ކުޅިވަރު

އަގުގެ ރެކޯޑުތައް މުގުރާލައި، ޗެލްސީން ލުކާކޫ ގެންގޮސްފި

މުޙައްމަދު ޝަމްޢޫން

ބޮޑު އަގެއްގައި ޗެލްސީން އަލުން ރޮމެލޫ ލޫކާކޫ އެޓީމަށް ގެންގޮސްފިއެވެ.

ޒުވާން އުމުރުގައި ކުރިންވެސް ޗެލްސީއަށް ކުޅުނު ބްލެޖިއަމްގެ ފޯވަޑް، ލުކާކޫ ޗެލްސީއަށް ސޮއިކޮށްފައި ވަނީ 97.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. އުމުރުން 28 އަހަރުގެ ފޯވަޑް ޗެލްސީއަށް ގޮސްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ގައެވެ.

ކުރިން ޗެލްސީއަށް ކުޅުމަށްފަހު ލުކާކޫ އެ ކްލަބު ދޫކޮށް 2014 ވަނަ އަހަރު ދިޔައީ އެވަޓަންއަށެވެ. އެވަޓަންގައި ގިނަ ގޯލްތަކެއް ޖަހައި، ލުކާކޫ ފަހުން ރެކޯޑު ޓްރާންސްފާއެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއެވެ. އެ ކްލަބާއެކު 96 މެޗު ކުޅެ 42 ގޯލް ޖެހި ލުކާކޫ އިންޓައަށް ބަދަލުވެ އިތުރަށް ފޯމު ރަނގަޅުކުރިއެވެ. 95 މެޗުން ލުކާކޫ ވަނީ އިންޓައަށް 64 ގޯލް ޖަހައިދީފައެވެ.

ލުކާކޫ އިންޓަގައި މޮޅަށް ކުޅެ މިދިޔަ ސީޒަންގެ ސެރެއާ އޭވެސް ހޯދާފައިވާއިރު، ލުކާކޫ އަކީ މިވަގުތު ބެލްޖިއަމްގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

"ޗެލްސީ ދޫކޮށްލިފަހުން އަހަންނަށް ކެރިއަރުގައި އުފާވެރިކަމާއި، ހިތްދަތިކަންވެސް ކުރިމަތިވި. އެ ތަޖުރިބާތަކަކީ އަހަންނަށް ލިބުނު ހިތްވަރެއް. މިހުރީ އާ ޗެލެންޖަކަށް ތައްޔާރަށް. ޓްރޮފީތައް ހޯދަން ތައްޔާރު. މިއީ އަހަރެންގެ ހޯމް،" ޗެލްސީއާ ގުޅުމަށްފަހު ލުކާކޫ ބުނެފައިވެއެވެ.

ލުކާކޫއަކީ ޗެލްސީގެ ތާރީހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ލުކާކޫގެ ކުރިން ޗެލްސީން ރެކޯޑު އަގަކަށް އެންމެފަހުން ގެންދިޔައީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާއެވެ. އޭނާގެ އަގަކީ 85 މިލިއަން ޕައުންޑެވެ. އޭގެ އިތުރުން ލުކާކޫއަކީ ސެރެއާ އޭ ތާރީހުގައިވެސް އެ ލީގުން އެންމެ އަގުބޮޑުކޮށް ކްލަބަކަށް ދިޔަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޕައުލް ޕޮގްބާ އަތުގައި އެ ރެކޯޑު އޮތް ނަމަވެސް ލުކާކޫގެ ޓްރާންސްފާއާއެކު ލުކާކޫއަކީ ސެރެއާ އޭގެ އެންމެ އަގުބޮޑު ޓްރާންސްފާއެވެ.

ލުކާކޫއަކީ މިހާރު އިނގިރޭސިވިލާތުގައިވެސް ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ. ލުކާކޫގެ މަތިން އެއްވަނައިގައި މިވަގުތު އޮތް އެންމެ އަގުބޮޑު ޓްރާންސްފާއަކީ މެންޗެސްޓާ ސިޓީން ގެންދިޔަ ޖެކް ގްރީލިޝްގެ ޓްރާންސްފާއެވެ. އެއީ 100 މިލިއަން ޕައުންޑުގެ ޓްރާންސްފާއެކެވެ.

ގޯލް ޖެހުމުގެ މައްސަލައަށް ހައްލު ހޯދައި، ސްކޮޑު ވަރުގަދަ ކުރުމަށް ޗެލްސީން މިފަހަރު ފުރަތަމަ ބެލީ ޑޯޓުމަންޑުގެ އާލިން ބަޓް ހާލަންޑް ގެންދިޔުމަށެވެ. ޗެލްސީއަށް އެކަން ނުވީ ޑޯޓުމަންޑުން ހާލަންޑް ދޫ ނުކުރުމުންނެވެ.