ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ފަރާތްތަކަށް ބައިއަތު ހިފުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ބަރުލަމާނީ ނިޒާމު ޕްރޮމޯޓް ކުރުމަށް ތައްޔާރުކޮށްފައިވާ ފޮޓޯގަނޑަކާ އެކު ރައީސް ނަޝީދު ސޯޝަލް މީޑިއާއަށް މިއަދު ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލިސްގެ އާ ދައުރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމަށެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް، ރައީސް ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީގެ މެންބަރުން ވަނީ ފަށައިފަ އެވެ.
އެ ޕެޓިޝަނާ ގުޅޭގޮތުން ރައީސް ނަޝީދު ވެސް ވަނީ ވާހަކަދައްކަވައިފައެވެ. އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ވީހާވެސް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް ނަޝީދެވެ. އެމަނިކުފާނު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.
އެކަމާ ގުޅޭގޮތުން ރައީސް ސޯލިހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މީގެ ކުރިން ވިދާޅުވީ ރައީސްގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރެއްވުން ނޫން ކަމަށާއި އެމަނިކުފާނުގެ ފޯކަސްއަކީ އިގުތިސޯދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގިނަ ބަޔަކަށް ފެންނަ ނަމަ، އެކަން ކުރައްވަން ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.