ކޮލަމް

ކޮލަމް އަލިފު ސީނު: ބަރުލަމާނީ ވާހަކައިގެ ފަހަތުގައި އޮތީ ބޮޑުވަޒީރުކަން އެކަންޏެވެ.

އަލިފު ސީނު

2

ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮންކަހަލަ ނިޒާމެއްތޯ އެއީ މާ ކުރީގެ މައުލޫއެކެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން، 2008 ގައި ރައްޔިތުން ވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް ބުނެ، ގާނޫނުއަސާސީގައި ލިޔެފަ އެވެ. ރިޔާސީ ނިޒާމު ފަނޑުކޮށް، ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނައުމުގެ ވާހަކަތައް އަލުން ފަށައިފައި މި ވަނީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމުގެ މަތީންނެވެ. އެމަނިކުފާނު އެކަން ކުރައްވަނީ ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ކަމާ މެދު ޝައްކެއް ނެތެވެ!

ރިޔާސީ ނިޒާމެއްގައި ރާއްޖޭގައި ވެރިކަން ހިނގާތާ 50 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ނިޒާމުގެ މައްސަލައެއް ނުނުކުމެ އެވެ. މައްސަލައަކީ ވެރިކަން ކުރާ ނިޒާމުގެ މައްސަލަ ނަމަ، ވޭތުވެދިޔަ ހުރިހާ މައްސަލައެއް އެއީ ބަރުލަމާނީ ނިޒާމުގައި ވެސް ދިމާވެދާނެ މައްސަލަ އެވެ. މާނައަކީ ނިޒާމުގެ މައްސަލައެއް ނެތް ކަމެވެ. އޮތް ހަމައެކަނި މައްސަލައަކީ އިޚުލާސްތެރި ކަމެވެ. އެ ނެތިއްޔާ، ވެރިކަމުގެ ކޮންމެ ނިޒާމެއް އޮތަސް ޑިމޮކްރަސީގެ މީރު ރަހައެއް ނުލިބޭނެ އެވެ.

ނިޒާމުގެ ވާހަކަތައް މި ދެކެވެނީ އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރޭގަ އެވެ. އެހެން ބަޔަކު އެ ވާހަކައެއް ނުދައްކަ އެވެ. އޭގެ ތެރެއިން ވެސް ރައީސް މުހަންމަދު ނަޝީދު އެ ވާހަކަފުޅު ދޭތެރެދޭތެރެ އިން ދައްކަވައި ރައްޔިތުންނަށް ހަނދާން ކޮށްދެއްވަ އެވެ. އެމަނިކުފާނުގެ މައި ފިލޯސަފީއަކީ ވެރިކަމުގެ ބާރު ނުލިބޭ ބަޔަކު ވެރިކަން ކުރާ މައްސަލަ ނިމުމަކަށް ގެނައުމެވެ. އެމަނިކުފާނު ދައްކަވާ އެއް ހުއްޖަތް އެއީ މިހާރު އޮތް ކޯލިޝަނެވެ. ކުފޫ ހަމަނުވާ ޕާޓީތަކަށް ބައި އަޅަން ޖެހުމުން އެމްޑީޕީ އަށް އެ ޕާޓީގެ މެނިފެސްޓޯ ހިންގަން އުނދަގޫވާ ކަމެކެވެ.

މީގެ ހަގީގީ މަންޒަރަށް ބަލައިފި ނަމަ، އޭގައި ހަގީގަތެއް ވެސް އެބައޮތެވެ. އެކަމަކު އޭގެ ކުރިން ވިސްނާލަން ޖެހޭ މައިގަނޑު ކަމަކީ އެމްޑީޕީ ވެރިކަމަށް އައިސް އޮތީ ވެސް އަމިއްލަ ބާރުގައި ނޫން ކަމެވެ. އެއީ ހަދާފައިވާ ކޯލިޝަނެއްގެ ދަށުން އައި ވެރިކަމެއް ކަން، އެކަކު ވެސް ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އެހެންވެ، ނަޝީދު އެ ވިދާޅުވާ ބަސްފުޅު ގޮސް ގުޅެނީ އެކަނި އިންތިހާބެއް ކާމިޔާބު ނުކުރުވުމުގެ ފަލްސަފާގެ މައްޗަށެވެ.

ރިޔާސީ ނިޒާމަކުން ވެރިކަން ކުރުމުގެ ބާބު ގާނޫނުއަސާސީގައި ލިޔުނިއިރު އޭގައިވާ ގޮތުން ވެރިކަން ލިބޭނީ 50 ޕަސެންޓަށް ވުރެ ގިނަ އިން ވޯޓު ލިބޭ މީހަކަށެވެ. ވޭތުވެދިޔަ ތިން ރިޔާސީ އިންތިހާބުގައި ވެސް އެއްވެސް ޕާޓީއަކަށް އެކަނިމާ އެކަނި ވެރިކަމެއް ނުލިބުނެވެ. ދެން ޖެހުނީ ކޯލިޝަން ހަދާށެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ އޭގެ ހައްލެކެވެ. އެކަމަކު، 2008 ގެ ވެރިކަމަށް ބަލާއިރު އެމްޑީޕީގެ ކޯލިޝަން ރަސްމީކޮށް ރޫޅި، އެ ޕާޓީ އަށް، ޚުދު ނަޝީދަށް ވެސް އެކަނިމާ އެކަނި ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އެމަނިކުފާނުގެ ވެރިކަން ވެއްޓުނީ ޕްރެޝަރުތަކާ އެކު އިސްތިއުފާ ދެއްވައިގެންނެވެ.

ބަރުލަމާނީ ނިޒާމަކީ މި ދެންނެވި މައްސަލަތަކުގެ ހައްލެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރާ ބަޔަކަށް ވެރިކަމުގެ ބާރު ލިބުމަކީ ރާއްޖެ ކަހަލަ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. ސަބަބަކީ ރާއްޖެ މިއަދު އޮތް ހާލަތާއި ސަރުކާރުތައް އަވަސް އަވަހަށް ބަދަލުވާން ޖެހުމުން ދެން ދިމާވެދާނެ އިގްތިސޯދީ މައްސަލަތަކެވެ. ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕާލަމެންޓްރީ ސިސްޓަމެއް އޮންނަ ގައުމެއް ނަމަ، އެ ގައުމުތަކުގައި ވަރުގަދަ އިގްތިސޯދެއް އޮވެ، ފޮރުވާފައި ހުންނަ ފައިސާގެ އަދަދު ގިނަވާން ޖެހެ އެވެ. ސަބަބަކީ ސިޔާސީ ގޮތުން އަންނަ ކޮންމެ ހަލަބޮލިކަމެއް އިގްތިސޯދާ ގުޅިފައިވާތީ އެވެ. ރާއްޖެއަކީ ހަގީގަތުގައި ވަރަށް ނާޒުކު އިގްތިސޯދެއް އޮންނަ ގައުމެކެވެ. އެހާ ފަގީރު، ދަރަނި ވެސް ބޮޑު ގައުމަކަށް ވާއިރު ސިޔާސީ ލޮޅުންތަކުގެ ތެރޭގައި ގައުމުގެ މައިބަދަ ގުޑިގެން ދިއުން އެއީ ވެދާނެ ގޮތެކެވެ.

ބަރުލަމާނީއެއްގައި މަތިބަރުވާނެ ކަމަށް ދައްކާ ވާހަކައިގައިވެސް އޮއްޓަރެއް ނެތެވެ. މަޖިލީހުން އެންމެ ގިނަ ގޮނޑި ނެގޭ ބަޔަށް ވެރިކަން ލިބޭ އިރު، ކޮންމެ އިންތިހާބަކާ އެކު އަނެއްކާވެސް ހަދާނީ ކޯލިޝަނެކެވެ. އަބަދުވެސް އޮންނާނީ މަޖިލިސް މެޖޯރިޓީ ފުރޮޅައިލުމުގެ މަސައްކަތެވެ. މާނައަކީ ވެރިކަން ވައްޓައިލުމެވެ. އެކަން ވެގެން ދިއުމުގެ ފުރުސަތު ބޮޑީ މާސިންގާ ވިޔަފާރިގަނޑަކަށެވެ. މަޖިލީހުގައި ވެސް ވަޒީރުކަމުގައި ވެސް މެންބަރުންނެވެ.

