ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.

މި ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށައިފައެވެ. މި ބުރުގައި ފަސް ގޮނޑިއެއްގެ މެދުގައި ވޯޓު ނަގާނެއެވެ. އެއީ ކައުންސިލް ދެ ގޮނޑި އާއި ޑަބްލިއުޑީސީގެ ތިން ގޮނޑިއެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި އިންތިހާބު ކުރާންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވާތީ ގަވާއިދުގައިވާ ގޮތުގެ މަތީން އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ވޯޓުލާން ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރުގެ ވޯޓުލަނީ ހއ. ކެލާ ޑަބްލިއުޑީސީގެ ރައީސްގެ މަގާމާއި ހދ. ނޭކުރެންދޫ އާއި ލ. މާވަށު ޑަބްލިއުޑީސީ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.