ތ. ކިނބިދޫން - އަލީ ޔާމީން

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ އިނާޔަތް ދެގުނައަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމަނިކުފާނު ތ. އަތޮޅުގެ ހަތް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރު އެ އަތޮޅު ކިނބިދުއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ އެލަވަންސް ކުޑަކަން ގަބޫލުކުރައްވާ ކަމަށާއި އެހެންވެ އެ އެލަވަންސް ދެ ގުނައަށް ބޮޑު ކުރަން ނިންމަވާފައިވާ ކަމަށެވެ.

ޑަބްލިޔުޑީސީގެ ރައީސާއަށް މިހާރު ލިބެނީ 3500 ރުފިޔާގެ އެލަވެންސެކެވެ. ނައިބަށް 2500 ލިބޭ އިރު މެންބަރަކަށް ލިބެނީ 2000 ރުފިޔާގެ އެލަވެންސެކެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގައި އަންހެނުން އިތުރަށް ބާރުވެރިކުރުން ކަމަށެވެ.