ބަރުލަމާނީ ނިޒާމު ވިޔަސް، ރިޔާސީ ނިޒާމު ވިޔަސް އަދި މި ދެބައި މަސްހުނި ވެފައި އޮތް ނިޒާމެއް ވިޔަސް، މައްސަލައަކީ ނިޒާމެއް ނޫނެވެ. ކޮންމެ ނިޒާމެއް ވިޔަސް އެ ނިޒާމެއް އޭގެ ގޮތުގައި ޕްރެކްޓިސް ކުރާ ނަމަ އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

މިހާރު ޖެހިގެން އުޅޭ މައްސަލައިގެ އަސްލަކީ ވެސް، ނިޒާމުން ބޭރުން ބާރުތައް ހޯދަަން އުޅުމުގެ މައްސަލަ އެވެ. ވެރިކަމަށް އައިއިރު، އެއީ ކޯލިޝަނެއް ކަން އެނގި ތިބެ، އެއްބަސްވުމެއް ހަދައި އެއަށް އަމަލު ނުކުރުމުން މިހާރު މިއޮތީ މައްސަލަތައް ކުރިމަތިވެފަ އެވެ. އެހެން މީހުންގެ ހައްގުތަކެއް ވެރިކަމުގެ ތެރޭގައި ހިމެނޭކަން މައި ޕާޓީ ގަބޫލުކުރާ ނަމަ ހަގީގަތުގައި ނިޒާމުގެ ވާހަކަ ދައްކާކަށް ނުޖެހެ އެވެ.

އެކަމަކު އޭގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބުމާ އެކު ދެން ފެނުނީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ޖެއްސުންކޮށް އެ މީހުން ބޭރު ކުރުމުގެ ޕްލޭނެއް ހެދިތަނެވެ. ސަރުކާރުގައި ހިމެނޭ އެމްޑީޕީ ނޫން ހުރިހާ ޕާޓީއެއްގެ ވަޒީރުންނަށް "ވަޒީރުކަން"ވީ ބިރުވެރި ވަޒީފާއަކަށެވެ. ވެރިކަމުގައި އެމްޑީޕީ އިސްކޮށް އޮވެ، އިދިކޮޅު ޕާޓީއެއްގެ ދައުރު ވެސް ހީވީ އެމްޑީޕީ އަދާކުރާހެންނެވެ.

ފެންނަ މަންޒަރުގައި އިޚުލާސްތެރިކަމެއް ނެތެވެ. ރައްޔިތުންނަށް އެދޭ މޮޅު ހެވެއް ނެތެވެ. ރައްޔިތުންނާ ގާތް ވުމެއް، ރައްޔިތުންގެ ވެރިކަމެއް ކުރުމެއް ވެސް ނެތެވެ. އޮތީ ބާރު ހޯދުމެވެ. ވާހަކައިގެ އަސްލަކީ ބޮޑުވަޒީރުކަން ބޭނުންފުޅު ވުމެވެ.

އެކަމަކު ރައްޔިތުންނަށް އުނިވެގެން މި އުޅެނީ ނިޒާމެއްގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ ސިޔާސީންގެ އިޚުލާސްތެރިކަމެއް ނެތުމެވެ. ބޭނުންވަނީ ތެދުވެރިކަމާ އެކު ހެޔޮ ނިޔަތުގައި އިޚުލާސްތެރި ވެރިކަމެއް ކޮށްދޭނެ ބައެކެވެ. ބޭނުންވާ އަސްލު ނިޒާމަކީ އެއީ އެވެ. އެކަން ނުވާ ނަމަ ރައީސް ނަޝީދު ކިތަންމެ ވަކާލާތެއް ކުރެއްވިޔަސް ބަރުލަމާނީ ނިޒާމެއް މުހިންމެއް ނޫނެވެ.