ވެކްސިން ގެ ދެ ޑޯޒު ޖެހި ނަމަވެސް، އެކި ސަބަބު ތަކާ ހުރެ ދިފާއީ ނިޒާމު އާދަޔާ ހިލާފަށް ބަލިކަށި މީހުންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފި އެވެ.
އެމެރިކާގައި ކޮވިޑް ވެކްސިން ދިނުމަށް ދޫކޮށްފައިވާ އިމަޖެންސީ ހުއްދައަށް އިސްލާހު ގެނެސްފައި މި ވަނީ، އާދަޔާ ހިލާފު ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުން އަދި އެ ނޫންވެސް ސަބަބު ތަކާ ހެދި ދިފާއީ ނިޒާމު ކޮވިޑަށް އިތުރަށް ތައްޔާރު ކުރުވަން ޖެހޭ ފަދަ ހާއްސަ ގުރޫޕުތަކުގެ މީހުންނަށް މި ވެކްސިންގެ އިތުރު ޑޯޒެއް ދެވޭ ގޮތަށް ކަމަށް އެފްޑީއޭއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އެމެރިކާ އަށް އަނެއްކާވެސް މިވަނީ ކޮވިޑުގެ އިތުރު ރާޅެއް އަރާފައި. ކޮވިޑަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅަށް ތައްޔާރު ނުކުރެވޭ މީހުންނަށް މިހާލަތުގައި އޮތް ރިސްކު ބޮޑު ކަމަށް އެފްޑީއޭއަށް ގަބޫލު ކުރެވޭ. އެހެންކަމުން ދިފާއީ ނިޒާމު އާދަޔާ ހިލާފަށް ބަލިކަށި މީހުންނަށް އިތުރު ޑޯޒެއް ދިނުމުން އޭގެ ފައިދާ ކޮށްފާނެ ކަމަށް ގަބޫލު ކުރެވޭ." އެފްޑީއޭގެ އެކްޓިން ކޮމިޝަނަރު، ޑރ. ޖެނެތު ވިޑްކޮކް ގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މި ގޮތުން ދެވޭ ބޫސްޓާ ޑޯޒުގެ ގޮތުގައި ބޭނުންކުރުމަށް އެފްޑީއޭއިން ހުއްދަ ދީފައި ވަނީ ފައިޒާ ނުވަތަ މޮޑާނާ ވެކްސިން އެވެ.
އެމެރިކާގައި އިމަޖެންސީގައި ބޭނުންކުރުމަށް އަދި ހުއްދަ ދީފައި ވަނީ ތިން ވެކްސިން އެކެވެ. އެއީ ދެ ޑޯޒު ފުރިހަމަ ކުރާން ޖެހޭ ފައިޒާ އާއި މޮޑާނާ އަދި އެއް ޑޯޒު ޖަހަން ޖެހޭ ޖޯންސަން އެންޑް ޖޯންސަން ވެކްސިން އެވެ. މީގެ ތެރެއިން ފައިޒާ އަދި މޮޑާނާ ވެކްސިން 12 އަހަރުން މަތީގެ އުމުރުފުރާއަށް ހުއްދަ ދީފައިވާ އިރު ޖޯންސަން އެންޑް ޖޯންސަން ޖަހަން ހުއްދަ ދީފައި ވަނީ 18 އަހަރުން މަތީގެ މީހުންގެ ގަޔަށް އެކަންޏެވެ.
އެފްޑީއޭގެ މި މި ނިންމުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އެމެރިކާގެ ސެންޓާ ފޮ ޑިސީސް ކޮންޓްރޯލް (ސީޑީސީ) މިއަދު ބައްދަލުވުމަށް ވަނީ ނިންމައިފަ އެވެ. މި ބޫސްޓާ ޑޯޒް ޖެހުމާ ގުޅޭ އިތުރު މަޝްވަރާތައް މި ބައްދަލުވުމުގައި ކުރިޔަށް ގެންދާން ވަނީ ނިންމައިފަ އެވެ.
ދާދި ފަހުން ޖޯން ހޮޕްކިންސް އިން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ވެކްސިން ޖެހުމުން ދިފާއީ ނިޒާމު ރަނގަޅަށް ތައްޔާރު ނުވެ ހުންނަ މީހުން މި ބަލީގައި އެނދުމަތިކުރާން ޖެހި، މަރުވުމުގެ ފުރުސަތު ވެކްސިން ޖަހައި ދިފާއީ ނިޒާމު ބައްޔަށް ފުރިހަމަވެފައިވާ މީހުންނަށްވުރެ 485 ގުނަ އިތުރެވެ. ސީޑީސީ އިން ލަފާކުރާ ގޮތުގައި، ވެކްސިން ޖެހި ނަމަވެސް، ބޮޑެތި ބަލިތަކުގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ކޮވިޑަށް ދިފާއީ ނިޒާމު ރަނގަޅަށް ތައްޔާރު ނުވާ ނުވަ މިލިއަން މީހުން އެމެރިކާގައި އެބަތިއްބެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތައް ބަދަލު ކުރުން، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރަމުން އަންނަ މީހުން ހިމެނޭ ކަމަށް ސީޑީސީ އިން ބުނެ އެވެ.
ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މިފަދަ ގުރޫޕުތަކުގެ މީހުންނަށް ކޮވިޑް ވެކްސިންގެ ފައިދާ ކުރި ނަމަވެސް އެންމެ ރަނގަޅަށް ދިފާއީ ނިޒާމު ތައްޔާރު ކޮށްދިނުމަށް ހުރަސްތައް ކުރިމަތިވެ އެވެ. މި ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އާބާދީގެ ވީހާ ގިނަ ބަޔަކު ވެކްސިން ޖަހައިގެން "ހާޑް އިމިއުނިޓީ" އަކަށް ގައުމު ގެންގޮސް އެންމެން ސަލާމަތް ކޮށްދިނުމުގެ ފުރުސަތު ހޯދުމެވެ. އެމެރިކާގައި ވެކްސިން ޖަހާން ޖެހޭ އުމުރުގެ ތިންބައިކުޅަ އެއްބައި މީހުން އަދިވެސް ވެކްސިންގެ އެންމެ ޑޯޒެއްވެސް ފުރިހަމަ ނުކުރާތީ އެ ކަމުގެ ކަންބޮޑުވުން ސީޑީސީ އިން އަންނަނީ ފާޅުކުރަމުންނެވެ.
ކޯވިޑް ވެކްސީން
ކޯވިޑް ވެކްސީން