އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، އެ މުސާރަތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އެ ބަދަލާއެކު، ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް މީގެ ކުރިން ދޭން ނިންމި ބޮޑު މުސާރަ ވަނީ 20،000 ރުފިޔާއަށް ދަށްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ކަނޑައެޅި އުސޫލުގެ ދަށުން، ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މުސާރަތައް ކުޑަކުރަން މި ނިންމީ، ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ކަނޑައެޅި އަދަދުތަކާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންނެވެ. ޕޭ ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ސިޓީތަކުގެ ރައީސުންނަށް 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 21،000 ރުފިޔާ ދިނުމަށެވެ.

ދައުލަތުގެ އިގްތިސޯދީ ހާލަތަށް ބަލައި ހަރަދު ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި އެފަދަ ބޮޑު މުސާރައެއް ކަނޑައެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އެ ބަދަލުތައް ގެނައުމުގެ ކުރިން ސިޓީތަކުގެ ރައީސުންނަށް ލިބެމުން އައީ 7،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ރައީސުންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އެހެންކަމުން މިއީ ކުރިން ލިބުނު މިންވަރަށް ވުރެ ބޮޑު އަދަދެކެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކުރުމުގެ އިތުރުން، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ވެސް ދާދި ފަހުން ވަނީ ނިންމާފައެވެ.