އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައަށް ގޮތެއް ނުނިމި ލަސްވާ ކަމަށް ގަބޫލު ކުރި ނަމަވެސް އެކަމުގައި އެއްވެސް ފަރާތެއް ނުފޫޒެއް ފޯރާފައި ނުވާ ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޕީޖީ ވިދާޅުވީ ލަސް ވިޔަސް ކަން ކުރެވޭނީ އެކަމަށް އޮންނަ ހަމަޔަކުން ކަމަށެވެ.
އެ މައްސަލައިގައި މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭރު ޕީޖީ އޮފީހުން ބުނި ނަމަވެސް ބައެއް މައުލޫމާތުތައް އޭސީސީން ހޯދަން ޖެހޭތީ ހަފުތާއެއްގެ ތެރޭގައި ގޮތެއް ނުނިންމުނެވެ. ޕީޖީން ހޯދަން ބޭނުންވި މައުލޫމާތުތައް އޭސީސީން ފޮނުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
"އަޅުގަނޑަށް ހަމަ ސަތޭކަ ޕަސެންޓް ޔަގީން އަޅުގަނޑަކަށް ސިޔާސީ ނުފޫޒެއް އެއްވެސް ފަރާތަކުންނެއް އެ މައްސަލަ (މަހްލޫފް މައްސަލަ) އާ ބެހޭގޮތުން ވެސް އެހެން މައްސަލައަކާ ބެހޭ ގޮތަކުން ވެސް ނެތް. ސަތޭކަ ޕަސެންޓް ޔަގީން އެއްވެސް ނުފޫޒެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ޝަމީމް ވިދާޅުވީ، އެއްވެސް ފަރާތަކުން އޭނާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އަދި ނުފޫޒެއްގައި ޖެހިގެން އެ މަގާމުގައި ނުހުންނަވާނެ ކަމަށެވެ.
"އަޅުގަނޑަކަށް ނުފޫޒެއް ނެތް އެއްވެސް ފަރާތަކުންނެއް. އެއީ ސަރުކާރުން ކަމަށް ވިޔަސް މަޖިލީހުން ކަމަށްވިޔަސް އޭސީސީން ކަމަށް ވިޔަސް އަދި އެހެން ވެސް ފަރާތަކުން ނެތް، އެއްވެސް ނުފޫޒެއް ނެތް،"
މަހްލޫފްގެ މައްސަލައިގެ އިތުރުން އެހެން މައްސަލަތަކުގައި ވެސް ގޮތެއް ނިންމާނީ އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބެއްލެވުމަށްފަހު ކަމަށް ޕީޖީ ޝަމީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ވަކި މީހަކު ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
އެ މައްސަލައިގައި ގޮތެއް ނިންމޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ޝަމީމް މިއަދުވެސް ވިދާޅުވި އެވެ. އެ މައްސަލައިގައި ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފުލުހުންނާ އެކު މަސައްކަތް ކުރައްވާ ކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ގޮތެއް ނިންމޭނެ ސީދާ ތާރީހެއް އެނގިވަޑައިގަތުމުން އެކަން ހާމަ ކުރައްވާނެ ކަމަށެވެ.
"ތެދެއްމެ މައްސަލަ ލަސްވެއްޖެ އެކަމަކާ އިންކާރެއް ކުރަނީއެއް ނޫން. އެކަމަކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެނަށް ލަސްވިޔަސް ވެސް އެކަމެއް ކުރަން އޮންނަ ހަމައަކުންނޭ އެކަމެއް ކުރެވޭނީ،" ޝަމީމް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު