުމެއްގެ ބިންގާ އެޅިއްޖެ ކަމުގެ ފުރިހަމަ އިތުބާރާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.